Roadha Mihaaru
އީލޮން މަސްކްގެ ޓްވީޓެއް ވެސް ވިއްކާލަނީ

އީލޮން މަސްކްގެ ޓްވީޓެއް ވެސް ވިއްކާލަނީ

18 މާޗް 2021

މި މަހުގެ ކުރީކޮޅު ޓްވިޓާގެ ބާނީ ޖެކް ޑޯޒީގެ ފުރަތަމަ ޓްވީޓް ނީލަމެއްގައި ވިއްކައިލަން ނިންމާފައި ވާއިރު މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ޓްވީޓެއް ވެސް ވިއްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު ޓްވިޓާގެ ބާނީ ޖެކް ޑޯޒީގެ ފުރަތަމަ ޓްވީޓް ނީލަމެއްގައި ވިއްކައިލަން ނިންމާފައި ވާއިރު މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ޓްވީޓެއް ވެސް ވިއްކަން ނިންމައިފި އެވެ.

ސްޕޭސް އެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާގެ ވިއްކާލާ ޓްވީޓަކީ، ޓްރޮފީއަކާ އެކު ކްރިޕްޓޯކަރަންސީ ޕްރޮމޯޓްކުރަން ހާއްސަކޮށްފައިވާ މިއުޒިކެއް އިވޭ ވީޑިއޯއެއް ހިމެނޭ ޓްވީޓެކެވެ. އެއީ މިދިޔަ އަންގާރާ ދުވަހު ކުރެއްވި ޓްވީޓެކެވެ.

އެ ޓްވީޓް ގަންނަ މީހަކަށް ލިބޭނީ އޮންލައިން މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން އޮތްކަން އަންގައިދޭ ޑިޖިޓަލް ސެޓްފިކެޓް ނަން-ފަންޖިބަލް ޓޯކެން (އެންއެފްޓީ) އެވެ. މިގޮތަށް ވިއްކާލާ ޓްވީޓް ގަންނަ މީހަކަށް އޭގެ މިލްކުވެރިކަން ލިބުނަސް ޓްވީޓް އޮންނާނީ އާންމުކޮށް ފެންނަ ގޮތަށް ހަމަ ޓްވިޓާގަ އެވެ.

އީލޮންގެ ޓްވީޓް ގަންނަން ގިނަ ބަޔަކު މިހާރު އަންނަނީ އެއަށް ބިޑް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ބްރިޖް އޮރޭކަލްގެ ސީއީއޯ ސިނާ އެޒްޓާވީ އެވެ. އެއީ 1.12 މިލިއަން ޑޮލަރެވެ.

މީގެ ދެ ހަފުތާއެއް ކުރިން އީލޮންގެ ބައިވެރިޔާ ކެނެޑާގެ ލަވަކިޔުންތެރިޔާ ގްރައިމްސް ވަނީ އޭނާގެ މިއުޒިކީ އުފެއްދުންތަކުގެ ތެރެއިން 10 އާޓް ޕީސްއެއް އެންއެފްޓީގެ ގޮތުގައި ހަ މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.