Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

19 މާޗް 2021

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީގެ މިސްޓްރީ ތުރިލާ "ޗެހެރޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީގެ މިސްޓްރީ ތުރިލާ "ޗެހެރޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 9 ގައި ރިލީޒްކުރާ މި ފިލްމަކީ ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ވަރަށް ޝައުގުވެރިވާނެ ހާދިސާތަކެއް ފެންނަ "ޗެހެރޭ" ގެ ކާސްޓްގައި ރިއާ ޗަކްރަބަތީ އާއި ޓީވީ ބަތަލާ ކްރިސްޓަ ޑި ސޫޒާގެ އިތުރުން ސިދާންތު ކަޕޫރާއި އައްނޫ ކަޕޫރް ވެސް ހިމެނެ އެވެ.

މި ފިލްމުގައި އަމީތާބް ވަރަށް ތަފާތު ލުކެއްގައި ފެންނާނީ ވަކީލެއްގެ ރޯލުންނެވެ.

"ޗެހެރޭ" އަންނަ މަހު ރިލީޒްކުރާ އިރު އިމްރާންގެ "މުމްބާއީ ސާގާ" ވަނީ މިއަދު ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ.

"ހެލޯ ޗާލީ" އެމެޒޯން ޕްރައިމް އަށް

ކަޕޫރް ޚާންދާނަށް ނިސްބަތްވާ އެކްޓަރު އާދަރު ޖެއިންގެ ދެވަނަ ފިލްމު "ހެލޯ ޗާލީ" އަންނަ މަހުގެ 9 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރާއި ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާފައިވާ މި ފިލްމަކީ ޕަންކަޖް ތަރަސްވަތު ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ. "ހެލޯ ޗާލީ" ގެ ޓްރެއިލާ އާންމުކުރާނީ މި މަހުގެ 22 ގަ އެވެ. މީގެ ކާސްޓްގައި ޖެކީ ޝްރޮފާއި އެލްނާޒް ނޮރޯޒީ އަދި ޝްލޮކާ ޕަންޑިތު ވެސް ހިމެނެ އެވެ.

ބަތަލާ ތާރާ ސުތާރިއާއާ ރައްޓެހިވެގެން އުޅޭ އާދާރުގެ އަލަތު ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2017 ގައި ގެނެސްދިން "ގައިދީ ބޭންޑް" އެވެ.

"ދަ ބިގް ބުލް" އަންނަ މަހުގެ 8 ގައި

އަބީޝެކް ބައްޗަންގެ އާ ފިލްމު "ދަ ބިގް ބުލް" އަންނަ މަހުގެ 8 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މިއަދު ޓްރެއިލާ އާންމުކުރާ މި ފިލްމަކީ ކުކީ ގްލާޓީ ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ކްރައިމް ފިލްމެކެވެ. އަބީޝެކާ އެކު އިލިއާނާ ޑި ކްރޫޒް ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމުގައި ކިޔައިދޭނީ ހަރުޝަދު މެހެތާ ކިޔާ މީހަކު 1980-1990 ހިންގި މާލީ ޖަރީމާގަނޑުގެ ވާހަކަ އެވެ.

އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ދަ ބިގް ބުލް" ގެ ކާސްޓްގައި ނިކިތާ ދައްތާ، ސުމިތު ވިއާސް. ރާމް ކަޕޫރް އަދި ސޯހަމް ޝާހް ހިމެނެ އެވެ.

އަމްރިތާގެ ދަރިފުޅު ދައްކާލައިފި

ވިހޭތާ ފަސް މަހެއްހާ ދުވަސް ފަހުން ބަތަލާ އަމްރިތާ ރާއޯގެ ދަރިފުޅު ވީރުގެ ފޮޓޯއެއް ދައްކާލައިފި އެވެ.

ފިރިމީހާ އަންމޯލްގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ދެމަފިރިން ދަރިފުޅާ އެކު އޮށޯވެލައިގެން ތިބޭ ތަނެވެ. އޭގެ ކެޕްޝަނުގައި އިނީ "އަވާ ވޯލްޑް، އަވާ ހެޕިނެސް" އެވެ.

މިހާރު ވަރަށް މަދުން ނޫނީ ފިލްމަކުން ނުފެންނަ އަމްރިތާ އަކީ "މޭ ހޫ ނާ" އާއި "ވިވާ" އާއި "އިޝްގް ވިޝްގް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާއެކެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ތާކްރީ" އެވެ.