Roadha Mihaaru
"ގައުމު އިސްލާހުކުރަން ޑްރީމް ޓީމެއް އެކުލަވާލައިފިން"

ގައުމު އިސްލާހު ކުރަން "ޑްރީމް ޓީމެއް" އެކުލަވާލައިފިން: އުމަރު

03 މާޗް 2021

ރާއްޖޭގެ ވެރިކަމަށް އެކި ބޭފުޅުން ވަޑައިގެން އެކި ކުލައިގެ ޕާޓީތަކުން ގައުމު ހިންގައިފި ކަމަށާއި އެކަމަކު އެދެވޭ ބަދަލެއް އެ މީހުންނަށް ނުގެނެވުމުން، ގައުމު އިސްލާހު ކުރުމަށް، "ޑްރީމް ޓީމެއް" މިހާރު އެކުލަވާލައިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ވެރިކަމަށް އެކި ބޭފުޅުން ވަޑައިގެން އެކި ކުލައިގެ ޕާޓީތަކުން ގައުމު ހިންގައިފި ކަމަށާއި އެކަމަކު އެދެވޭ ބަދަލެއް އެ މީހުންނަށް ނުގެނެވުމުން، ގައުމު އިސްލާހު ކުރުމަށް، "ޑްރީމް ޓީމެއް" މިހާރު އެކުލަވާލައިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

އުމަރާއި ރާއްޖޭގެ ސިޔާސީ މައިދާނުން ކުރިން ފެނުނު ބައެއް ބޭފުޅުން އިސްކޮށް ތިއްބަވައިގެން މިރޭ ވަނީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އިސްލާހީ ހަރަކާތެއް އިފްތިތާހުކޮށްފަ އެވެ.

އެ ހަރަކާތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އުމަރު ވިދާޅުވީ ސިޔާސީ މަސައްކަތަކީ ހެޔޮލަފާ މީހުން ކައިރިވާން ފަސް ޖެހޭ ކަމަކަށް މިހާރު ވެއްޖެ ކަމަށެވެ. އޭނާގެ ނަޒަރުގައި މިހާރު ސިޔާސީ މަސައްކަތްތައް ހާއްސަވެފައިވަނީ ވައްކަން ކުރާ މީހުންނަށެވެ. އަދި ސިޔާސީ ގިނަ ޕާޓީތައް ހިމެނޭ ނިޒާމް ތައާރަފް ކުރިތާ 16 އަހަރުވީ އިރު، ދައުލަތުން ގެއްލުނު ފައިސާ އާއި ގައުމު ދޫކޮށް ދިޔަ ތައުލީމީ ތަޖުރިބާ ހުރި މީހުންގެ ސަބަބުންނާއި ޕާޓީތަކުން ވެރިކަން ކުރިގޮތުން އެންމެން ވެސް ސިޔާސީ ޕާޓީތައް ދެކެ ފޫހިވެއްޖެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަމަށް މީގެ ކުރިން ވެސް ކުރިމަތިލެއްވި އުމަރު ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގައި ފަސް ބޭފުޅަކު ވެރިކަން ކުރެއްވި އިރު، ގައުމުގެ ބޮޑެތި މައްސަލަތަކަށް ހައްލެއް ނާދެ އެވެ. ޒުވާނުން ވަޒީފާއެއް ނުލިބި، ކާއެއްޗެއް ނެތި، ޑަސްބިން ހާވާއިރު، ބިދޭސީން އެކި ވިޔަފާރިތަކާ ހަވާލުވެއްޖެ އެވެ. ގައުމުގެ އިގްތިސޯދު ފުނޑިއްޖެ އެވެ. މަސްތުވާތަކެއްޗާއި ގޭންގުތައް އާއްމުވެއްޖެ އެވެ. އެކަމަކު ޕާޓީގެ ނިޒާމާއެކު، ސާފުސީދާ، ކޮރަޕްޝަން މަދު، ހަރުދަނާ ބައެއް ވެރިކަމަށް އަންނާނެ ކަމުގެ އުއްމީދުގައި ތިއްބައި، "ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި، ދައުލަތުގެ ކަރާމާތް ގެއްލުން ނޫން ކަމެއް ނުވި" ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި "ޓެސްޓު ކުރެވިފައިވާ" ލީޑަރުންނާ މެދު ދެން އަލުން ކުރާނެ އުއްމީދެއް ނެތެވެ. އަދި އެ މީހުން ގެނެސްދޭނެ އާ ވައުދެއް، ކިޔައިދޭނެ އާ ވާހަކައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، ދިވެހިން މިހާރު އިންތިޒާރު ކުރަނީ ތައުލީމާއި ތަޖުރިބާހުރި، ތެދުވެރި އިހްލާސްތެރި ޓީމެއް ފެންނާނެ ދުވަހަކަށް. މި ދައުލަތް އަލުން ތަރުތީބުކޮށްދޭނެ އާ ބަޔަކަށް،" ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަބަބުތަކަށްޓަކައި، ސިޔާސީ ގޮތުންނާއި ތައުލީމީ ގޮތުން ގާބިލް ގިނަ ބަޔަކު ޖަމާވެ، "ޑްރީމް ޓީމެއް" އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެ ޓީމުގެ މަގްސަދަކީ، އުމަރު ވިދާޅުވި ގޮތުގައި، ކޮރަޕްޓް ވެރިންގެ އަތުން ގައުމު އަތުލައި، ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމެވެ. އަދި ގައުމީ މި މަސައްކަތް، ގޯޅިގޯޅި ކަންމަތީގައި، ޓްވިޓާގައި ނުވަތަ ފޭސްބުކްގައި ދައްކައިގެން ހައްލު ނުވާނެ ކަމަށާއި ނިކުންނަން ޖެހޭނީ ސިޔާސީ ރޭހަކަށް ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޑީއެންއޭއިން ވާދަކުރާނެ ކަމަކަށް އުމަރު ސީދާކޮށް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރިޔާސީ އިންތިޚާބަށް އުފެއްދި، ކެމްޕޭން ހަރަކާތެއް ނޫނެވެ. އެކަމަކު ރިޔާސީ އިންތިޚާބު ވާނީ، ގައުމު "ޓްރާންސްފޯމް" ކުރުމަށް ނުވަތަ ބަދަލުކުރުމަށް ލިބޭ ފުރުސަތަކަށް ކަމަށް ވިދާޅުވި އެވެ.

"އެ ފުރުސަތުގެ ބޭނުން ހިފާނީ ކިހިނެއްތޯ ނިންމާނީ އިންތިޚާބު ކައިރިވީމަ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ބާރުވެރިކުރުމަށް އުފެއްދި މި އިސްލާހީ ހަރަކާތުގައި، އެމްއެންޑީއެފްގައި ކުރިން އުޅުއްވި ވިޔަފާރިވެެރިޔާ ކެޕްޓަން އަލީ އިހްސާނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މާޒް އަހުމަދު ސަލީމާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ކަރެކްޝަނަލް ސާވިސްގެ ކުރީގެ ވެރިޔާ، އަބްދުﷲ މުނާޒް ހިމެނިވަޑައިގަންނަވަ އެވެ.

އެކަމަކު މިރޭގެ ރަސްމިއްޔާތުގައި އޭގެތެރެއިން ވާހަކަ ދެއްކެވީ، ދުންޔާ އާއި މުނާޒު އެކަންޏެވެ.