ކުރީގެ ސަރުކާރުގައި މޯލްޑިވް ގޭހަކީ "ކޮރަޕްޝަންގެ ހާއްޔެއް"ގެ ގޮތުގައި އޮތް ތަނެކެވެ. އެކަން އިސްލާހު ނުވެ މި ސަރުކާރު އައި ފަހުން ވެސް ގިނަ މައްސަލަތައް ދަނީ ފަޅާއަރަމުންނެވެ. މި ވެރިކަމުގައި އެންމެ ފުރަތަމަ ބޮޑު ތުހުމަތެއް ކުރެވުނީ އެތަނުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށެވެ. އެ މައްސަލަ ކޮޅެއްގައި ނުޖެހި އުޅެނިކޮށް މިހާރު ފަޅާއަރުވާލާފައިވާ ޚިޔާނާތްތައް ވަކި ކުޑައެއް ނޫނެވެ.
09 މާޗް 2021
ކުރީގެ ސަރުކާރުގައި މޯލްޑިވް ގޭހަކީ "ކޮރަޕްޝަންގެ ހާއްޔެއް"ގެ ގޮތުގައި އޮތް ތަނެކެވެ. އެކަން އިސްލާހު ނުވެ މި ސަރުކާރު އައި ފަހުން ވެސް ގިނަ މައްސަލަތައް ދަނީ ފަޅާއަރަމުންނެވެ. މި ވެރިކަމުގައި އެންމެ ފުރަތަމަ ބޮޑު ތުހުމަތެއް ކުރެވުނީ އެތަނުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށެވެ. އެ މައްސަލަ ކޮޅެއްގައި ނުޖެހި އުޅެނިކޮށް މިހާރު ފަޅާއަރުވާލާފައިވާ ޚިޔާނާތްތައް ވަކި ކުޑައެއް ނޫނެވެ.
ކޮވިޑް-19ގެ ފެސިލިޓީތަކަށް 4،128 އޮކްސިޖަން ސިލިންޑަރު ހޯދުމުގައި މޯލްޑިވް ގޭހުން، ކުންފުނީގެ ޑީއެމްޑީ އަލީ އިކްރާމްގެ ބައިވެރިވުމާ އެކު ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އިއްޔެ ހާމަވި މައުލޫމާތުން އެނގުނީ، ޕްރޮކިއުމެންޓް އުސޫލުތަކާ ޚިލާފަށް ކުންފުނީގައި ކަންކަން ހިނގާ ކަން އެނގި ތިބެ ވެސް އަޅާލުމެއް ނެތް ކަމެވެ.
އެސްއޯއީ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކުން އިކްރާމަށް ސަލާމަތްވެވަޑައިނުގެންނެވުނު އިރު ވެސް އެންމެ ބޮޑު މައްސަލައަކަށްވީ މިކަން ފަޅާ އެރުމޭ ހީވާވަރަށް ދިފާއުވެވަޑައިގަތެވެ. ތުހުމަތު އަޅުވައި ސިޔާސީ ގޮތުން ސަރުކާރާއި ކުންފުނި ބަދުނާމު ކުރަނީއޭ ވިދާޅުވި އިރު ގޯހުން ހިނގި ކަންކަން އޮތީ އިތުރު ހެއްކެއް ބޭނުންނުވާ ވަަރަށް ފެންނާށެވެ.
ތިން ގަޑިއިރަށް ދެމިގެން ދިޔަ އެސްއޯއީ ކޮމިޓީގައި މޯލްޑިވް ގޭހުގެ ހާލަތު ސިފަކޮށްދެއްވަމުން ހިތްހަމަޖެހިވަޑައިނުގެން ބައެއް މެމްބަރުން މިސާލު ޖައްސާވާފައި ވަނީ އޮކްސިޖަން ސިލިންޑަރަށް އޯޑަރު ކުރުމުން "ބާ ދަނޑު ބުރިއެއް" ފޮނުވުމުން ވެސް މޯލްޑިވް ގޭހުން ބަލައިގެންފައިވާ ކަމަށެވެ.
މި ކުންފުނީގެ އިތުރުން އެންމެ ބޮޑެތި ތުހުމަތު މި ފަހުން ދެން ފެންމަތިވެފައި އޮތީ ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުންނެވެ. މުދަލާއި ޚިދުމަތް ހޯދުމުގައި އެ ކުންފުންޏާ ގުޅޭ ގޮތުން 27 މައްސަލައެއް އޭސީސީއަށް ހުށަހެޅުމުން 22 މައްސަލައެއްގެ ތަހުގީގު ކުރިއަށް އެބަދެ އެވެ. މި ތަހުގީގުގެ މައްޗަށް ބަލައި އޭސީސީން ވަނީ 2012 އިން ފެށިގެން ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ގިނަ މައްސަލަތެއް ހުށަހަޅާފައިވާއިރު އޭނާ ވެސް ވިދާޅުވެފައި ވަނީ ތުހުމަތުތަކަކީ ސިޔާސީ ކަމެއް ކަމަށެވެ. އޭނާ އިސްވެ ހުންނަވައި ނަޒާހަތްތެރިކަމުގެ ވައުދުގައި ސޮއިކޮށްފައިވާ އެ ކުންފުނީގައި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު އޭސީސީން ރައީސަށް ފޮނުވި ރިޕޯޓުގައި ކުންފުނީގެ ކޮރަޕްޝަން ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައިގަ އެވެ.
ކޮރަޕްޝަނަށް ފެނަކައިގައި ޖާގައެއް ނެތް ކަމަށް ވިދާޅުވަމުން އޭނާ ހަވާލުވެވަޑައިގެން ކުންފުންޏަށް ފައިދާވަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެ ތަފާސްހިސާބު ވެސް އާއްމުކުރެއްވި އެވެ.
ވެންޓިލޭޓަރަށް ގުޅާ އޮކްސިޖަން ސިލިންޑަރުތައް ގަންނަން މޯލްޑިވް ގޭހުން ހަވާލުކުރީ ސިންގަޕޫރުގެ ޕްރޯބިޒް ކުންފުންޏާ އެވެ. މިއީ ސިލިންޑަރު ގެންނަން ބޮޑު އަގު ހުށަހެޅި ކުންފުންޏެކެވެ. އަނެއް މައްސަލައަކީ މިއީ އޮކްސިޖަން ސިލިންޑަރު ފޯރުކޮށްދޭ ކުންފުންޏަކަށް ނުވުމެވެ.
އެތަނަކީ އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުން ނަމަ، ޓީވީ ފަދަ އިލެކްޓްރޯނިކް ސާމާނު ވިއްކާ ކުންފުންޏެކެވެ.
އެހެންވިޔަސް މުޅި ޕްރޮސެސްއަށް ހޭދަވާ 16 މިލިއަން ރުފިޔާ އެއްފަހަރާ މޯލްޑިވް ގޭހުން ވަނީ ޕްރޯބިޒް އަށް ދައްކައިފަ އެވެ. އެކަމަކު އެތަނުން ފޮނުވި ސިލިންޑަރުތައް ބޭނުމެއް ނުކުރެވުނެވެ.
ވެންޓިލޭޓަރަށް ގުޅޭ އޮކްސިޖަން ގެނައުމުގައި އަޅުގަނޑަށް ފެނޭ ވަރަށް ބޮޑު އިހުމާލެއް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފުރާނައަށް އިހުމާލުވެފައި މިއޮތީ. -- ބޮންޑޭ
ޕްރޯބިޒް ކުންފުނީގެ ހިއްސާދާރަކާ އިކްރާމްއާ ގާތް ގުޅުމެއް އޮވެ އެވެ.
އޮކްސިޖަން ސިލިންޑަރު ގެންނަން ޕްރޯބިޒްއާ ހަވާލުކުރުމުގެ ކުރިން އެ ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް އިކްރާމް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު ބީލަން ހަވާލުކުރެވުނީ އެ ގުޅުމުގެ ތެރެއިން ކަމަށް ކުރާ ތުހުމަތު އިކްރާމް ދޮގު ކުރެއްވި އެވެ.
އާ ސިލިންޑަރުތަކަކަށް ފައިސާ ދެއްކުމުން ޕްރޯބިޒް އިން ފޮނުވީ ރިފާބިޝް ތަކެއްޗެވެ. އެކަމަކު ވެސް މިކަމުގައި ކުންފުނިން އެޅި މާ ބޮޑު ފިޔަވަޅެއް ނެތެވެ. އެކަމުގައި އަޅާނުލީ، އިކްރާމް ވިދާޅުވި ގޮތުގައި، ޕްރޮކިއުމެންޓް ޕްރޮސެސްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތުމުންނެވެ. އެ ޕްރޮސެސްއާ ހަވާލުވެ ތިބި އެހެން މުވައްޒަފުންގެ ފަރާތުން ފެންނަން އޮތީ ޑީއެމްޑީ އަށް އެކަން މާބޮޑު މައްސަލައަކަށް ނުވުމުން އަޅާލަން ނުޖެހޭ ކަމެވެ.
"މިއީ ވެންޓިލޭޓަރުތަކާ ގުޅާ އޮކްސިޖަން ވާހަަކަ. އޮކްސިޖަން އަކީ ބްރޭންޑް ނިއު، ސެޓިފައިޑް ހެލްތު އެންޑް ސޭފްޓީ ސްޓޭންޑަޑަށް ފެތެން ޖެހޭ އެއްޗެއް. ނަމަވެސް އަޅުގަނޑަށް ފެނޭ ވަރަށް ބޮޑު އިހުމާލެއް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފުރާނައަށް އިހުމާލުވެފައި މިއޮތީ،" މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
މޯލްޑިވް ގޭހުގެ ޑީއެމްޑީ އިކްރާމް: އޭނާ އަށް ތުހުމަތުވާ މައްސަލައެއް އެސްއޯއީ ކޮމިޓީން އަންނަނީ ބަލަމުން.
ބާ ސިލިންޑަރު ފޮނުވުމުން ފައިސާ އަނބުރާ ދޭން ޕްރޯބިޒްގައި ނޭދުނު ސަބަބަކަށް ޑީއެމްޑީ އަދި ކުންފުނީގެ ފައިނޭންސް އިސް ބޭފުޅާ ދެއްކެވީ މައްސަލައިގެ އިންޓާނަލް އޮޑިޓެއް ކުރަމުން ދިއުމެވެ.
ސިލިންޑަރުތަކުގެ ބިޑް ނިންމާލާފައި އޮތީ އިތުރު ފައިސާތަކެއް އެ ކުންފުންޏަށް ލިބޭ އެހެން ބީލަމެއް (އެލްޕީޖީ ގޭސް ގެންނަން) ހަވާލުކުރަން އެއްބަސްވުމަށް ފަހު ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އިލެކްޓްރޯނިކް ސާމާނު ވިއްކާ ކުންފުންޏަކުން ކައްކާ ގޭސް ހޯދަން ލިޔެކިޔުން ބަދަލުވާން ޖެހުނު ސަބަބާ މެދު ވެސް އެސްއޯއީ ކޮމިޓީގެ މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ފެނަކަ މުވައްޒަފުން ޖުލައި، 1، 2019، ގައި ވަނީ މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއިކޮށްފަ އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވެސް އެ އިގުރާރުގައި ސޮއިކުރައްވާފައިވާ އިރު، ފެނަކައިގެ މުވައްޒަފުން ކޮރަޕްޝަންގެ ގިނަ މައްސަލަތައް އޭސީސީ އަށް ހުށަހެޅީ އޭނާއާ ދެކޮޅަށެވެ.
މި މައްސަލަތައް ތަހުގީގު ކުރަން ފަށައި ކުންފުނީގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވަނީ ގެންނަވައިފަ އެވެ. ރައީސަށް އޭސީސީން ފޮނުވި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް އެބަދެ އެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީގެ ރިޕޯޓުގައި 2012 ވަނަ އަހަރުން ފެށިގެން 2020 އަހަރާ ހަމައަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލް ހިމަނާގައިވެ އެވެ. ވޭތުވެދިޔަ ނުވަ އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ފެނަކައާ ގުޅޭ ގޮތުން ހުށަހެޅީ މިދިޔަ އަހަރެވެ. އެއީ 79 މައްސަލަ އެވެ.
ރިޕޯޓުގައި ބުނީ 2012 ވަނަ އަހަރުން ފެށިގެން ހުށަހެޅި މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހުކުރަން އަންގާފައިވާނެ ކަަމަށެވެ. އެކަމަކު މިހާތަނަށް އެދެވޭ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށެވެ.
ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އޭސީސީން ވަނީ ފާޅުކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ފަދަ ބަދަލުތައް އެ ކޯޕަރޭޝަންގެ ގަވާއިދަށް ގެނެސްފައި ހުންނަ ކަމެވެ. --އޭސީސީ
ކޮމިޝަނުން ބުނެފައިވާ ގޮތުގައި މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވައިދުގައި ބަޔާންކޮށްފައިވާ ފައިސާގެ މިންގަނޑުތަކާއި ހުއްދަ ދޭ ފަރާތް އެ ކުންފުނިން 2019 ވަނަ އަހަރުގެ ގަވާއިދުގައި ބަދަލުކޮށްފައި އޮތް ނަމަވެސް ރާއްޖެ އިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ބިޑް އުސޫލުން އިއުލާންކޮށްގެން ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައެއް ނުވެ އެވެ.
ނަޒާހަތްތެރިކަމުގެ ވައުދުގައި ފެނަކަ މުވައްޒަފުން ސޮއިކުރަނީ: އެތަނުގައި ބައެއް އުސޫލްތައް ކޮރަޕްޝަނަށް ހުޅުވިފައިވާ ކަމަށް އޭސީސީން ބުނޭ.
"ފެނަކަ ކޯޕަރޭޝަނުން ނިންމާ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު އެއް ފަރާތަކަށް ދީފައިވާތީ، އެ ފަރާތުގެ މަގާމުގެ ބާރާއި ނުފޫޒު ނުހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި އެހެންކަމުން މުދަލާއި ޚިދުމަތް ހޯދުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ކުންފުނިން ކުރާ ކަންކަމުގައި، ޖިނާއީ ދައުވާއެއް ނުކުރެވޭނެ ހާލަތްތަކުގައި ވެސް އެ ކަންކަމުގައި އިސްކޮށް ތިއްބަވާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައި އޮންނަން ޖެހޭނެ ކަމަށް މި ކޮމިޝަނުން ދެކެމެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.
ފެނަކައިގެ ރެކްރޫޓްމަންޓާއި ޕްރޮކިއުމެންޓް ޕްރޮސެސްގެ އޮޑިޓެއް ހެދުމަށް އޭސީސީއަށް ފެންނަ ކަމަށް ރައީސަށް ފޮނުއްވި ރިޕޯޓުގައިވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި އިންތިހާއަށް ކޮރަޕްޝަން ހިންގާކަން އޭސީސީން ވަނީ 2019 ވަނަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވެސް ބުނެފަ އެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން އޭސީސީން ބެލި، އެންމެ ބޮޑެތި ފައިސާގެ އަދަދުތައް ހިމެނި ދައުލަތަށް އެންމެ ބޮޑަށް ގެއްލުން ލިބުނު މައްސަލަތައް ގުޅިފައި ވަނީ ކުންފުނިތަކާ އެވެ. އެ ހިސާބުން ފެށިގެން ވެސް މިއަދާ ހަމައަށް މިއޮތީ އެކަށީގެންވާ ފިޔަވަޅު ނޭޅި އެވެ. އޭސީސީ އާއި އެސްއޯއީ ފަދަ ކޮމިޓީތަކަށް ހުށަހަޅާ މައްސަލަތަކުން ވަރަށް ސާފުކޮށް ފެންނަން އޮތީ ފިޔަވަޅު އެޅުމުގައި އިހުމާލު ވެފައިވާ ތަނެވެ. އަދި ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސާ ގާތަށް ވެސް އަޅާލުމެއް ނުބަހައްޓާ ކަމެވެ.
ކުންފުނިތަކުން ފެންމަތިވާ މައްސަލަތައް ގުޅުވަމުން ދަނީ ސިޔާސީ ކަންކަމާ އެވެ. ކޮރަޕްޝަންގެ ތުހުމަތަކީ "ސިޔާސީ ފްރޭމްކުރުމެއް"ގެ ގޮތުގައި ނިންމާލާ ނަމަ ޒީރޯ ޓޮލަރެންސް ސިޔާސަތެއްގެ ބޭނުމެއް ނެތެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ
ހިޔާނާތުގެ މައްސަލައެއްގައި އޭސީސީގެ ވެރިއަކު ސަސްޕެންޑް
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
ދައުލަތަށް ހޯދަން އެންގި ފައިސާ ނުލިބޭތީ ފިޔަވަޅުއަޅަނީ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި