Roadha Mihaaru
އައްޑޫ ޓޫރިޒަމް ޕްރޮމޯޓްކުރާނީ ހުވަދޫ-ފުވައްމުލަކާއެކު

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރާނީ ހުވަދު އާއި ފުވައްމުލައް ހިމެނޭ ގޮތަށް: ޑރ. މައުސޫމް

18 މާޗް 2021

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރާނީ ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި ހުވަދު އަތޮޅު ވެސް ހިމެނޭ ގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރާނީ ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި ހުވަދު އަތޮޅު ވެސް ހިމެނޭ ގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ކާމިޔާބު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރަން ފޭދޫ ހިއްކި ބިމުން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ބިންތައް ހަވާލުކުރުމަކީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމެއް ކަމަށެވެ.

"މިއަދަކީ އަޅުގަނޑަށް ވަރަށް އާދަޔާ ހިލާފު އުފަލެއް ލިބުނު ދުވަހެއް. އެއީ އައްޑޫގެ ރައްޔިތުންނާއި އައްޑޫ ކައުންސިލާއި އައްޑޫ ވިޔަފާރިވެރިން ދެކެމުން އަންނަ އުންމީދެއް އަނެއްކާ ވެސް ހަގީގަތަކަށް ވާން އިތުރު ފިޔަވަޅެއް އެޅުނު ދުވަހަކަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގެ ޓޫރިޒަމްގެ ފަސް ޒޯނުން 93 ބިމެއް ދޭން ނިންމާފައިވާ އިރު، މިއަދު ހަވާލުކުރި ބިންތަކާ އެކު އެވޯޑް ކުރި ބިންތަކުގެ އަދަދު 31 އަށް އަރަ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވިގޮތުގައި، ބިންތަކެއް މިއަދު ހަވާލުކުރުމާއެކު ދެން އެންމެ ބޮޑު ހުވަފެނަކަށް ވާނީ އެ ތަންތަން ހަގީތަކަށް ވާނެ އިރަކާ މެދުގަ އެވެ. އެ މަންޒަރު ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އައްޑޫގައި މި ފެށުނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެހެންވީމާ އަޅުގަނޑުމެން މި އުންމީދު ކުރަނީ މި ކަން މުޅި ރާއްޖޭގައި ނަކަލުވެގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"...އައްޑުއާ އެކު ސަދަން ޒޯންގެ ގޮތުގައި ފުވައްމުލަކާއި ހުވަދު އަތޮޅު އަޅުގަނޑުމެން ޕްރޮމޯޓް ކުރާނީ. އެހެންވީމާ މި ޒޯން ވާނެ މޯލްޑިވްސްގެ އިތުރު [ހިތްގައިމު] ޑެސްޓިނޭޝަނަކަށް."

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ފުރިހަމަވާއިރު، އައްޑޫގައި 4،000 އެނދު ތަރައްގީވާނެ ކަމަށެވެ. މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދު 8،000 އަށް އިތުރުކޮށް، ފުވައްމުލަކާއި ހުވަދޫ ހިމެނޭ ގޮތަށް ދެކުނުގެ ޓޫރިޒަމް ވާނީ ރާއްޖޭގެ އެންމެ މަގުބޫލު އެއް މަންޒިލަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި ސަރަހައްދުގެ ޓޫރިޒަމާ މެދު ބޮޑެތި އުންމީދުތަކެއް ހުރީ ގުދުރަތީ ގޮތުންނާއި ވަސީލަތްތަކުގެ ތަފާތު ސިފަތަކެއް ހުރެފައި މުއްސަނދި ސަގާފަތެއް ވެސް އޮތް ތަނަކަށް ވުމާ އެކު އެވެ.

އެހެންވެ ރާއްޖޭގެ އެންމެ ދެކުނުގެ ޓޫރިޒަމް މިނިސްޓަރު ސިފަކުރެއްވީ "ޑެސްޓިނޭޝަން ވިތިން ޑެސްޓިނޭޝަންއެއް" ގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ، ލޯކަލް ޓޫރިޒަމް ތަރައްގީ ކުރަން ހިންގާ މިފަދަ މަޝްރޫއުތަކުގައި މިހާރުގެ ބޭރުގެ ފަރާތްތަކަށް ބައިވެރިވެވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރީގެ ދާއިރާ އަށް ދިވެހިންނަށް މެޖޯރިޓީ އޮންނަ ގޮތަށް ބޭރުގެ އިންވެސްޓަރުންނަށް އެ ވިޔަފާރީގެ ތެރެއަށް ވަދެވުމަކީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް މާލީ ގޮތުން ދިމާވާ ދަތިތަކަށް މިކަމުން ހައްލު ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"ކްރިއޭޓިވް ވިސްނުން ހުރި ދިވެހި ޒުވާނުންގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެންނަށް މި ވަގުތު ބައެއް ފަހަރަށް ރާއްޖޭން ލިބޭކަށް ނުހުރޭ. އެހެންވީމާ ގަވައިދު [ގެސްޓް ހައުސް ހިންގުމުގެ ގަވާއިދު] އަށް ގެނެވުނު ބަދަލުން ބޭރު މީހުންނަށް ލިބުނު ފުރުސަތުގައި ދިވެހިންނާ ގުޅިގެން މިކަމާއިގެން ކުރިއަށް ދެވޭނެ."

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އޮތީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އެ ދާއިރާ އިން ކުރިއަށް ދާން ތިބި މީހުންގެ އަތުގައި ހިފައިގެން އެހީވެގެން ކުރިއަށް ދާށެވެ. އެހެންވެ، އެ މަސައްކަތުގެ ދުވެލި ދެން މާ މަޑަކުން ނުގެންދެވޭނެ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ބާރަށް ކުރިއަށް ދާން ކަމަށެވެ.

މައުސޫމް ވިދާޅުވި ގޮތުގައި އައްޑޫގެ އިތުރުން ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް ވެސް މިހާރަށް ވުރެ ރަނގަޅަށް ހިންގުމެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކާ އެކު ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

"ގަން އެއާޕޯޓަށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިހިރަ އެއާޕޯޓްތަކަށް މަތިންދާބޯޓް ޖައްސަން ޖެހޭ. ޑޮމެސްޓިކް އެއާޕޯޓްތަކަށް [ގަމުން] އުދުހެވެން ޖެހޭ. ސީ ޕްލޭން އޮޕަރޭޝަންތައް ކުރިއަށް ގެންދަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.