Roadha Mihaaru
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް

ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް

12 ޖެނުއަރީ 2022

ކްރިޕްޓޯކަރަންސީގެ ވިޔަފާވެރިޔަކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްރިޕްޓޯކަރަންސީގެ ވިޔަފާވެރިޔަކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

ބުލޫމްބާގް ބިލިއަނާސް އިންޑެކްސްގައި ހޯމަ ދުވަހު ބުނި ގޮތުގައި މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ކްރިޕްޓޯ އިން ބޮޑު މުއްސަނދިކަމެއް ލިބުނު މީހަކީ ޗައިނާގެ ދަރިކޮޅުގެ ކެނެޑާގެ ވިޔަފާވެރިޔާ ޝަންގްޕެންގް (ސީޒީ) ޒާއޯ، 44، އެވެ. އޭނާގެ މިލްކިއްޔާތަކީ މިހާރު 96 ބިލިއަން ޑޮލަރެވެ. ޒާއޯ އަކީ މިހާރު 11 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

އޭނާ އަކީ 2017 ގައި ވުޖޫދަށް އައި ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކުންފުނި، ބައިނޭންސްގެ ސީއީއޯ އެވެ. ޒާއޯ ވިދާޅުވި ގޮތުގައި މުއްސަަނދިކަން ގިންތިކުރުމަކީ މާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އެކަމަކު އޭގެ ބަދަލުގައި ތަނަވަސް މީހުންގެ އަމާޒަކަށް ވާން ވާނީ ހިލޭ ސާބަހަށް ގިނަ ބަޔަކަށް އެހީވެވެނީ ކިހާ ވަރަކަށްތޯ ބެލުން ކަމަށް ޓުވިޓާގައި ވިދާޅުވި އެވެ.

ޒާއޯ ވިދާޅުވި ގޮތުގައި ގިންތި ކުރަންވީ މީހާގެ އަމިއްލަ މިލްކިއްޔާތު އަޅާކިޔުމަށް ވުރެ ބޮޑަށް އެ ތަނަވަސްކަމުން އެހެން މީހުންނަށް އެހީތެރިވެވޭނެ މިންވަރެކެވެ.

ފަހަކަށް އައިސް ޑިޖިޓަލް ފައިސާގެ ގޮތުގައި ބޭނުންކުރާ ކްރިޕްޓޯގެ މަގުބޫލުކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑުވަމުން އަންނަ އިރު، މިދިޔަ އަހަރު ވެސް ކްރިޕްޓޯގެ ވިޔަފާވެރިންތަކެއް ބިލިއަނަރުންނަށް ވެފައިވެ އެވެ. އެއީ އެތީރިއަމްގެ މޭސްތިރިޔާ ވިޓާލިން ބުޓެރިންގެ އިތުރުން ކޮއިންބޭސްގެ ބާނީ ބްރަޔަން އާމްސްޓްރޯންގެވެ.

ވިޓާލިން، 27، ގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރާ، އިރު ބްޔަރަން، 38، ގެ މިލްކިއްޔާތަކީ 9.6 ބިލިއަން ޑޮލަރެވެ.

ކްރިޕްޓޯގެ ވިޔަފާރިން ލިބުނު ތަނަވަސްކަމާ އެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނެނު ޒާއޯ އަކީ ޗައިނާ އިން ކެނެޑާ އަށް ހިޖުރަކޮށްފައިވާ އާއިލާއެއްގެ މެމްބަރެކެވެ. ކުރިން މެކްޑޮނަލްޑްސްގައި ވެސް އާދައިގެ ވަޒީފާއެއް އަދާކުރެއްވި ޒާއޯ މެކްގިލް ޔުނިވަސިޓީން ކޮމްޕިއުޓަރު ސައިންސް ކިޔަވާ ވިދާޅުވެ ފަހުން ޓޯކިއޯ އެކްސްޗޭންޖާއި ބުލޫމްބާގަށް ސޮފްޓްވެއާ ފޯރުކޮށް ދެއްވުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަކީ ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކެވެ. އޭނާގެ މިލްކިއްޔާތަކީ 277 ބިލިއަން ޑޮލަރެވެ.