Roadha Mihaaru
ހަ މަހަށް ފަހު ގެސްޓު ހައުސްތައް ހުޅުވައިފި

ހަ މަހަށް ފަހު ގެސްޓު ހައުސްތައް އަލުން ހުޅުވައިފި

15 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކޮށްފައި ހުންނަތާ ހަ މަހަށްވުރެ ގިިނަ ދުވަސް ފަހުން މިއަދު އަލުން ހުޅުވައިފި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އަދިވެސް ނުހުއްޓުވޭތީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ގެސްޓު ހައުސްތައް އަދިއެއް ނުހުޅުވަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކޮށްފައި ހުންނަތާ ހަ މަހަށްވުރެ ގިިނަ ދުވަސް ފަހުން މިއަދު އަލުން ހުޅުވައިފި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އަދިވެސް ނުހުއްޓުވޭތީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ގެސްޓު ހައުސްތައް އަދިއެއް ނުހުޅުވަ އެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް އަލުން ހުޅުވައި، މިއަދު އައި އެންމެ ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ވިދާާޅުވީ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެންމެ ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައިވަނީ ކ މާފުށިންނެވެ. އެ ރަސްމިއްޔާތަށް މިނިސްޓަރު މިއަދު ހެނދުނު އެ ރަށަށް ވަޑައިގަތެވެ.

ގެސްޓު ހައުސްތަކުގެ ތެރެއިން އެންމެ ފުރަތަމަ އަލުން ހުޅުވީ މާފުށީީ ކާނި ޕާމް ބީޗް ގެސްޓު ހައުސެވެ.

އެތަނުގެ ސީއީއޯ އަބްދުﷲ ނާޝިދު ވިދާޅުވީ، މިއަދު ހެނދުނު ހަތަރު ޓޫރިސްޓަކަށް މާފުށިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެއީ ސްލޮވާކިއާގެ ދެ ޓޫރިސްޓަކާއި މިސްރުގެ ދެ ޓޫރިސްޓެކެވެ.

މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ގެސްޓު ހައުސްތައް އަލުން ހުޅުވުމުގެ ސަބަބުން އުފާ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން އަނެއްކާ ވެސް ރައްޔިތުންގެ ޖީބުތަކަށް ޑޮލަރު ވަންނަން ފަށައި އިގުތިސާދު ރަނގަޅުވާން ފަށާނެ ކަމަށް އޭނާ ވިދާޅިވު އެވެ.

މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިިނިސްޓްރީން ބުނިގޮތުގައި، 12 ރަށެއްގެ 22 ގެސްޓު ހައުސްއެއް މިއަދު ހުޅުވާނެ އެވެ.

މިއަދު އަލުން ގެސްޓު ހައުސްތައް ހުޅުވާ ރަށްތައް:

- ހދ. ހަނިމާދޫ

- ށ. ނަރުދޫ

- . ފޮއްދޫ

- ކ. މާފުށި

- ކ. ހުރާ

- ކ. ގުރައިދޫ

- އއ. މަތިވެރި

- އއ. އުކުޅަސް

- ވ. ތިނަދޫ

- ވ. ފުލިދޫ

- ވ. ކެޔޮދޫ

- ތ. ގާދިއްފުށި

ގެސްޓު ހައުސްތައް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަަ ދެނީ އެޗްޕީއޭއިން ކަނޑައަޅައިފައިވާ މިންގަޑުތަކަށް ފެތޭ ކަމުގެ ޔަގީންކަން އެ ރަށެއްގެ ކައުންސިލުން ދިނުމުންނެވެ. ރަށުގައި ފްލޫ ކުލިނިކާއި ކަރަންޓީން ފެސިލިޓީ އާއި އަދި ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމްކޮށްފައި ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން ގެސްޓު ހައުސްތައް ހުޅުވާ ރަށްރަށުގައި އުޅޭ އެންމެން މާސްކު އެޅުން މަޖުބޫރު ވާނެ އެވެ.