Roadha Mihaaru
ހޭނައްތާ ޑޮކްޓަރުން ނުލިބި އޮޕަރޭޝަންތައް މަޑުޖެހިއްޖެ

ހޭނައްތާ ޑޮކްޓަރުން ނުލިބި އޮޕަރޭޝަންތައް މަޑުޖެހިއްޖެ

14 ނޮވެމްބަރ 2021

ބައެއް ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ނުލިބި، އޮޕަރޭޝަންތައް މަޑުޖެހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ނުލިބި، އޮޕަރޭޝަންތައް މަޑުޖެހިއްޖެ އެވެ.

މިހާރު ވެސް ރ، ގއ، ގދ، މ އަދި ލ. އަތޮޅުގެ ހޮސްޕިޓަލުތަކުގައި ހޭނައްތާ ޑޮކްޓަރުން ނެތިގެން އޮޕަރޭޝަންތަކަށް ގޮންޖެހުންތަކާ ދިމާވެފައިވެ އެވެ.

މ. މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ނާފިޒު ވިދާޅުވީ އެ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތްތާ ތިން މަސް ވެއްޖެ ކަމަށެވެ. އެކަމުގެ ސަބަބުން އޮޕަރޭޝަންތައް ނުކުރެވި، ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޑޮކްޓަރު ވަޒީފާއިން ވަކިވެގެން ދިޔައީ އުމުރުން 65 އަހަރުވުމުންނެވެ.

ހޭނައްތާ ޑޮކްޓަރެއް ނެތުމުން ބަލި މީހުން ދެން ރެފާ ކުރަނީ އެންމެ ކައިރީގައި ހުންނަ ހޮސްޕިޓަލަށެވެ. ނަމަވެސް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ވެސް ހޭނައްތާ ޑޮކްޓަރެއް ނެތުމުން މާލެއަށް ފޮނުވަންޖެހޭ ކަމަށް ނާފިޒު ވިދާޅުވި އެވެ.

"މި ތަނުގައި ހޭނައްތާ ޑޮކްޓަރެއް ނެތީމަ، ސިޒޭރިއަން ހަދާ މާބަނޑު މީހުން މި ފޮނުވަން ޖެހެނީ އެންއައިސީޔޫ ހުންނަ ހޮސްޕިޓަލަކަށް. އެ ގޮތަށް ބަލާއިރު ގަމު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވޭކަށް ނެތް ހޭނައްތާ ޑޮކްޓަރެއް ނެތީމަ،" އޭނާ ވިދާޅުވި އެވެ.

"ދެން މާލެއަށް ފޮނުވަން މި ޖެހެނީ. އެކަމަކު އެއީ ބަލި މީހުންނަށް ފަސޭހަ ކަމަކަށް ވެގެން ނުދޭ،"

އެ ސަރަހައްދުގައި ވެސް ހޭނައްތާ ޑޮކްޓަރެއް މި ވަގުތު ހުރީ ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގަ އެވެ.

ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތު ސާވިސަސްގެ މެނޭޖަރު އިބްރާހިމް ޒަޔާން "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި މި ފަހަކާ ޖެހެންދެން ހޭނައްތާ ތިން ޑޮކްޓަރުން ތިބި ކަމަށެވެ. އެ ތަނުން އެއް ޑޮކްޓަރަކު އެހެން ހޮސްޕިޓަލަކަށް ބަދަލުކުރިއިރު އެހެން ޑޮކްޓަރަކު ވަޒީފާއިން ވަކިވެގެން ގޮސްފައިވެ އެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ ހޭނައްތާ ޑޮކްޓަރު ޗުއްޓީއަށް ދިއުމުން މި ވަގުތު ބައެއް އޮޕަރޭޝަންތައް ކުރަމުން ދަނީ ނ. އަދި ޅ. އަތޮޅުން ޑޮކްޓަރުން ގެނެސްގެންނެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި ދާއިމީކޮށް މަސައްކަތްކުރާނެ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޕަރޭޝަން ނުކުރެވިގެން އެހެން ތަނަކަށް ރެފާ ކުރަން މި ޖެހުނީ އެންމެ މީހެއް. އެ ދުވަހު ވެސް ކަނޑު ގަދަވެގެން ދަތުރުނުކުރެވިގެން ޑޮކްޓަރަށް ނާދެވުނީ،" ޒަޔާން ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އެ ދެ ހޮސްޕިޓަލުން ވެސް ފާހަގަކުރި ގޮތުގައި ރާއްޖެއިން ބޭރުން ވެސް އެހެން ބަލިތަކުގެ ޑޮކްޓަރުންނަށް ވުރެ ހޭނައްތާ ޑޮކްޓަރުން ހޯދުމުގައި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

ހޭނައްތާ ޑޮކްޓަރަކު "މިހާރު" އަށް ވިދާޅުވީ، އެ ދާއިރާގެ ތަމްރީނު ލިބިފައިވާ ދިވެހިން ވަރަށް މަދު ކަމަށެވެ. އެމްބީބީއެސް ހަދައިގެން އަލަށް ނުކުންނަ ޒުވާނުންގެ ތެރޭގައި ވެސް އެނެސްތީސިއާ އަށް ޝައުގުވެރިކަން ހުރި ޑޮކްޓަރުން ވަރަށް މަދު ނަމަވެސް އެކަމަށް ޕޮލިސީ ލެވެލްގައި އެއްވެސް އިސްކަމެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޭޕާލުން ސްޕެޝަލިސްޓުން ތަމްރީނުކުރަން ލިބުނު ސްކޮލަޝިޕުތައް ވެސް އެނެސްތީސިއާ ސީޓު ދިޔައީ ހުސްކޮށް. އެހެން ދިމާވިއިރު ވެސް ސަރުކާރުން ނެތް ޕުޝް އެއް ދީފައެއް،" ނަން ނުޖެހުމަށް އެދި ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

އެ ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ބޭރުން ވެސް ހޭނައްތާ ޑޮކްޓަރުން ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތިވަނީ މުސާރަ ކުޑަވުމުންނެވެ.

"އެ މީހުން އަމިއްލަ ގައުމުގައި މަސައްކަތްކޮށްގެން ލިބޭ މުސާރައަށްވުރެ މާ ކުޑަ އެއްޗެއް މި ލިބެނީ ރާއްޖޭގައި ހުރެގެން. އެހެންވީމަ ބޭނުމެއް ނުވާނެ ދޯ މި ހާލަތުގައި އޮއްވައި އަންނާކަށް. ޔޫރަޕްގައި މިހާރު އެންމެ ބޮޑު މުސާރަަ ލިބޭ އެއްބަޔަކީ އެނެސްތީސިއާ،" އޭނާ ވިދާޅުވި އެވެ.

ހޭނައްތާ ޑޮކްޓަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ މީހުންނަށް ހާއްސަ އެލަވަންސެއް ދޭން ފެށި އެވެ. އެކަމަކު، އެހެން ދާއިރާތަކުގެ ޑޮކްޓަރުންގެ ޝަކުވާއާއެކު އެކަން ވެސް ވަކި ހިސާބަކުން ހުއްޓިގެން ދިޔައީ އެވެ.