Roadha Mihaaru
ޕިކްނިކް ދަތުރުގައި ގޮސް ވަދެވުނީ މާޒީގެ ތެރެއަށް!

ޕިކްނިކް ދަތުރުގައި ގޮސް ވަދެވުނީ 27 އަހަރު ކުރީގެ މާޒީއަށް!

08 މާޗް 2021

އިރުވައިގެ އެންމެ ވައިމަޑު ދުވަހެއް ނަމަވެސް މި ރަށަށް ފައިބަން މި ޖެހުނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރެއިންނެވެ. ވަރަށް އަވަސް ހަރަކާތްތަކާ އެކު ކުދިވެރިން ގެންގޮސް އެއްގަމަށް ލީއިރު ޑިންގީ ދުއްވާ މީހާއަށް ހުންނަން ޖެހުނީ އަހަރެމެންނަށް އެއްވެސް ކަމެއް ކޮށްނުދީ ޑިންގީ ހިމާޔަތްކުރުމުގަ އެވެ. އޭނާ އެހެން ނުހުރެ ކުޑަކުއްޖަކު އެއްގަމަށް ލާން އުޅުނު ނަމަ ޑިންގީ ހަލާކުވުން ގާތެވެ. މި ރަަށުގެ ގޮނޑުރާޅު އެހާ ވެސް ބޮޑުވެފައި، ލަފާކޮށްލަންް ވެސް ނޭނގެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިރުވައިގެ އެންމެ ވައިމަޑު ދުވަހެއް ނަމަވެސް މި ރަށަށް ފައިބަން މި ޖެހުނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރެއިންނެވެ. ވަރަށް އަވަސް ހަރަކާތްތަކާ އެކު ކުދިވެރިން ގެންގޮސް އެއްގަމަށް ލީއިރު ޑިންގީ ދުއްވާ މީހާއަށް ހުންނަން ޖެހުނީ އަހަރެމެންނަށް އެއްވެސް ކަމެއް ކޮށްނުދީ ޑިންގީ ހިމާޔަތްކުރުމުގަ އެވެ. އޭނާ އެހެން ނުހުރެ ކުޑަކުއްޖަކު އެއްގަމަށް ލާން އުޅުނު ނަމަ ޑިންގީ ހަލާކުވުން ގާތެވެ. މި ރަަށުގެ ގޮނޑުރާޅު އެހާ ވެސް ބޮޑުވެފައި، ލަފާކޮށްލަންް ވެސް ނޭނގެ އެވެ.

ތުނޑީގައިވާ އާދަޔާ ހިލާފަށް ހިމުން ވެލީގެ ސިއްރަކީ ވެސް، ބެލެވޭ ގޮތުގައި، އެއް އިރެއްގައި ވެސް މުޅިން ނުހުއްޓޭ އެ ރާޅުތަކެވެ. އަހަރެމެން ފައިބަން ޖެހުނީ ދާން ޖެހޭ ގެއާ ދިމާލަކަށް ނޫނެވެ. ގެނައި އެއްޗެހި ކޮނޑުމަތިން އުފުލައި ނިމުނު އިރު ހުރީ ފައި ވާޅުވެފަ އެވެ. އެކަމަކު އެއް އިރެއްގައި އަހަރެންގެ އަމިއްލަ ގެއަށް ޒިޔާރަތް ކުރުން ލަސްކުރާ ހިތެއް ނުވި އެވެ. އެހާ ދުވަސް ފަހުން ރަށަށް އާދެވުނީމާ ބޭނުންވީ ގޮނޑުދޮށުން ގޮސް ގެއާ ދިމާ މަގުން އެއްގަަމަށް އަރާށެވެ.

ބޮޑު މަގުން އެއްގަމަށް އަރަން އުޅުމުން ފެނުނީ ވަރަށް ހިތްދަތި މަންޒަރެކެވެ. ރަށް ގިރައިގެން އުފެދުނު ގުންޑޮޅިއާ، މަކުތަބު (މިހާރު ނަމަ ސްކޫލް)ގެ ހުޅަނގު ކޮޅުގައި ހުންނަ ފެން ތާނގީތަކާ ދެމެދު ނުގިރާ އޮތީ ދެ ފޫޓުހާ ތަނެވެ. ތުނޑި އާއި އެ ފެން ތާނގީތަކާ ދެމެދު އޭރު ވަރަށް ބޮޑު ޖާގައެއް އޮވެ އެވެ. ސްކޫލްގެ ގޮނޑުދޮށަށް އޮންނަ ފުޅާ އެ މަގަށް ކިޔަނީ ބޮޑު މަގެވެ. އެ މަގުން އެއްގަމަށް އަރާއިރު ކަނާތް ފަރާތުގައި ހުންނަ ބޮޑު ޅޮސް ގަސް މިހާރު ފެންނާކަށް ވެސް ނެތެވެ. ގަސްތައް ހެދެމުން ބެދެމުން ގޮސް އެ ގަސް ވީ މިހާރު ބޯކޮށް އޮތް ވަލުތެރޭގަ އެވެ. ވައަތް ފަރާތުގައި ގޮނޑުދޮށަށް އޭރު ހުރި ޅޮސް ގަސް ވަނީ ގިރުމުގެ ސަބަބުން ވެއްޓި، ނެތިފަ އެވެ.

ގާއުނޑޫދޫ ހުކުރު މިސްކިތުގެ ފާރުތައް. މި ރަށުން މީހުން ފައިބައި ނިމުނީ 1995 ގައި. ފޮޓޯ: މުހައްމަދު ނަސީމް/މިހާރު

ގާއުނޑޫދޫ ހުކުރު މިސްކިތުގެ ފާރުތައް. މި ރަށުން މީހުން ފައިބައި ނިމުނީ 1995 ގައި. ފޮޓޯ: މުހައްމަދު ނަސީމް/މިހާރު

ރަށުގެ ރައްޔިތުންގެ ހަނދާންތަކާ ގުޅިފައި ހުރި މަކުތަބުން ފެންނަން ހުރީ ތަނބުތަކާއި ބެރިތަކެވެ.

ގަސްތައް ފޭކުރަމުން ދިޔައީ ގެއާ ދިމާލަށެވެ. ކުޑައިރު ބައްޕަ ހެދި ފާހާނާގެ ތެރޭގައި ހުރީ މިދިލި ގަހެކެވެ. ބައްޕަމެން ކިޔައި އުޅުނު ގޮތުން ނަމަ ރަށުގައި ފާހާނާތައް ހެދީ ރާއްޖެއަށް ފެތުރުނު ކޮލެރާ އާއި ޝިގެއްލާގެ ބަލިމަޑުކަމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެކަމަކު ވަރަށް މަދު ފަހަރަކު ނޫނީ އެ ފާޚާނާ ބޭނުންކުރި ހަނދާނެއް ނެތެވެ. އެކަމަކު ކަނަމަދު ކައިފައި އެތަނަށް ކުދިވެރިން އޮށްތައް އުކާލަ އެވެ. މިހާރު ހެދިފައި ހުރި މިދިލި ގަހަގީ އޭރު އެޅި އޮއްތަކުގެ ތެރެއިން އޮށަކުން ފެޅި ގަހަކަށް ވެސް ވެދާނެ އެވެ.

ކުޑައިރު އަހަރެން ދިރިއުޅުނު ކޮޓަރީގެ ތެރޭގައި ހުރީ ކަށިކުނބުރެވެ. އެއީ އަހަރެމެން ހަނދާން ހުންނަ ވަރު ވީ ފަހުން ގެއަށް ބައްޕަ އިތުރުކުރި ކޮޓަރިއެކެވެ. އޭގެ ކުރީގައި ހުންނަނީ އެތެރެގެއަކާއި ބޭރުގެއެކެވެ. އެތެރެގެއިން ބޭރުގެއަށް ކަނޑާފައި ހުންނަ ކުޑަދޮރު އަދިވެސް ރީއްޗަށް އެބަ ހުއްޓެވެ. އެކަމަކު އެ ކުޑަދޮރުން ބޭރު ބަލައިލީމާ މިހާރު ފެންނަނީ ބޮޑުއަށްޓާއި އުނދޯއްޔެއް ނޫނެވެ. ބޯކޮށް ހެދިފައި ހުރި ގަސްތަކެވެ.

މިއީ އެއް އިރެއްގައި މީހުން ދިރިއުޅުނު ރ. ގާނއުޑޫދު އެވެ. މި ރަށް ދޫކޮށް އަހަރެމެން ދިޔަތާ މިވީ 27 އަހަރެވެ.

ގާއުނޑޫދޫގައި މީހުން އުޅުނު އިރު ފުޓުބޯޅަ ދަނޑު އޮތް ތަން. މިހާރު މިތަން ސާފުކޮށްފައި މިހާރު މިއޮތީ ދަނޑުވެރިކަމަށް. --ފޮޓޯ: މުހައްމަދު ނަސީމް/މިހާރު

ގާއުނޑޫދޫގައި މީހުން އުޅުނު އިރު ފުޓުބޯޅަ ދަނޑު އޮތް ތަން. މިހާރު މިތަން ސާފުކޮށްފައި މިހާރު މިއޮތީ ދަނޑުވެރިކަމަށް. --ފޮޓޯ: މުހައްމަދު ނަސީމް/މިހާރު

އޭގެ ފަހުން އެ ރަށަށް މިއައީ ސްކޫލް ބަންދުވީމާ ދަރިންނަށްޓަކައި ކުރި ޕިކްނިކް ދަތުރެއްގަ އެވެ. ރޭކުރުން އޮތީ ރަށްވެރިގެއާ ދިމާ ގޮނޑުދޮށުގައި ޖަހާ ފޭލިގެއެއްގަ އެވެ.

1993: ރަށް ދޫކޮށް ދިއުމުގެ ތައްޔާރީތައް

އަރައި ފައިބަން އުނދަގޫ ވުމާއި އިތުރަށް ގޯތިދޭނެ ބިން ވެސް ނެތުމުން އެންމެ ގާނއުޑޫދޫ ފަޅުކޮށް ބިން ބޮޑު ރަށަކަށް މީހުން ބަދަލުކުރަން ސަރުކާރުން ނިންމި ފަހުން ބައްޕަމެން ތިބީ އެކަމަށް ކެތްމަދުވެފަ އެވެ. ގާނއުޑޫދޫގެ އިތުރުން އުނގުލުގެ މީހުން ވެސް ބަދަލުކުރަން ނިންމި އެވެ. ދެ ރަށު މީހުންނަށް ތަރައްގީކޮށްދިނީ މިހާރު މަޝްހޫރު ނަމުން ނަމަ ހުޅުދުއްފާރެވެ.

ބިން ބޮޑު، ބަނދަރު ރަނގަޅު އެރަށަށް މީހުން ބަދަލުކުރަން ސަރުކާރުން ދެ ގޮތެއް ހުށަހެޅި އެވެ. އެއް ގޮތަކީ ދެ ރަށުގައި ހުރި ކޮންމެ ގެއަކަށް ގެއެއް ބިނާކޮށް ތަޅުނދަނޑި ދިނީމާ ދިއުމެވެ. އަނެއް ގޮތަކީ ގެދޮރުގެ އަގުމަގުކޮށް ފައިސާ ދިނުމުން ދެ ރަށު މީހުން އަމިއްލައަށް ގެ އެޅުމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޝްރޫއުތަކުގެ ސްޕީޑް ހުރި ގޮތުން ކަމަށް ވެދާނެ އެވެ. ދެ ރަށުގެ ގިނަ މީހުންނަށް ގަބޫލުކުރެވުނީ އަގުކޮށްފައި ފައިސާ ހޯދައިގެން އަމިއްލައަށް ގެދޮރު އެޅުން ރަނގަޅުވާނެ ކަމަށެވެ.

ހުޅުދުއްފާރުން ގޯތި ދިނުމާ އެކު އެ ގޯތި ސާފުކުރަން ފުރަަތަމަ ދިޔަ މީހުންގެ ތެރޭގައި ބައްޕަ ހިމެނުނެވެ. އެކަން ނިމުމާ އެކު ބައްޕަ ބޭނުންވީ ދަނޑިފަނުން ގެެއެއް އަޅައިގެން އަވަހަށް އެރަށަށް ބަދަލުވާށެވެ. އެކަމަށް ބޭނުންވާ ވަކަރާއި ފަތި ހޯދަން ރޫޅައިލީ ގޭ ބަދިގެ އެވެ. އެ ދުވަސް މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ.

ހުޅުދުއްފާރުގައި އޮތް ގޯތި ސާފުކުރަންް ބައްޕައާ އެކު އެރަށަށް ފުރަތަމަ ދިޔަ އިރު، އެ ގޯއްޗާ ދިމާލުން އެއްގަމަށް އަރާނެ މަގެއް ވެސް ނެތެވެ. ކުރެއްޖާއި ހަލަވެލީގެ "ފާރެއް" ލެވިފައިވާ ހޭޅި ފޫދުއްވާލައިގެން މަގެއް ހެދީ ބައްޕަޔާއި އެހެން ދެ މީހެކެވެ. ހުޅުދުއްފާރުގައި އަހަރެމެން މިހާރު ދިރިއުޅޭ ގެ ހުރި ތަނުގައި ބޯކޮށް އޮތީ މިރިއްސެވެ. އެއީ އެސްޓީއޯއިން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން އެރަށް ބޭނުންކުރަން ސާފުކޮށްފައި ދެން ދޫކޮށްލުމުން އޮތް ގޮތެވެ.

ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ދޯންޏަށް އަރުވައިގެން އަހަރެމެންގެ އާއިލާ ގާއުނޑޫދޫން ފުރި އިރު ހުރެވުނީ މިއަދެކޭ އެއްގޮތަށް، ކުރާނެ އިހުސާސެއް ނުނިންމިފަ އެވެ. އެއްކޮޅުގައި އޮތީ އުފާވެރި ޅަފުރައިގެ ހަނދާންތަކާ ގުޅިފައިވާ އެތައް ތަނެކެވެ. އަނެއްކޮޅުގައި އޮތީ އަހަރެމެންގެ މުސްތަގުބަލެވެ.

އެކަމަކު ރަށު މީހުން އޭރު ނިންމި ނިންމުމަކީ އެ ދުވަސްވަރު ރާއްޖޭގެ ކުދިކުދި އެހެން ރަށްރަށުގެ ރަައްޔިތުން ނުގަބޫލުވި ބަދަލުވުމެކެވެ. ރައްޔިތުންނަށް ވިސްނައިދީގެން ބޮޑެތި ރަށްރަށަށް ބަދަލުކުރުމުގެ މަޝްރޫއުތަކެއް ސަރުކާރުން ހިންގަން ބޭނުންވި އެވެ. އެކަމަކު އެއްބަސްވީ ނިސްބަތުން މަދު ރަށެއްގެ ރައްޔިތުންނެވެ.

އޭރު އެކަމަށް ދެކޮޅުހެދި އެތައް ރަށެއްގެ ބަޔަކު ފަހުން ރަށް ފަޅުކޮށް، ފުރުސަތު ބޮޑު ރަށްރަށަށް ވަނީ ބަދަލުވެފަ އެވެ. އެހެންކަމުން އަހަރެމެންގެ ރަށު ރައްޔިތުން އޭރު ނިންމީ ރަނގަޅު ނިންމުމެއްކަން ޔަގީނެވެ.

ދިރިއުޅުމަށް އައި ބޮޑު ކުރިއެރުމެއް

ހުޅުދުއްފާރުގެ މައި މަގު. ގާއުނޑޫދު އާއި އުނގުލު މީހުން މި ރަށުގައި ވަޒަންވެރިވީ 1995 ގައި.

ހުޅުދުއްފާރުގެ މައި މަގު. ގާއުނޑޫދު އާއި އުނގުލު މީހުން މި ރަށުގައި ވަޒަންވެރިވީ 1995 ގައި.

އުނގުލާއި ގާއުނޑޫދޫ ފަޅުކޮށްް ހުޅުދުއްފާރަށް އަހަރެމެން ބަދަލުވި އިރު ކޮންމެ ރަށެއްގައި ތިބީ 500 އެއްހާ މީހުންނެވެ. ގާއުނޑޫދޫގައި ހުރީ ގްރޭޑް ފަހަކާ ހިސާބަށް ކިޔަވައިދޭ މަކުތަބެކެވެ. ފަހަކާ ހަމައަށޭ ބުންޏަސް އެއީ ވެސް އުމުރުން އަހަރުތަކެއް އިސްރާފުވާ ގޮތަށް ރާވާފައި އޮތް ކަމެކެވެ. ހަތަރަކާއި ފަހެއްގައި (ހ) އަކާއި (ށ) އެއް އޮންނަ އިރު އަކުރެއްގައި އަހަރެއް ހޭދަކުރަން ޖެހެ އެވެ. އެއާ އެކުގައި ވެސް އިނގިރޭސި ކިޔަވައިދެނީ ގްރޭޑް ދޭއްގެ ފޮތަކުންނެވެ. އެފަދަ ކުދިކުދި ރަށްރަށުގައި ތައުލީމީ ހާލަތު އޭރު އޮތީ އެގޮތަށެވެ.

ވަކި ގަވައިދަކުން ދޭ ކަރަންޓުގެ ހިދުމަތެއް ނޯވެ އެވެ. ވިޔަފާރިކުރާ މީހަކު އެއް އިރެއްގައި ފަސް ކިލޯވޮޓްގެ ޖަނަރޭޓަރަކުން ބައެއް ގޭގެއަށް ކަރަންޓް ދޫކުރި އެވެ. އެކަމަކު އެ ކަރަންޓު ވެސް އަހަރެމެންގެ ގެއަކަށް ނުލަ އެވެ. އަހަރެމެންގެ ގެއާ އިންވެގެން ހުންނަ، މަންމަގެ ބޮޑުބޭބެމެން ގޭގައި ބައި ކިލޯވޮޓްގެ ރޮބިން ޖަނަރޭޓަރެއް އިންނާތީ ކުޑަ ހޮޅިބުރިއެއް ދިއްލައިލެވޭ ވަރަށް ބައެއް ފަހަރު ކަރަންޓް ލިބުނެވެ. އެކަަމަކު އެއީ ހައްޖުވިލޭރެ އާއި އީދު އަދި ރަބީރުލް އައްވަލު 12 ވިލޭރޭ ފަދަ ހާއްސަ ރޭރޭގަ އެވެ.

ހުޅުދުއްފާރަށް ހިޖުރަކުރުމުގެ އުނދަގޫ މަސައްކަތް ކުރި މީހުންގެ މަސައްކަތުގެ މޭވާ ވަރަށް ފޮންޏެވެ. މިހާރު އަހަރެމެންނަކީ ތައުލީމީ ގޮތުން އަތޮޅުގައި އެންމެ ކުރިއަރާފައިވާ ރަށުގެ މީހުންނެވެ. އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭ އިރު ނަތީޖާ ވެސް ރަނގަޅެވެ. އޭލެވެލް އާއި އޯ ލެވެލް އިމްތިހާނުގައި ވެސް ރާއްޖޭގެ އަދި ދުނިޔޭގެ ޓޮޕް ޓެން އަށް ވެސް ހުޅުދުއްފާރުގެ ކުދިން އެރި އެވެ.

ފޮޓޯގައި ފެންނަ ކަށިކެޔޮފަތު ދޯނި އަހަރެން ހެދީ ރަށުތެރެ ބަލަން އާއިލާއާ އެކު ހިނގުމުގެ ތެރޭގަ އެވެ. ތަނަކަށް މަޑުކޮށް އިށީނދެ އިނދެ ވިސްނައިގެނެއް ނޫނެވެ. ހުރިހާ ވެސް ބޭނުމަކަށް ވީ ކުޑައިރުގެ އެ އުފާވެރި މާޒީ ހަނދާންކޮށްލުމާ އެކު އޭރުގެ ހުނަރު ޓެސްޓްކޮށްލުމެވެ. ގަސްތައް ފަޅައި ބެދިފައިވާ ގޯތި ތެރެއިން ފެންނަ ވީރާނާކަމުން ހިތްދަތި ވިޔަސް، މި ގޯއްޗާއި ރަށް ދޫށްލުމުން އަހަރެމެންނަށް ލިބުނީ މާ ބޮޑު އުފަލެކެވެ. މިރަށް ފަޅުރަށެއްގެ ގޮތުގައި އިއުލާނުކޮށް، ހުޅުދުއްފާރަކީ މީހުން އުޅޭ ރަށަކަށް ސަރުކާރުން ހަމަޖެއްސީ މާޗު 13، 1995ގަ އެވެ. އަންނަ ހޮނިހިރު ދުވަހު ފުރޭނީ 26 އަހަރެވެ.

ބައްޕަމެން 1993 ގައި ހުޅުދުއްފާރަށް ބަދަލުވި ފަހުން ވެސް މާމަމެންގެ ގާތުގައި، ގާއުނޑޫދޫގައި، އަހަރެން އެއް އަހަރު ދުވަހު މަޑުކުރީމެވެ. ހުޅުދުއްފާރަށް ބަދަލުވީ 1994 ވަނަ އަހަރު އެވެ. އެހެންވީމާ އަހަރެން މިރަށް ދޫކޮށް ދިޔަތާ މިވީ 27 އަހަރެވެ.

މިދިއަ ހުކުރު ދުވަހު އަހަރެން ހަބަރު ލިއުން އޮތީ، ގާއުނޑޫދޫގައި ހުރެގެންނެވެ. ތަރައްގީއަކީ މި އެވެ. ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ މި ރަށުގައި، މިހެން އޮފީހުގެ މަސައްކަތްކުރެވިދާނެ ކަމަށް، އޭރު ހިތަށްއަރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މޮބައިލްގެ ވާހަކަ އަޑު ވެސް ނީވޭ ދުވަސްވަރެކެވެ. އިންޓަނެޓަކީ ކޮން އެއްޗެއްކަން މީހަކު ނުވެސް ބުނެ އެވެ. އެކަމަކު މިދިއަ ހުކުރު ދުވަހު ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ހަބަރާއި ކޮވިޑްގެ އަދަދުތަކުގެ ހަބަރުތައް މި ރަށުގައި އިނދެ ލިޔަމުން ދިޔަ އިރު އަހަންނަށް ވަރަށް ބޮޑު އުފަލެއް ހާސިލްވި އެވެ.