Roadha Mihaaru
އައްޑޫ ޓޫރިޒަމް ޒޯންތަކަށް އެސްޑީއެފްސީން ލޯނު ނަގަނީ

އައްޑޫގެ ޓޫރިޒަމް ޒޯންތަކަށް އެސްޑީއެފްސީން ފައިނޭންސް ހޯދަން މަސައްކަތް ކުރަނީ

17 އެޕްރީލް 2023

އައްޑޫގެ އެކި ރަށްތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ޕްލޮޓްތައް ހެދުމުގައި ފައިސާގެ ތާށިކަން ކުރިމަތިވެފައި ވާތީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ހޯދަން މަސައްކަތްކުރާ ކަމަށް ކައުންސިލުން އިއްޔެ ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އައްޑޫގެ އެކި ރަށްތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ޕްލޮޓްތައް ހެދުމުގައި ފައިސާގެ ތާށިކަން ކުރިމަތިވެފައި ވާތީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ހޯދަން މަސައްކަތްކުރާ ކަމަށް ކައުންސިލުން އިއްޔެ ބުނެފި އެވެ.

ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރުމަށް އައްޑޫން ވަނީ 90 އަށް ވުރެ ގިނަ ބިން އެކި ފަރާތްތަކަށް ދޫކޮށްފަ އެވެ. އެއީ 2،400-10،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. ބިންތައް ދޫކުރީ ގެސްޓް ހައުސްތަަކާއި ޓޫރިޒަމާ ގުޅުން ހުރި އެހެން ވިޔަފާރިތައް ކުރުމަށެވެ.

ކައުންސިލަރު ޝިނާޒް އިބްރާހިމް މޫސާ "މިހާރު" އަށް ވިދާޅުވީ، ފްލޮޓްތައް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކާއެކު ކައުންސިލުން ބައްދަލުކޮށްފައިވާ ކަމަށާއި މައްސަލައަކީ ގެސްޓް ހައުސްތައް ހަދާނެ ފައިސާގެ ތާށިކަން ކަމަށެވެ.

"އެސްޑީއެފްސީ މެދުވެރިކޮށް ފައިނޭންސް ހޯދުމުގެ ކަންކަން މިހާރު އޮތީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި. އެ މީހުންގެ ޓާމްސްތަކަށް ބަލާފައި ގޮތެއް ނިންމާ ހިސާބުގައި އުޅެނީ،" ޝިނާޒް ވިދާޅުވި އެވެ.

ގެސްޓް ހައުސް ހަދަން ދޫކުރީ ސައިޒުގެ ގޮތުން ބޮޑެތި ބިންތަކެއް ކަމަށް ވާތީ ކައުންސިލްގެ ވިސްނުން ހުރީ ގިނަ އަދަދެއްގެ ކޮޓަރިތައް ހެދުމެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގައި 8،000 އެނދު ތަރައްގީ ކުރުމަކީ ވައުދެކެވެ. އެކަމަކު، އަދި އެ ހިސާބަކަށް ނުދެވެ އެވެ. އައްޑޫ ހަންކެޑެގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެފައިވާއިރު، އެ ތަނުގައި އެކަނި 2،000 އެނދު ތަރައްގީ ކުރާނެ އެވެ. އެކަމަކު، އެ ޕްރޮޖެކްޓް ނިމޭނީ އަދި ދެ އަހަރު ފަހުންނެވެ.