Roadha Mihaaru
ފުރަތަމަ ސްޕޭސް ހޮޓާ ހުޅުވުން 2027 ގައި

ފުރަތަމަ ސްޕޭސް ހޮޓާ ހުޅުވުން 2027 ގައި

05 މާޗް 2021

ދުނިޔޭގެ ފުރަތަމަ ސްޕޭސް ހޮޓާ 2027 ގައި ހުޅުވާނެ ކަމަށް އެ މަޝްރޫއު އިއުލާންކޮށްފައިވާ އެމެރިކާގެ ކުންފުނި ގޭޓްވޭ ފައުންޑޭޝަނުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ފުރަތަމަ ސްޕޭސް ހޮޓާ 2027 ގައި ހުޅުވާނެ ކަމަށް އެ މަޝްރޫއު އިއުލާންކޮށްފައިވާ އެމެރިކާގެ ކުންފުނި ގޭޓްވޭ ފައުންޑޭޝަނުން ބުނެފި އެވެ.

މި ޕްރޮޖެކްޓް އެ ކުންފުނިން 2019 ގައި އިއުލާންކޮށް "ކްރޫޒް-ޝިޕް ސްޓައިލް" ގެ ހޮޓާ ހުންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް ދައްކާލާފައިވެ އެވެ. ކުރެހުންތަކުން ހޮޓާ ސިފަކޮށްދެނީ ފުރޮޅެއްހެންނެވެ. މިއީ ރޮޓޭޓިން އިލެވޭޓާ ޝާފްޓެއްގައި ގުޅާލާފައި އިންނަ 24 މޮޑިއުލްސް އެވެ.

ދުނިޔޭގެ ޖައްވުގެ ތެރޭގައި ހިންގާ މި ހޮޓަލަށް ކުރިން ދިފައިވާ ނަމަކީ "ވޮން ބްރޯން ސްޓޭޝަން" އެވެ. ނަމަވެސް މިހާރުގެ ނަމަކީ "ވޮޖޭޔާ ސްޓޭޝަން" އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ގޭޓްވޭ ފައުންޑޭޝަންގެ ވެރިޔާ ޖޯން ބްލިންކައު ވިދާޅުވީ ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް މަޑު ޖެހުނު ކަމަށެވެ. ނަމަވެސް 2026 ގައި ހޮޓާ ތަރައްގީކުރުމުގެ މަސައްކަތް ފަށައި 2027 ގައި އެތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ހޮޓާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތްކުރާނީ ގޭޓްވޭ އިން އަލަށް އުފެއްދި ސަބްސިޑަރީ ކުންފުނި އޯބިޓަލް އެސެމްބްލީ ކޯޕަރޭޝަނުންނެވެ. ދުނިޔެއާ 400 ކިލޯމީޓަރު ދުރުގައި ތަރައްގޫކުރާ ސްޕޭސް ހޮޓާ މަޝްރޫއަށް 75 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

"އަހަރެމެން އާންމުންނަށް ކަށަވަރުކޮށްދޭން ބޭނުންވޭ ޖައްވަށް ދަތުރުކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން. މި ހޮޓާ ތަރައްގީވެ އޮޕަރޭޝަނަށް އައުމާ އެކު، ޖައްވު ތަޖުރިބާކޮށްލަން ދާން ބޭނުންވާ މީހުން އިތުރުވާނެ،" ޖޯން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ހަގީގަތަކަށްވާން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.

"އަސްލު މިކަން މިހާރު މިއޮތީ ހަގީގަތަކަށްވުމުގެ މަގުމަތީގައި،" ޖޯން ވިދާޅުވި އެވެ.

ގޭޓްވޭ ފައުންޑޭޝަނުން ބުނި ގޮތުގައި ސްޕޭސް ހޮޓާ "ވޮޔާޖޭ ސްޓޭޝަން" އަކީ އޭގެ ތެރޭގައ ތިބޭ އިރު ޖައްވުގެ ސާފު މަންޒަރު ވަށައިގެން ފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ އަދި ލަގްޒަރީކަން އިހުސާސްކުރެވޭނެ ތަނެކެވެ.

ނަމަވެސް ދަތުރުތަކަށް ނަގާނެ އަގާއި ހޭދަކުރާ މުއްދަތަށް ޗާޖްކުރާނެ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

ފަހަކަށް އައިސް ސްޕޭސް ޓޫރިޒަމްގެ ވާހަކަ ވަރަށް ގިނައިން ދެކެވެމުން އަންނަ އިރު ޓޫރިސްޓުންގެ ގޮތުގައި ޖައްވަށް މީހުން އުފުލަން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އާއި މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން ގެލޭޓިކް އަދި އޯރިއޯން ސްޕޭސް ހިމެނެ އެވެ.