Roadha Mihaaru
އީގަލްސް މެޗަކީ ތިމްޕޫ އަށް ޗެލެންޖެއް

އީގަލްސް މެޗަކީ ތިމްޕޫ އަށް ޗެލެންޖެއް

18 މާޗް 2021

އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި އަންނަ މަހު މާލޭގައި އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ އަށް ބޮޑު ޗެލެންޖަކަށް ކަމަށް އެ ކްލަބްގެ ރައީސް ހިޝޭއި ޝެރިން ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި އަންނަ މަހު މާލޭގައި އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ އަށް ބޮޑު ޗެލެންޖަކަށް ކަމަށް އެ ކްލަބްގެ ރައީސް ހިޝޭއި ޝެރިން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ބޫޓާން ލީގުގެ ޗެމްޕިއަންކަން ހޯދި ތިމްޕޫ މީގެ ކުރިން ވެސް ވަނީ އޭއެފްސީ ކަޕްގައި އެއް ފަހަރު ކުޅެފަ އެވެ. އެއީ 2017 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ. އެ ފަަހަރު ކޮލިފައިންގައި ތިމްޕޫ ބައްދަލުކުރީ ރާއްޖޭގެ ވެލެންސިއާއާ ދެކޮޅަށެވެ. ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެވެ. އެކަމަކު މާލޭގައި ކުޅުނު މެޗުން ވެލެންސިއާ ވަނީ 3-0 އިން މޮޅުވެފަ އެވެ.

ތިމްޕޫ އާއި އީގަލްސް ކުޅޭ މެޗު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ. މާލީ ހާލަތު ހުރި ގޮތުން ތިމްޕޫ އަށް އެ މެޗު ހޯސްޓްކުރަން އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. އެއީ ލިބުނު ދެރައެއްގެ ގޮތުގައި ޝެރިން ފާހަގަކުރެއްވި އެވެ.

ބޫޓާން މީޑިއާ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝެރިން ވިދާޅުވީ މީގެ ތިން އަހަރު ކުރިން އޭއެފްސީ ކަޕްގައި ފުރަތަމަ ފަަހަރަށް ވާދަކޮށް ލިބުނު ތަޖުރިބާގެ އަލީގައި ތިމްޕޫ އިން ކަންތައްތަކެއް ރަނގަޅުކުރަން ބެލި ކަމަށެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތުގެ ސަބަބުން ޓީމު ވަރުގަދަ ކުރަން މާ ބޮޑު ހަރަދުތަކެއް ކުރެވެން ނެތް ކަމަށް ޝެރިން ވިދާޅުވި އެވެ. ބިދޭސީ ކުޅުންތެރިއެއް ގެނެވޭނެ ގޮތެއް ނެތްއިރު، ތިމްޕޫ އިން އަމިއްލަ އަށް ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހުމަކީ ވެސް އުފުލަން ޖެހިފައިވާ ބުރައެއް ކަމަށް ޝެރިން ފާހަގަކުރެއްވި އެވެ.

"މި ހުރިހާ ކަމަކާ ހުރެ މި އޮތީ ބޮޑު ޗެލެންޖެއް ކުރިމަތީގައި. އަނެއްކޮޅުން ރާއްޖޭގެ ލީގު ވެސް ފެށިފައި އޮތް ދަނޑިވަޅެއްގައި މި މެޗު ކުޅެން ޖެހުމަކީ ވެސް އޮތް ޗެލެންޖެއް. ހޯމް އެޑްވާންޓޭޖް ވެސް ރާއްޖެ އަށް އޮތީ. އަނެއްކޮޅުން އެއް ލެގު ކުޅޭއިރު މީގެ ނަތީޖާ ނެރެން ލިބެނީ ވެސް އެއް ފުރުސަތެއް،" ޝެރިން ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި 2017 ވަނަ އަހަރު މާލޭގައި ވެލެންސިއާ އާއި ތިމްޕޫ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި 2017 ވަނަ އަހަރު މާލޭގައި ވެލެންސިއާ އާއި ތިމްޕޫ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ކުރިން އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތައް ކުޅެނީ ވެސް ދެ ލެގަށެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކޮށްގެން މެޗުތައް ކުޅެވޭނެ ގޮތެއް ނެތުމުން އޭއެފްސީން ވަނީ ސެންޓްރަލައިޒްކޮށް އެއް ލެގު ކުޅޭ ގޮތަށް ކޮލިފައިން މެޗުތައް ބަދަލުކޮށްފަ އެވެ. އަދި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ސެންޓްރަލައިޒްކޮށް ކުޅޭއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބުކުރީ ރާއްޖޭންނެވެ. އެ މެޗުތައް އޮންނާނީ މެއި މަހު އެވެ.

ތިމްޕޫގެ ކޯޗަކަށް ހުރީ ކުރިން ބޫޓާން ގައުމީ ޓީމަށް ކުޅެފައިވާ ނަވަން ދެންޑަޕް އެވެ. މިދިޔަ ސީޒަނުގައި ތިމްޕޫ އިން ބޫޓާން ލީގު ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ވަނީ އެ ކްލަބް ދޫކޮށްލައިފަ އެވެ. އެހެން ނަމަވެސް ތިމްޕޫ އިން ވަނީ ކުރު ކޮންޓްރެކްޓްތަކެއްގައި ބޫޓާން ގައުމީ ޓީމުގެ ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ.

މިދިޔަ ސީޒަނުގެ ލީގު ރަނަރަޕްގެ ހައިސިއްޔަތުން މި ފަހަރު އޭއެފްސީ ކަޕްގައި ކުޅޭ އީގަލްސް މީގެ ކުރިން މި މުބާރާތުގެ މެޗެއް ކުޅެފައިނުވެ އެވެ. އޭއެފްސީ ކަޕްގައި މުޅިން އަލަށް ވާދަކުރާ އީގަލްސް އިން އަންނަނީ އެ މުބާރާތަށް ޓީމު ވަރުގަދަކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިން ވަނީ ޓީމު ލިސްޓުގައި ހިމަނައިފަ އެވެ.

އީގަލްސް އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ މިދިޔަ މަހު ތިން ވަނަ ދުވަހުން ފެށިގެން ލީގު މެދުކަނޑާލާފައި އޮތުމުން ރަނގަޅު މެޗުތަކެއް ނުލިބި އޭއެފްސީ ކޮލިފައިން އާއި ކުރިމަތިލާން ޖެހުމެވެ. ލީގު މެދުކަނޑާލަން ޖެހުނީ މިދިޔަ ޖެނުއަރީ މަހު ފަހުކޮޅުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ އެވެ. އެޗްޕީއޭ އިން ދިން ގައިޑްލައިންތަކެއްގެ ތެރެއިން ކްލަބްތަކުން ޕްރެކްޓިސް ކުރަމުން އަންނައިރު، އެފްއޭއެމުން އަންނަނީ މި މަސް ތެރޭ ލީގުގެ ކުޅުން ފެށޭތޯ މަސައްކަތްކުރަމުންނެވެ.