Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

14 ސެޕްޓެމްބަރ 2021

މިދިޔަ މަހުގެ 19 ގައި ސިނަމާތަކުގައި އެޅުވި، އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ 19 ގައި ސިނަމާތަކުގައި އެޅުވި، އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

މި ވާހަކަ އަކްޝޭ ސޯޝަލް މީޑިއާގައި ވެސް ވީޑިއޯ މެސެޖަކުން ބުނެފައިވެ އެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކުރި "ބެލް ބޮޓަމް" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި މަތިންދާބޯޓް ހައިޖެކްކުރުމުގެ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ސްޕައި ތުރިލާއެކެވެ.

އަކްޝޭއާ އެކު ފިލްމުގެ ކާސްޓްގައި ލާރާ ދައްތާ، ވާނީ ކަޕޫރް، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ހިމެނެ އެވެ.

އަކްޝޭ މި ވަގުތު ހުރީ ރަންޖީތުއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމު "ސިންޑްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ. އެ ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް މިދިޔަ ހަފުތާގެ ފަހުކޮޅު މަންމަ ވަރަށް ބޮޑަށް ބަލިވެގެން އަކްޝޭ މުމްބާއީ އަށް ދިޔަ އެވެ. އަދި އޭނާ ދިޔަތަނާ މި މަހުގެ 7 ގައި މަންމަ މަރުވެފައިވެ އެވެ.

"ހިޓް" ގެ ރިމޭކްގެ ޝޫޓިން ފަށައިފި

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "ހިޓް: ދަ ފަސްޓް ކޭސް" ގެ ހިންދީ ރިމޭކްގެ ޝޫޓިން ފަށައިފި އެވެ.

ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޕްރޮޑިއުސަރު ދިލް ރާޖޫ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ލީޑް ތަރިންނަށް ނަގާފައި ވަނީ ރާޖްކުމާރު ރާއޯ އާއި ސާނިއާ މަލްއުތުރާ އެވެ. މި ދެ ތަރިން މިދިޔަ އަހަރުގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" ގެ ތަފާތު ތެ ސެގްމަންޓެއްގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.

މިސްޓްރީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ހިޓް" ގެ ހިންދީ ރިމޭކް ވެސް ޑައިރެކްޓްކުރަނީ އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރި ސައިލޭޝް ކޮލާނޫ އެވެ. އެ ފިލްމުގެ ތަރިންނަކީ ވިޝްވަކް ސެން އާއި ރުހާނި ޝަރުމާ އެވެ.

ސަލްމާންގެ "އަންތިމް" ޒީ5 އަށް

މިހާރު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ސަލްމާން ޚާންގެ އާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ސިންގަލް ސްކްރީންތަކާ އެކުއެކީގައި ޒީ5 އިން ޕްރީމިއާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރިޔަސް މި އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. "އަންތިމް" ސިންގަލް ސްކްރިންތަކާ އެކީގައި ޒީ5 އިން ޕްރީމިއާކުރުމަކީ ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ރާދޭ" ވެސް ރިލީޒްކުރި ގޮތެވެ.

މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ "އަންތިމް" އަކީ ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ ފިލްމެކެވެ.

"ޝިއްދަތު" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 1 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ލޯބީގެ ފިލްމު "ޝިއްދަތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމުގެ ތަރިންނަކީ ސަނީ ކޯޝަލް އާއި ރާދިކާ މަދަންގެ އިތުރުން މޯހިތު ރައިނާ އަދި ޑަޔާނާ ޕެންޓީ އެވެ. ޕްރޮޑިއުސަރު ދިނޭޝްގެ ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ "ޝިއްދަތު" ގެ ޑައިރެކްޓަރަކީ "ޖަންނަތު" އާއި "ތުމް މިލޭ" އަދި "ރާޖާ ނަޓްވަރުލާލް" ގެނެސްދިން ކުނާލް ދޭޝްމުކެވެ.

މި ފިލްމަކީ މެޑޮކް އިން މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމެވެ. ކުރީގެ ފިލްމުތަކަކީ ޖުލައިގައި ގެނެސްދިން "މިމީ" އާއި މާޗްގައި ގެނެސްދިން "ރޫހީ" އެވެ.