Roadha Mihaaru
އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާ ކަޓައިފި

އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާ ކަޓައިފި

03 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން މިއަދު ބޭއްްވި ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ރޮޒައިނާ އާދަމަށް އެ ދާއިރާގެ ޓިކެޓް ގެއްލިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން މިއަދު ބޭއްްވި ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ރޮޒައިނާ އާދަމަށް އެ ދާއިރާގެ ޓިކެޓް ގެއްލިއްޖެ އެވެ.

މުޅިން އަލަށް އުފެއްދި އެ ދާއިރާއަށް މިހާރު ވެސް މީދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ރޮޒައިނާ އާއި އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރި އެވެ. މާލެ އާއި އައްޑޫގައި ބެހެއްޓި ފޮށިން ވެސް އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އަންހެން މެމްބަރު ރޮޒައިނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.

އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އަހުމަދު ޝަރީފު (ޑުންގާ) އެވެ. ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑުންގާއަކީ އެފްއޭއެެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރެވެ.

ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރޮޒައިނާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވުނީ 2014 ގަ އެވެ. އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި 2019 ވަނަ އަހަރު ވެސް ރޮޒައިނާ ވަނީ އެ ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފަ އެވެ. ރޮޒައިނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މަޖިލިސް މެމްބަރެވެ.

އަންނަ މާޗު މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގެ އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރިއިރު އެ ދާއިރާތަކަށް ނިސްބަތްވާ 25،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

ބާކީ 53 ދާއިރާގެ ތެރެއިން އެމްޑީޕީން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލަނީ އޭދަފުށީ އަދި ނިލަންދޫ ދާއިރާއަށެވެ.

އެއް ކެންޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތިނުލާތީ 51 ދާއިރާއެއްގެ ޓިކެޓް ވަނީ ގިނަ މެމްބަރުން ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.