Roadha Mihaaru
ފެނަކައަށް އިންޒާރެއް: ހައްލުނުކޮށްފި ނަމަ ފިޔަވަޅު

ފެނަކައިގެ ކޮރަޕްޝަން މައްސަލަތައް ހައްލުކުރަން މުއްދަތެއް ދެނީ

10 މާޗް 2021

ފެނަކައިގެ ކޮރަޕްޝަން ހާލަތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކޮށް ކުންފުނި އިސްލާހުކުރަން ދޭ މުއްދަތުގައި އެކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފެނަކައިގެ ކޮރަޕްޝަން ހާލަތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކޮށް ކުންފުނި އިސްލާހުކުރަން ދޭ މުއްދަތުގައި އެކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ އޭސީސީން ތަހުގީގު ކުރާ ފެނަކައިގެ މައްސަލަތަކަކާ ގުޅޭ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ވަރަށް ގިނަ ކަންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އުސޫލްތައް ގަވާއިދުތައް، ޕްރޮކިއުމެންޓާއި ބިޑިން އާއި މުދާ ގަތުމާއި ކަންތައްތަކުގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފާހަގަކޮށްފައި އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެނަކައާ ގުޅޭ ރިޕޯޓުގައި ހުރި މައްސަލަތައް ބަލައި އެކަންތައް އިސްލާހުކުރަން ޕީސީބީ މެދުވެރިކޮށް ފެނަކައަށް އިސްލާހުތައް ގެންނަވާނެ އެވެ. ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޕީސީބީން މައްސަލަތައް ބަލައި ފެނަކަ އިސްލާހުވާން މުއްދަތެއް ދެއްވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނާނަން ވަކި މުއްދަތެއްގެ ތެރޭގައި މީގައި [ރިޕޯޓުގައި ބުނެފައި ހުރި] ކަންކަން ބަދަލުކުރަން ޖެހޭނެއޭ. އެއަށް ފަހު އެ ބަދަލުތައް ނުގެންނަ ކަމުގައިވާ ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅު އަޅާނަން. އެއީ ހުރިހާ ކުންފުންޏަކާ ދޭތެރޭގައި ވެސް އަމަލުކުރާނެ ގޮތް،" ރައީސް ވިދާޅުވި އެވެ.

ފެނަކައިގެ ގިނަ މައްސަލަތަކުގައި ތުހުމަތުކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށެވެ. އެ ތުހުމަތު ދޮގުކުރައްވަމުން އޭނާ ވިދާޅުވީ އެއީ ސިޔާސީ ރޭވުމެއް ކަމަށެވެ.

އެކަމަކު އޭސީސީގެ ރިޕޯޓުގައި 2012 ވަނަ އަހަރުން ފެށިގެން 2020 އަހަރާ ހަމައަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލް ހިމަނާފައިވެ އެވެ. ވޭތުވެދިޔަ ނުވަ އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ފެނަކައާ ގުޅޭ ގޮތުން ހުށަހެޅީ މިދިޔަ އަހަރެވެ. އެއީ 79 މައްސަލަ އެވެ.

ރިޕޯޓުގައި ބުނީ 2012 ވަނަ އަހަރުން ފެށިގެން ހުށަހެޅި މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހުކުރަން އަންގާފައިވާނެ ކަަމަށެވެ. އެކަމަކު މިހާތަނަށް އެދެވޭ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށެވެ. ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އޭސީސީން ވަނީ ފާޅުކޮށްފަ އެވެ.