Roadha Mihaaru
ބެންޒެމާގެ ގޯލުން ރެއާލް ސަލާމަތްވެއްޖެ

ބެންޒެމާގެ ގޯލުން އެތުލެޓިކޯ އަތުން ރެއާލް ސަލާމަތްވެއްޖެ

07 މާޗް 2021

މެޑްރިޑް (މާޗް 7) - ސްޕެނިޝް ލީގުގައި މިރޭ ކަރިމް ބެންޒެމާ ޖެހި ގޯލުން އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވެ، ބަލިނުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ސަލާމަތްވެއްޖެ އެވެ.

މެޑްރިޑް (މާޗް 7) - ސްޕެނިޝް ލީގުގައި މިރޭ ކަރިމް ބެންޒެމާ ޖެހި ގޯލުން އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވެ، ބަލިނުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ސަލާމަތްވެއްޖެ އެވެ.

މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 25 މެޗުން 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް ތިން ވަނައިގައި އޮތީ 26 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަަގަައިދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އޭނާ މި ގޯލު ޖެހީ މާކޯސް ލޮރެންޓޭ ދިން ބޯޅައަކުންނެވެ. މިއީ ބާސެލޯނާ ދޫކޮށް މި ފަހަރު އެތުލެޓިކޯ އަށް ބަދަލުވި ސުއަރޭޒް ލީގުގައި ޖެހި 17 ވަނަ ގޯލެެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ރެއާލްގެ ކަސެމީރޯ ޖެހި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެތުލެޓިކޯގެ ޔަނިކް ކަރާސްކޯ ޖެހި ބޯޅައެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 79 ވަނަ މިނިޓްގައި ބެންޒެމާ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެތުލެޓިކޯ އޭރިއާތެރެއިން ބެންޒެމާ ދެ ފަހަރު ޖެހި ބޯޅަ ވެސް ކީޕަރު އޮބްލަކް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން ބެންޒެމާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ވެސް މެޗުގައި މޮޅަށް ކުޅުނު އޮބްލަކް އެވެ. އެކަމަކު މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ބެންޒެމާ ވަނީ ލަނޑެއް ޖަަހައިފަ އެވެ. އޭރިއާތެރިން ކަސެމީރޯ މުޅިން ހުސްކޮށްލާފައި ބެންޒެމާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި ނަތީޖާއާ އެކު 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު ލީގުގައި ރެއާލް އަތުން މޮޅުވުމަށް އެތުލެޓިކޯ އިން ކުރަމުން އައި އިންތިޒާރު ދިގުވީ އެވެ.