Roadha Mihaaru
މަސްފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު

މަސްފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު: ހޮސްޕިޓަލް

04 މާޗް 2021

ރ. އުނގޫފާރުގައި މަސްފަންގަނޑަކަށް ވެއްޓުނު ކުއްޖާ އަށް އެ ރަށު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވޯޑަށް ބަދަލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރ. އުނގޫފާރުގައި މަސްފަންގަނޑަކަށް ވެއްޓުނު ކުއްޖާ އަށް އެ ރަށު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވޯޑަށް ބަދަލުކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ ހެލްތު ސާވިސަސްގެ މެނޭޖަރު އިބްރާހިމް ޒައްޔާން "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ހާލު ބޮޑުވި އެއް އަހަރާއި ހަތަރު މަހުގެ ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ އައިސީޔޫގައި ބާއްވައިގެން ކަމަށް ވިޔަސް ހާލު ރަނގަޅުވުމުން އިއްޔެ ވޯޑަށް ބަދަލުކުރީ އެވެ.

"މިހާރު އިތުރު ޓެސްޓުތަކަށް ހަދަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

އެ ޓެސްޓުތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ނަމަ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކުއްޖާ ވެއްޓުނީ އެ ކުއްޖާ ދިރިއުޅޭ ގޭގައި ހުރި މަސްފެންގަނޑަކަށެވެ. އެ ކުއްޖާ މަސްފެންގަނޑު ތެރޭގައި ދެތިން މިނެޓް އޮތް ކަމަށް ބެލެވޭ ކަމަށް ޒައްޔާން މީގެ ކުރިން ވިދާޅުވި އެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް މީގެ ދެ ހާދިސާއެއް ލ. ގަމުގައި ހިނގި އެވެ.