Roadha Mihaaru
"އަސް ދުއްވަން ދާންވީ އައްޑު އަށް"

"އަސް ދުއްވަން ދާންވީ އައްޑު އަށް"

08 މާޗް 2021

މިހާރު ސޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަކަށް ހަމަ ޔަގީނުން ވެސް ވާނީ އައްޑު އަށް އަސްތަކެއް ގެނައި ވާހަކަ އެވެ. މިކަން ބައެއް މީހުން ޖޯކަކަށް ނަގާ އިރު، ބައެއް މީހުން ބުނަނީ މިއީ ރިކްރިއޭޝަން ކަމަކަށް ވަރަށް ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެހެންވެ "އަސް ދުއްވައިލަން އައްޑު އަށް ދާން ދަތުރު ހަދަންވީ" ކަމަށް ބުނެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ސޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަކަށް ހަމަ ޔަގީނުން ވެސް ވާނީ އައްޑު އަށް އަސްތަކެއް ގެނައި ވާހަކަ އެވެ. މިކަން ބައެއް މީހުން ޖޯކަކަށް ނަގާ އިރު، ބައެއް މީހުން ބުނަނީ މިއީ ރިކްރިއޭޝަން ކަމަކަށް ވަރަށް ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެހެންވެ "އަސް ދުއްވައިލަން އައްޑު އަށް ދާން ދަތުރު ހަދަންވީ" ކަމަށް ބުނެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ.

މި މަސައްކަތުގެ ފަހަތުގައި އޮތް ސަދަން ސްޓެލަންސްގެ މަގުސަދަކީ ވެސް ދިވެހިންނަށް އާ ކުޅިވަރެއް ތައާރަފުކޮށް ދިނުމެވެ. ކުޅިވަރެއްގެ ގޮތުގައި، އަދި ހިދުމަތެއްގެ ގޮތުގައި އަސް ދުއްވަން ދިވެހިންނަށް ފުރުސަތު ހުޅުވައި މި ދެނީ ފޭދޫގެ އަހުމަދު އަގްލީލް އާއި މުހައްމަދު އަދުލީލެވެ.

ދެ މީހުން ގުޅިގެން މީގެ އަހަރެއްހާ ދުވަސްކުރިން ފެށި މަސައްކަތުގެ ނަތީޖާއަކާ ހަމައަށް މިހާރު މިއޮތީ އާދެވިފަ އެވެ. ދެން އޮތީ އަސް ދުއްވަން ޝައުގުވެރިވާ މީހުންނަށް އެކަމުގެ ޓްރޭނިން ހެދުމާއި ވިޔަފާރި އުސޫލުން މި ހިދުމަތް އާންމުކޮށް ހުޅުވައިލުމެވެ. އެކަމަކު އަސް ދުއްވޭނެ އަގުތަކެއް އަދި ހަމައެއް ނުޖައްސަ އެވެ.

އިންޑިއާ އިން އަސްތައް އައްޑު އަށް ގެނައީ ހޮނިހިރު ދުވަހު އެވެ. މި އަސްތައް ބައިތިއްބާފައި ވަނީ ފޭދޫ ބޮޑުމަގުގައި އޮތް ބޮޑު ހުސްބިމެއްގައި އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެއްގަ އެވެ.

"ތަން ރެޑީކުރުމުގެ މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އުންމީދަކީ ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ތަން ރެޑީކޮށް ނިންމާލައި، ޓްރޭނިންތަކަށް ވެސް ފުރުސަތު ހުޅުވައިލުން،" އަގްލީލް ބުންޏެވެ.

އޭނާ ބުނީ އަސް ބާއްވާފައި އޮތް ތަނުގެ ތެރޭގައި ޓްރޭނިން ރިންގެއް އޮންނާނެ ކަމަށާއި ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަސް ރައިޑަކަށް ދެވޭނީ ކޮންމެ ގޮތެއް ވެސް ވިޔަސް ޓްރޭނިންތަކެއް ހެދުމަށް ފަހު،" އަގްލީލް ބުންޏެވެ. "އަހަރެމެން މިހާރު ވާނީ ބޭރު ތެރޭގައި އަސް ދުއްވާނެ ތަންތަން ކަނޑައަޅައި، އެކަމަށް އެޕްރޫވަލް ވެސް ހޯދަން އައްޑޫ ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައި. އެހެންވީމަ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައިމަ އަސް ދުއްވާލަން ކޮންމެ މީހަކަށް ވެސް ފުރުސަަތު އޮންނާނެ."

އޭނާ ކިޔައިދިން ގޮތުގައި މިއީ ވަރަށް ރަނގަޅަށް، ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމެކެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ އަސްތައް ބެލެހެއްޓުމާއި އެ އެއްޗެހީގެ ރައްކާތެރި ކަމަށް ކަމަށްް އޭނާ ވިދާޅުވި އެވެ. އަސްތަކަށް ހާއްސަކޮށްގެން ޖަނަވާރުންގެ ޑޮކްޓަރެއް މިހާރު ވެސް އެބަހުއްޓެވެ. އެއީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެކެވެ.

އަގްލީލް ބުނިގޮތުގައި އައްޑޫގައި އަސް ދުއްވުން ވެގެން ދާނީ އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވެސް ބޭނުންކުރެވޭނެ ވަސީލަތަކަށެވެ.

"އެހެންވެ ކުރިއަށް އޮތް ތަނުގައި އެކަން އެގޮތަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ. އެހެން ވިޔަސް އަސްލު އައްޑު އަށް އަސްތައް މި ގެނައީ ހަމަ ދިވެހިންނަށްޓަކައި،" އޭނާ ބުންޏެވެ.

"އަބަދުވެސް ދިވެހިންނަށް އަހަރެމެން ވަރަށް ބޮޑު އިސްކަމެއް ދޭނަން."

އަގްލީލް ބުނީ އަސްތައް އައްޑު އަށް ގެނައުމުގައި ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އެހެންވެ މިކަމުގެ ހުއްދަ ސަރުކާރުން ލިބުމަކީ އަސް ދުއްވުމުގެ ކުޅިވަރަކީ ރާއްޖޭގައި ކުރެވިދާނެކަމެއްކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

"މި ހިސާބަށް މި މަސައްކަތް ގެންނަން ހަގީގަތުގައި ވަރަށް ގިނަ ޗެލެންތަކެއް ކުރިމަތިވި. މިކަމާ ގުޅިވައިގެން އެބަހުރި ތަންކޮޅެއް ނެގެޓިވް ވާހަކަތަކެއް ވެސް ދެކެވިފައި. އެނިމަލް ރައިޓްސް އަށް ވަކާލާތުކުރާ ބައެއް މީހުން ވެސް އެބަހުރި ކަންބޮޑުވުން ފާޅުކޮށްފައި،" އަގްލީލް ބުންޏެވެ. "އެކަމަކު އެއީ މައްސަލައެއް ކަމަކަށް އަހަރެމެން ނުދެކެން. މިކަމަށް ކުރިމަތިވި ޗެލެންޖްތަކަކީ ތެދަށް ބުނަންޏާ މިކަން ކުރަން ލިބުނު އިތުރު ހިތްވަރެއް. އެހެންވީމާ އަހަރެމެން މިތިބީ މިކަން ވަރަށް ރަނގަޅަށްކުރަން. މިކަމުގައި ހަގީގަތުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް."

އޭނާ ބުނިގޮތުގައި އައްޑު އަށް އަސް ގެނައުމަކީ ބޮޑު އިންވެސްޓްމަންޓެކެވެ. އެކަމަކު އަދި މިއީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާ އެވެ.

"ފެސިލިޓީ ވަރުގަދަކުރަން ވަރަށް ގިނަ މަސަައްކަތްތަކެއް ކުރެވޭނެ. ހަމައެއާ އެކު މިކަމަށް ބޭނުންވާ ދިވެހިން ތަމްރީނުކޮށް މުޅިން ވެސް ދިވެހިން މިކަމުގެ ތެރޭގައި ގެންގުޅުމަކީ އަހަރެމެން ވަރަށް ބޮޑަަށް ބޭނުންވާ ކަމެއް،" އަގްލީލް ބުންޏެވެ. "އެގޮތުން ވެޓުންނާއި ޓްރެއިނަރުން ތަމްރީނުކުރުމަކީ ދިވެހިންތަކަކަށް ވަޒީފާގެ އާ ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމެއް."

އަގްލީލާއި އޭނާގެ ޕާޓްނަރު އަދުލީލްގެ ވިސްނުން ހުރި ގޮތަށް ބަލާ އިރު އައްޑޫގައި އަސް ދުއްވުމަކީ ހަމަ ޔަގީނުން ވެސް ޖޯޖަކަށް ހަދާކަށް ނުޖެހެ އެވެ. ދެން އިންތިޒާޒުކުރަންވީ އަސް ދުއްވައިލަން ރަސްމީކޮށް ލިބެން ފަށާނެ އިރަކަށެވެ.

"މި ވަގުތު ތިން އަސް އޮތް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި އަދަދު އިތުރުކުރުމަކީ ވެސް ވިސްނުމެއް. ތިން އަހަކުން ކޭޓައެއް ނުރެވޭނެ،" އަގްލީލް ބުންޏެވެ.

"އެހެންވީމާ ރަނގަޅަށް ފަށައިގަނެވުނީމަ ކޭޓަކުރެވޭ ވަރަށް އަސް ގެނައުމުގެ ވިސްނުން އަހަރެމެން އެބަ ގެންގުޅެން."