Roadha Mihaaru
ގެސްޓްހައުސް ހަދަން ބޭރު މީހުންނަށް ހުޅުވާލައިފި

ބޭރު މީހުންނަށް ގެސްޓް ހައުސްތަކަށް އިންވެސްޓްކުރެވޭ ގޮތް ހަދައިފި

18 މާޗް 2021

ދިވެހިންގެ މެޖޯރިޓީ ހިއްސާ އޮންނަ ގޮތަށް، ރާއްޖޭގައި ގެސްޓް ހައުސް ހަދަން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ. އަދި ގަވައިދަށް އިސްލާހު ގެނެސް، އެ އިސްލާހު ވަނީ ގެޒެޓްގައި ވެސް ޝާއިއުކޮށްފަ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ދިވެހިންގެ މެޖޯރިޓީ ހިއްސާ އޮންނަ ގޮތަށް، ރާއްޖޭގައި ގެސްޓް ހައުސް ހަދަން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ. އަދި ގަވައިދަށް އިސްލާހު ގެނެސް، އެ އިސްލާހު ވަނީ ގެޒެޓްގައި ވެސް ޝާއިއުކޮށްފަ އެވެ.

ގެސްޓް ހައުސް ވިޔަފާރި އަށް ބޭރު މީހުން އިންވެސްޓް ކުރުމަކީ މީގެކުރިން ގަވައިދު ހުއްދަކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ގެސްޓް ހައުސް ވިޔަފާރިއާ ބެހޭ ގަވައިދަށް ގެނައި އާ ބަދަލާ އެކު، 49 ޕަސެންޓާ ހަމައަށް މިހާރު އިންވެސްޓް ކުރެވޭނެ އެވެ. ނުވަތަ 49 ޕަސެންޓް ހިމެނޭގޮތަށް ދިވެއްސަކާ އެކު ކުންފުންޏެއް އުފެއްދިދާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ "މިހާރު" އަށް ވިދާޅުވީ އެ އިސްލާހު ގެނައުމާ އެކު، އެކި ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރިތައް ފުޅާވެގެން ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި ފައިސާ ނުލިބިގެން ނުހެދި ހުރި ގެސްޓްހައުސްތަކުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަައެކަނި ގަވައިދަށް ބަދަލު ގެނައީ އެކަންޏެއް ނޫން. އެ ތަންތަނަށް އިންވެސްޓަރުން ވެސް އަޅުގަނޑުމެން ހޯދައިދޭނަން. އެއާ އެކު ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި މިހާރު އޮންނާނެ އެކަމާ ބެހޭ ސެލްއެއް ވެސް އުފައްދައިފައި. ގެސްޓް ހައުސް ހިންގަން ބިންކޮޅެއް އޮވެ، ފައިސާ ނެތިގެން ނުހެދި ހުރި ފަރާތްތަކުން އަޅުގަނޑުމެންނަށް ގުޅީމަ، އިންވެސްޓަރުން ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން،" މައުސޫމް ވިދާޅުވި އެވެ.

މި ގެނައީ ބަދަލަކީ މުހިންމު ބަދަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 10 ޕަސެންޓް މިހާރު ވެސް ހިއްސާކުރަނީ ގެސްޓް ހައުސްތައް ކަމަށް ވާއިރު ކުރިއަށް އޮތްތާނގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

"ބައެއް މީހުން ސުވާލު ކޮށްފާނެ މިހާރު މި އިސްލާހުގެ ސަބަބުން ބޭރު މީހުންނަށް ވިޔަފާރި އަށް ވަދެވުނީ ނޫންހޭ. އެކަން އޮތީ އެހެން. އެކަމަކު މިހާރު ވެސް ހަގީގަތުގައި ވަރަށް ގިނަ ގެސްޓް ހައުސްތައް ހެދިފައި އެހުރީ ވެސް އަޑީގައި ކޮންމެވެސް ބޭރު މީހަކު ހުރެގެން ދިވެއްސަކު ކުރިމައްޗަށް ނެރެގެން. އެހެން ހެދީމަ ރާއްޖޭގައި ހިފަހެއްޓެން ޖެހޭ ބޭރު ފައިސާ ވެސް އެބަ ގެއްލޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރި ކަމަކީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތް ހަދައިދިނީ. މިހާރު ވާނެ ގޮތަކީ މިސާލަކަށް ދިވެއްސަކު ކުންފުންޏެއް ހަދާފައި 49 ޕަސެންޓް ވިއްކާލަންވީ ބިމަށް އިންވެސްޓްކުރާ މަތިން. އޭރުން ދިވެހި މީހާ އަށް އޮންނާނެ މެޖޯރިޓީ ޝެއާ."