Roadha Mihaaru
ޖައްވީ ދަތުރުގެ ހާއްސަ ސީޓް 28 މިލިއަނަށް ވިކިއްޖެ

ބްލޫ އޮރިޖިންގެ ޖައްވީ ދަތުރުގެ ހާއްސަ ސީޓް 28 މިލިއަން ޑޮލަރަށް ވިކިއްޖެ

14 ޖޫން 2021

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްގެ ބްލޫ އޮރޮޖިން އިން އަންނަ މަހު ޖައްވަށް ކުރާ ފުރަތަމަ ދަތުރަށް ނީލަން އުސޫލުން ވިއްކަން ނިންމި ސީޓަށް 28 މިލިއަން ޑޮލަރު ލިބި، ނީލަން ހޮނިހިރު ދުވަހު ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްގެ ބްލޫ އޮރޮޖިން އިން އަންނަ މަހު ޖައްވަށް ކުރާ ފުރަތަމަ ދަތުރަށް ނީލަން އުސޫލުން ވިއްކަން ނިންމި ސީޓަށް 28 މިލިއަން ޑޮލަރު ލިބި، ނީލަން ހޮނިހިރު ދުވަހު ނިންމާލައިފި އެވެ.

މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނީލަން ފެށި ފަހުން އެކި ފަހަރު މަތިން އަގު އަރަމުން ގޮސް ނީލަން ނިންމައިލަން 10 މިނިޓަށްވެފައި ވަނިކޮށް އެންމެ ބޮޑު އަގަކަށް ހުށަހެޅީ 28 މިލިއަނެވެ. އެ އަގާ އެކު ނިލަން ނިންމައިލި ނަމަވެސް ސީޓް ކާމިޔާބުކުރި މީހާގެ ނަމެއް ހާމައެއްނުކުރެ އެވެ.

ނަމަވެސް ވަރަށް އަވަހަށް އޭނާގެ ނަމާ އެކު، ދަތުރުގައި ބައިވެރިވާ އިތުރު މީހުންގެ މައުލޫމާތު އާންމުކުރާނެ ކަމަށް ބްލޫ އޮރިޖިން އިން ބުންޏެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ނީލަމުގައި ވިއްކަން ނިންމި ސީޓަށް 159 ގައުމަކުން 7،600 މީހަކު ޝައުގުވެރިކަން ފާޅުކޮށް، ނީލަމަށް ރަޖިސްޓްރީކުރި އެވެ.

އަންނަ މަހުގެ 20 ގައި ބާއްވާ ބްލޫ އޮރިޖިންގެ ފުރަތަމަ ދަތުރުގައި ޖެފްގެ އިތުރުން އޭނާގެ ކޮއްކޮ މާކް ބެޒޯސް ވެސް ބައިވެރިވާނެ އެވެ.

މި ދަތުރަށް ބޭނުން ކުރާނީ ބްލޫ އޮރިޖިން އިން ބަނދެފައިވާ ހަ ސީޓްގެ "ނިއު ޝެފަޑް" އެވެ. މިއީ ރޮކެޓް ފަރުމާ އަށް ހަދާފައިވާ 60 ފޫޓް ދިގު އެއްޗެކެވެ. މި އުޅަނދުގައި ޖައްވުގެ ތެރޭގައި 10 މިނިޓްގެ މައިކްރޮގްރެވިޓީ ތަޖުރިބާކޮށްލެވޭނެ އެވެ.

އަންނަ ބާއްވާ ދަތުރަށް ފަހު މި އަހަރުގެ ފަހުކޮޅު އިތުރު ދަތުރުތަކެއް ބާއްވަން ވެސް ބާއްވާނެ ކަމަށް ބްލޫ އޮރިޖިން އިން ބުނެފައިވެ އެވެ.