Roadha Mihaaru
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ

ފެނަކައިގެ ޑޮލަރުގެ މައްސަލައިން ނިމާލާއި އިތުރު ތިން މީހަކު ސަލާމަތްވެއްޖެ

03 ޖެނުއަރީ 2018

ގަވާއިދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތް މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އެހެން އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގަވާއިދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތް މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އެހެން އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.

ފެނަކަ އަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް 17 މިލިއަން ރުފިޔާ ދޫކޮށް، ޑޮލަރު ނުލިބުނު މައްސަލާގައި ނިމާލްގެ އިތުރުން ދައުވާ ކޮށްދިނުމަށް އެދީ އޭސީސީން ފޮނުވީ، ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރާއި ޑެޕިއުޓީ ޑިރެކްޓަރާއި ޑިރެކްޓަރުގެ މައްޗަށެވެ. ޕީޖީ އަށް ފޮނުވީ އެ ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާކޮށް ދިނުމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ "މިހާރު" އަށް މިއަދު ވިދާޅުވީ ނިމާލާއި ފެނަކައިގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވާލީ ވަރަށް ގިނަ ސަބަބުތައް ދެއްކުމަށް ފަހު ކަމަށެވެ. ތަފްސީލް ނުދެއްވައި ވިދާޅުވީ އެކަމާ ގުޅޭގޮތުން އޭސީސީގެ މެމްބަރުން ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމާނެ ކަމަށެވެ.

އޭސީސީން ކުރިން ބުނެފައި ވަނީ ޑޮލަރު ގަތުމަށް އެކި ފަހަރު މަތިން ފެނަކައިން ފައިސާ ދޫކުރިއިރު، އެކަން ކުރަނީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ނުވަތަ އެފަދަ މާލީ ގާބިލް ކަމެއް ހުރިތޯ ކަށަވަރު ކޮށްފައި ނުވާ ކަމަށެވެ. އަދި ޝަރޫ ލޯންޗް ކުންފުންޏަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައި ނުވާ ފަރާތަކަށް ވާއިރު، އެ މުއާމަލާތް ކުރިއަށް ގެންދަން އެންގީ އޭރުގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ނިމާލް ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން ފުރަތަމަ ދޫކުރި ފައިސާ އަށް ވާ ޑޮލަރު ނުލިބެނީސް ދެވަނަ އަދި ތިން ވަނަ ފަހަރަށް ވެސް ޑޮލަރު ގަތުމަށް ފައިސާ ދޫކުރި ކަން ފާހަގަވެފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. ފުރަތަމަ ފަހަރަށް ފައިސާ ދޫކުރި ވައުޗަރުގައި ސޮއިކުރީ ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރާއި ޑެޕިއުޓީ ޑިރެކްޓަރު ކަމަށް އޭސީސީން ބުންޏެވެ.

ދެ ވަނަ ފަހަރަ ފައިސާ ދިން ވައުޗަރުގައި ޗީފް ޓެކްނިކަލް އޮފިސަރާއި ޑިރެކްޓަރު ސޮއި ކޮށްފައިވާއިރު، ތިން ވަނަ ފަހަރަށް ފައިސާ ދޫކުރި ވައުޗަރުގައި ސޮއިކުރީ ޑިރެކްޓަރު ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. އޭސީސީން ބުނިގޮތުގައި ފެނަކަ އަށް ޑޮލަރު ބޭނުން ވެގެން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގައި ފެނަކައިން ކުރިން އެދިގެން ޑޮލަރު ހޯދަން މަސައްކަތް ކޮށްފައި ވިޔަސް ޝަރޫ ކުންފުންޏާ އެކު އެ މުއާމަލާތް ހިންގުމުގެ ކުރިން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޑޮލަރު ހޯދަން ފެނަކައިން އެދިފައެއް ނުވެ އެވެ.