Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 މާޗް 2021

ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި ޖާންވީ ކަޕޫރްގެ ފިލްމު "ގުޑް ލަކް ޖެރީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި ޖާންވީ ކަޕޫރްގެ ފިލްމު "ގުޑް ލަކް ޖެރީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށް، ސިދާތު ސެންގުޕްތާ ޑައިރެކްޓްކުރާ ފިލްމެކެވެ. "ގުޑް ލަކް ޖެރީ" ގެ ކާސްޓްގައި ދީޕަކް ދޮބްރިޔާލް، މިތާ ވަޝިސްތު، ނީރަޖް ސޫދު އަދި ސުޝާންތު ސިންގް ހިމެނެ އެވެ. ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ގުޑް ލަކް ޖެރީ" އަކީ 2018 ގެ ކާމިޔާބު ތަމަޅަ ފިލްމު "ކޮލަމަވޫ ކޮކީލާ" ގެ ރިމޭކެކެވެ.

ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރި "ރޫހީ" އެވެ.

"ގުޑް ލަކް ޖެރީ" ގެ ޝޫޓިން ނިންމައިލި އިރު، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި ޝޫޓިން ފަށާފައި އޮތް ފިލްމު "ދޯސްތާނާ" ގެ ބާކީ ހުރި މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ޖާންވީ ފަށާނެ އެވެ.

"ދަ ބިގް ބުލް" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 8 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަބީޝެކް ބައްޗަންގެ ފިލްމު "ދަ ބިގް ބުލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ކޫކީ ގުލާޓީ ޑައިރެކްޓްކޮށްފައިވާ ކްރައިމް ޑްރާމާއެކެވެ. "ދަ ބިގް ބުލް" ގައި ކިޔައިދޭނީ 1980-1990 އަށް މަކަރާއި ހީލަތުގެ ތެރެއިން ހިންގާފައިވާ މާލީ ބޮޑު ޖަރީމާއެއްގެ ވާހަކަ އެވެ. އެގޮތުން އަބީޝެކް ފެނިގެން ދާނީ އެ މައްސަލައިގެ އަސްލު ކަމަށްވާ ހަރްޝަދު މެހެތާގެ ރޯލުންނެވެ.

ފިލްމުގެ ކާސްޓްގައި އިލިއާނާ ޑި ކްރޫޒާއި ނިކިތާ ދައްތާ އާއި ސުމިތު ވިއާސް އާއި މަހޭޝް މަންޖްރޭކަރާއި ރާމް ކަޕޫރާއި ސޯހަމް ޝާހް އަދި ސޯރަބް ޝުކްލާ ހިމެނެ އެވެ.

އަޔޫޝްމަންގެ "އަނޭކް" ނިންމާލައިފި

މިދިޔަ މަހު ޝޫޓިން ފެށީ އަޔޫޝްމަން ކްރާނާގެ ފިލްމު "އަނޭކް" ގެ ޝޫޓިން ނިންމާލައިފި އެވެ.

އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް އޭނާ ބުނީ މިއީ އަނެއްކާ ވެސް ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެއް ކަމަށާއި ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ފިލްމަކަށް އޭތި ވާނެ ކަމަށެވެ. "އަނޭކް" ގެ ޑައިރެކްޓަރަކީ 2019 ގައި އަޔޫޝްމަނާ އެކު "އާޓިކަލް 15" ގެނެސްދިން އަނޫބަވް ސިންހާ އެވެ.

"އަނޭކް" ގެ މަސައްކަތަށް ފަހު އަޔޫޝްމަން ދެން މަސައްކަތް ފަށާނީ އާ ޑައިރެކްޓަރު އަނޫބްތީ ކޭޝަޕްގެ "ޑޮކްޓަރު ޖީ" ގެ މަސައްކަތެވެ.

މި އަހަރު ރިލީޒްކުރާނެ އަޔޫޝްމަންގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު އަބީޝެކް ކަޕޫރް ޖުލައި 9 ގައި ގެނެސްދޭ "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.

"ބަބްލޫ ބެޗްލާ" އަންނަ މަހުގެ 16 ގައި

ޝަރުމަން ޖޯޝީގެ ރޮމޭންޓިކް ކޮމެޑީ "ބަބްލޫ ބެޗްލާ" އަންނަ މަހުގެ 16 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އަގްނީ ދޭވް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޝަރުމަންއާ އެކު ބަތަލާއިންގެ ރޯލުން ފެންނާނީ ޕޫޖާ އާއި ތޭޖާޝްރީ ޕްރަދާނެވެ. "ބަބްލޫ ބެޗްލާ" ގެ ކާސްޓްގައި ރާޖޭޝް ޝަރުމާ އާއި މަހޭޝް ޗަންދުރަ ދޭވާ ވެސް ހިމެނެ އެވެ.

"ރަންގް ދެ ބަސަންތީ" އާއި "3 އިޑިއަޓްސް" އަދި "ހޭޓް ސްޓޯރީ 3" ފަދަ ފިލްމުތައް ކުޅެފައިވާ ޝަރުމަންގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރި "މޭރާ ފައުޖީ ކޯލިން" އެވެ.

"ޕެންޓްހައުސް" ގެ ޓީޒާއެއް

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ އައްބާސް-މަސްތާންގެ ސަސްޕެންސް ތުރިލާ "ޕެންޓްހައުސް" ގެ ޓީޒާއެއް ދައްކާލައިި އެވެ.

ވަރަށް މުއްސަނދިކޮށް އުޅޭ ފަސް ރަހުމަތްތެރިޔަކު ދިރިއުޅޭ ޕެންޓްހައުސްއެއްގައި މަރާލާފައި އޮންނަ މީހަކު ފެނުމާ ގުޅިގެން ކުރިމަތިވާ ސިއްރުން ފުރިގެންދާ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމުގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަރުޖުން ރާމްޕާލާއި ސައިރަސް ބްރޯޝާ އާއި އަބްރާރު ޒަހޫރާއި މޯނީ ރޯއި ޓިސްކާ ޗޯޕްޅާ ހިމެނެ އެވެ.

"ބާޒީގަރު" އާއި "ރޭސް" ފަދަ ފިލްމުތައް ގެނެސްދިން އައްބާސް-މަސްތާންގެ "ޕެންޓްހައުސް" ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.