Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

17 އޯގަސްޓް 2021

އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "ފާކްޓްރީ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "ފާކްޓްރީ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ގަ އެވެ. ފައިސަލް ޑައިރެކްޓްކުރި ފުރަތަމަ ފިލްމުގެ ކާސްޓްގައި ރޯލީ ރަޔަން، ރާޖް ކުމާރު ކަނޯޖިޔާ، ރިބޫ މެހެރާ، ޝަރަދު ސިންގް އަދި އާޝާ ސިންގް ހިމެނެ އެވެ.

"ފާކްޓްރީ" އިން އަލުން އެކްޓިން އާއި ޑައިރެކްޝަން ހުނަރު ދައްކައިލާ އިރު ފައިސަލަކީ ބޮލީވުޑަށް ނުކުތް ނަމަވެސް ބެލުންތެރިން ބަލައިނުގަތް އެކްޓަރެކެވެ. އެކަމަކު އޭނާގެ ބޭބެ އާމިރަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެއް އެކްޓަރެވެ.

ފައިސަލް ލީޑް އެކްޓަރެއްގެ ގޮތުގައި ކުޅުނު ފުރަތަމަ ފިލްމަކީ 1994 ގެ "މަދުހޯޝް" އެވެ.

"ޕްލޭން އޭ، ޕްލޭން ބީ" ނެޓްފްލިކްސް އަށް

ރިތޭޝް ދޭޝްމުކާއި ތަމަންނާ ބާޓިއާ "ޕްލޭން އޭ، ޕްލޭން ބީ" ކިޔާ ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ 2018 ގެ ކާމިޔާބު ފިލްމު "ވީރޭ ދީ ވެޑިން" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް ހަދާފައިވާ ފިލްމެކެވެ. "ޕްލޭން އޭ، ޕްލޭން ބީ" ގެ ސްކްރީންޕްލޭ ލިޔުނީ "ދަ ޑާޓީ ޕިކްޗާ" ލިޔުނު ރަޖަތު އަރޯރާ އެވެ.

ރިތޭޝް އާއި ތަމަންނާ ކުރިން ވެސް އެއް ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2014 ގެ "ހަމްޝަކަލްސް" އެވެ.

"ޗެހެރޭ" ގެ ޕްރޮމޯއެއް ރިއާއާ އެކު

މި މަހުގެ 27 ގައި ރިލީޒްކުރަން ނިންމާފައިވާ މިސްޓްރީ ތުރިލާ "ޗެހެރޭ" ގެ ޑައިލޮގް ޕްރޮމޯއެއް ބަތަލާ ރިއާ ޗަކްރަބަތީއާ އެކު އާންމުކޮށްފި އެވެ.

މިދިޔަ އަހަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް ދަންޖެހިގެން މަރުވި ހާދިސާއާ ގުޅިގެން ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނު ބަތަލާ "ޗެހެރޭ" ގެ ޕްރޮމޯ އިން ދައްކާލާފައި މި ވަނީ އޭނާ ކުޅުނު ރޯލު ފިލްމުން އުނިކޮށްފައިވާ ކަމަށް އަޑު އަރާފައި ވަނިކޮށެވެ.

މި ފިލްމަކީ ރިއާގެ ގާތް އެކުވެރިއެއް ކަމަށްވާ ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ޗެހެރޭ" ގެ ކާސްޓްގައި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ އިތުރުން ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ހިމެނެ އެވެ.

އިންދިރާ އަށް ލާރާ ބަދަލުކޮށްލި ގޮތް

މި މަހުގެ 19 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅުނު ލާރާ ދައްތާ އެ ކެރެކްޓާ އަށް ތައްޔާރުވި ގޮތް ވީޑިއޯއަކުން ދައްކާލައިފި އެވެ.

ލާރާ ކުރިން ބުނެފައިވާ ގޮތުގައި އިންދިރާގެ ރޯލު ފިލްމެއްގައި ކުޅެން ލިބުމަކީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކުރި "ބެލް ބޮޓަމް" އަކީ އިންދިރާ އަވަހާރަކޮށްލި އަހަރު ކަމަށްވާ 1984 ގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

މީގެ ކާސްޓްގައި ވާނީ ކަޕޫރާއި ހުމާ ގްރޭޝީގެ އިތުރުން އާދިލް ހުސައިން ވެސް ހިމެނެ އެވެ.