Roadha Mihaaru
އެމެޒޯން ޕްރައިމުން އިންޑިއާގައި ފިލްމު ޕްރޮޑަކްޝަނަށް

އެމެޒޯން ޕްރައިމް ވީޑިއޯ އިން އިންޑިއާގައި ފިލްމު ޕްރޮޑިއުސްކުރަން ފަށައިފި

20 މާޗް 2021

އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އެމެޒޯން ޕްރައިމް ވީޑިއޯ އިން އިންޑިއާގައި ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އެމެޒޯން ޕްރައިމް ވީޑިއޯ އިން އިންޑިއާގައި ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފަހަކަށް އައިސް އިންޑިއާގެ ވަރަށް ގިނަ ފިލްމުތަކާއި ވެބް ސީރީޒްތައް ޖަމާވަމުން އަންނަ އެމެޒޯނުން އިންޑިއާގައި އުފައްދާ ފުރަތަމަ ފިލްމަކީ ބުރާސްފަތި ދުވަހު އަޔޯދިޔާ ސިޓީގައި ލޯންޗްކުރި އަކްޝޭ ކުމާރުގެ ފިލްމު "ރާމް ސެތޫ" އެވެ.

މި ފިލްމު ޕްރޮޑިއުސްކުރުމުގައި ހިއްސާވަނީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި އެމެޒޯން އާއި އަބުންދާތިއާ އެންޓަޓައިމަންޓްގެ އިތުރުން ދާދި ފަހުން ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންނާ އަތުގުޅާލި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ލައިކާ އެވެ. އަކްޝޭ 2018 ގައި ވިލަންއެއްގެ ރޯލުން ފެނިގެން ދިޔަ ރަޖްނީކާންތުގެ "2.0" އަކީ ލައިކާގެ ފިލްމެކެވެ.

"ރޭމް ސެތޫ" އާ އެކު އެމެޒޯނުން އިންޑިއާގައި ފިލްމު އުފައްދަން ފެށުމާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޕްރޮޑަކްޝަން ހައުސްތަކާ ގުޅިގެން ވެސް ފިލްމުތައް ހަދާނެ އެވެ. އެކަން އިންސްޓަގްރާމްގައި ހިއްސާކޮށް އެމެޒޯނުން ބުނީ މި ފެށުނު މަސައްކަތަކީ އެހާރާއި މިހާރާއި ކުރިއަށް އޮސް ޖީލާއި އެ ކުންފުންޏާ ދެމެދު އަޅާލެވޭ ފާލަމެއް ކަމަށެވެ. އަދި މިކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.

އަކްޝޭ އާކިއަލޮޖިސްޓެއްގެ ރޯލު ކުޅޭ "ރާމް ސެތޫ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ އިރު، މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރުމާ އެވެ. ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނަމްޑޭޒާއި ނުޝްރަތު ބަރޫޗާ އެވެ.

"ރާމް ސެތޫ" އަކީ އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.