Roadha Mihaaru
އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި

ދިވެހިންގެ އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ބީސީސީން މާލޭގައި ހުޅުވައިފި

14 މާޗް 2021

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެއިކޯ ޔަނާ އެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

"އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި ހުޅުވި މި ފިހާރައަކީ ދިވެހިންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގުގެ ޔުނިވާސަލް ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

މި ފިހާރައިން ވިއްކާނީ ދިވެހިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ ތަކެއްޗެވެ. މީގެ ތެރޭގައި ދިވެހިންގެ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ހިމެނެ އެވެ. އަދި ފަރުނީޗަރު ހަދާ މީހުންނަށް އެތަކެތި ޝޮކޭސް ކުރުމަށް "ޝޯރޫމް ކޯނާ"އެއް ވެސް ވަނީ ހަދައިފަ އެވެ.

އޮތެންޓިކް މޯލްޑިވްސްގެ މާލޭގެ ފިހާރައިން ވިއްކާ ދިވެހިންގެ އުފެއްދުންތަކެއް ބަޔަކު ބަލާލަނީ-- ފޮޓޯ: ބީސީސީ

އޮތެންޓިކް މޯލްޑިވްސްގެ މާލޭގެ ފިހާރައިން ވިއްކާ ދިވެހިންގެ އުފެއްދުންތަކެއް ބަޔަކު ބަލާލަނީ-- ފޮޓޯ: ބީސީސީ

ބީސީސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްގެ އިތުރު ދެ ފިހާރައެއް ހުޅުލެ އާއި ހުޅުމާލޭގައި ހުޅުވައިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވި ފިހާރައިގައި މިހާތަނަށް 60 އަށްވުރެ ގިނަ ދިވެހިންގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ. އަދި ހުޅުމާލޭގައި ހުޅުވި ފިހާރައިގައި 50 އަށްވުރެ ގިނަ މީހުންގެ އުފެއްދުންތަކަށް ވަނީ ޖާގަ ދީފަ އެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތްތާނގައި ޖާގަ ލިބޭ ވަރަކުން ދިވެހި އިތުރު އުފެއްދުންތަކަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި މީހުންނަށް ފުރުސަތު ހޯދައި ދިނުމަށް އެކި ރަށްރަށުގައި ވެސް ފިހާރަތަކަށް ހުޅުވާނެ ކަމަށް ބީސީސީން ބުންޏެވެ.