Roadha Mihaaru
ބީއެމްއެލްގެ އެހީ 100 އަށްވުރެ ގިނަ ރަށަށް ލިބުނު

ބީއެމްއެލްގެ އެހީ 100 އަށްވުރެ ގިނަ ރަށަށް ލިބުނު: ރިޕޯޓް

11 މާޗް 2021

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު 100 އަށް ވުރެ ގިނަ ރަށަށް އެހީވެފައިވާ ކަމަށް އެ ކުންފުނީގެ ސަސްޓެއިނެބިލިޓީ ރިޕޯޓުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު 100 އަށް ވުރެ ގިނަ ރަށަށް އެހީވެފައިވާ ކަމަށް އެ ކުންފުނީގެ ސަސްޓެއިނެބިލިޓީ ރިޕޯޓުން ދައްކައިފި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު އިޖުތިމާއީ ޒިންމާގެ ދަށުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް މި ހާލަތުގައި ވެސް އެކި ރަށްރަށުގެ ޖަމިއްޔާތަކާއި އާއްމުންނަށް އަމާޒުކޮށްގެން ޕްރޮޖެކްޓުތަކާއި ސްޕޮންސާޝިޕް މެދުވެރިކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން އެއް މިލިއަން ރުފިޔާގެ 20 ޕްރޮޖެކްޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފަ އެވެ. މީގެ ތެރޭގައި ސްކޫލްތަކަށް ބޭނުންވާ ސާމާނު ހޯދައި ދިނުމާއި ލައިބްރަަރީ ތަރައްގީ ކުރުމާއި ޕާކު އަދި އައުޓް ޑޯ ޖިމް ހެދުމާއި ނޭޗާ ޕާކު ތަރައްގީ ކުރުމާއި ސޯލާ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓުތައް ހިމެނެ އެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ޖަމިއްޔާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ކެންސާ ސޮސައިޓީން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ މީހުންނަށް އެހީވުމަށާއި އާއްމުން ހޭލުންތެރިކުރުވުމަށް ބާއްވާ ހަރަކާތްތަކަށް އެ ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އެހީތެރިކަން ބޭނުންވެފައި ތިބި ކުދިންނަށް އެހީވުމުގެ ގޮތުން އާކް އެއިޑް ޕްރޮގްރާމަށް 150،000ރ. ބީއެމްއެލް އިން ވަނީ ހަދިޔާކޮށްފަ އެވެ. އަދި ހިނގާބިގާވެ އުޅެން ދަތި 65 މީހަކަށް ވީލް ޗެއާ ހަދިޔާ ކޮށްފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހިދުމަތްތައް ފުޅާ ކުރުމަށް މިދިޔަ އަހަރު ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފަ އެވެ. އަދި ފަސް އޭޓީއެމެއް އަޕްގްރޭޑުކޮށް ކޭޝް އޭޖެންޓުންގެ ވިއުގަ ވެސް ވަނީ ފުޅާކޮށްފަ އެވެ.