Roadha Mihaaru
އޭސީސީއާ ހަދިޔާ ހަވާލު ކުރުން ރަނގަޅެއް ނޫން: ނިޔާޒް

އޭސީސީއާ ހަދިޔާ ހަވާލު ކުރުން ރަނގަޅެއް ނޫން: ނިޔާޒް

05 ޖެނުއަރީ 2019

އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ބަދަލެއް ނޫން ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ބަދަލެއް ނޫން ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވާ ނިޔާޒް ވިދާޅުވީ މުވައްޒަފުންގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާ ނަގަން ޖެހޭނީ ދައުލަތުގެ ހަޒާނާއަށް ކަމަށެވެ.

އޭނާ ވިދާޅުވީ މައި ސަރުކާރުން އުފުލަން ޖެހޭ ފަދަ މަސްއޫލިއްޔަތެއް އޭސީސީ ފަދަ މިނިވަން މުއައްސަސާއަކާ ހަވާލުކުރުމަކީ ކޮމިޝަނުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން އެ ނިންމުން އަލުން މުރާޖައާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް، އޭނާ ކުރެއްވި ޓްވީޓްގައި، ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިބޭ ހަދިޔާ އޭސީސީއާ ހަވާލުކުރަން ޖެހޭ ގޮތަށް ބަދަލުކޮށްފައި ވަނީ 2012 ގައި އެކުލަވައިލި ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލު އިސްލާހުކޮށްގެންނެވެ.

ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޝައްކު އުފެދޭ ގޮތަށް ލިބޭ ހަދިޔާ އޭސީސީއާ ހަވާލުކުރުމަކީ ގާނޫނުގައި އޮންނަ ގޮތް ކަމަށެވެ. އަދި އޭނާގެ ވަޒީރުކަމުގައި ހޯމް މިނިސްޓްރީން އަމަލު ކޮށްފައި ވަނީ އެގޮތަށް ކަމަށް ވެސް އޭނާގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލަށް ބުރާސްފަތި ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ހަދިޔާއެއް ލިބިއްޖެ ނަމަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އޭސީސީއަށް ނުވަތަ އޭސީސީން ކަނޑައަޅާ ފަރާތަކަށް އެ އެއްޗެއް ހަވާލުކުރަން ޖެހެ އެވެ.

ސިޔާސީ މުވައްޒަފަކު އެފަދަ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އަދި އެފަދަ ހަދިޔާއެއް ދިނުމަށް މީހަކު ހުށަހަޅައިފި ނަމަ އެކަން އޭސީސީއަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.