Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

29 ނޮވެމްބަރ 2020

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އަކްޝޭ ކުމާރު ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ރޯލަކަށް އަރުޝަދު ވަރްސީ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އަކްޝޭ ކުމާރު ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ރޯލަކަށް އަރުޝަދު ވަރްސީ ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ "ހައުސްފުލް 4" ގެނެސްދިން ޑައިރެކްޓަރު ހަދާ ފިލްމުގައި އަރްޝަދު ވަރަށް ބޮޑު ރޯލަކުން ފެންނާނެ ކަމަށެވެ. އެހެންވެ "ބައްޗަން ޕާންޑޭ" ވެގެން ދާނީ އަކްޝޭ އާއި އަރުޝަދު އެކީގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ. މި ފުރުސަތު އަރުޝަދަށް ލިބުނު އިރު އަކްޝޭ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ބިރުވެރި ފިލްމު "ދުރުގާމަތީ" ގެ ރޯލެއް ވެސް އޭނާ ކުޅެފައިވެ އެވެ.

އަރުޝަދު ކުޅުނު "ޖޯލީ އެލްއެލްބީ" ގެ ސީކްއެލް "ޖޯލީ އެލްއެލްބީ 2" އަކީ އަކްޝޭ ކުޅުނު ފިލްމެކެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ޖެނުއަރީގައި ފަށާނީ ޖެއިސަލްމާރްގަ އެވެ.

މި ފިލްމުގައި ދެ ބަތަލާއިން ހިމެނޭ އިރު އެކަކީ ކްރިތީ ސެނަން އެވެ. އަނެއް ބަތަލާ އަކީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރަންދީޕަށް ވެބް ސީރީޒެއް

މިދިޔަ ހަފުތާގެ ތެރޭގައި "އަންފެއާ އެންޑް ލަވްލީ" ގެ ޝޫޓިން ނިންމައިލި އެކްޓަރު ރަންދީޕް ހޫޑާ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

އޭނާގެ އަލަތު ވެބް ސީރީޒަކީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ "އިންސްޕެކްޓަރު އަވިނާޝް" އެވެ. ކޮޕް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މީގެ ޑައިރެކްޓަރަކީ ނީރަޖް ޕަތަކެވެ. ޝޫޓްކުރަން ހަމަޖެހިފައި ވަނީ އުއްތަރު ޕްރަދޭޝްގަ އެވެ.

މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ޕްރިމިއާކުރި ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ވެސް ކުޅުނު ރަންދީޕްގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.

ޝަހީރް ކައިވެނިކޮށްފި

މިދިޔަ ހަފުތާ ނިމެމުން ދަނިކޮށް އެންގޭޖްމަންޓް އިއުލާންކުރި ޓީވީ އެކްޓަރު ޝަހީރް ޝެއިހް ހުކުރު ދުވަހު ކައިވެނިކޮށްފި އެވެ.

އޭނާ އާއި ލޯބިވެރިޔާ ރުޗިކާ ކަޕޫރް ކައިވެނިކުރި ވާހަކަ ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައިވެ އެވެ. އޭގެ ތެރޭގައި ރުޗިކާ މަސައްކަތްކުރާ ބާލާޖީގެ ވެރިޔާ އެކްތާ ކަޕޫރް ވެސް ހިމެނެ އެވެ. ރުޗިކާ އަކީ ބާލާޖީގެ ވައިސް ޕްރެޒިޑެންޓްގެ އިތުރުން ކްރިއޭޓިވް ޕްރޮޑިއުސަރެކެވެ.

ޝަހީރް އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ޕްލަސް އިން ނިންމައިލި ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އިންނެވެ. އޭނާ މިހާރު އަންނަނީ ބާލާޖީގެ ވެބް ސީރީޒް "ޕައުރަޕުރުޝް" ގެ މަސައްކަތް ކުރަމުންނެވެ.

ނިކިލްގެ ވެބް ސީރީޒެއް

"ކަލް ހޯ ނަ ހޯ" އާއި "ސަލާމޭ އިޝްގް" އަދި "ބަތުލާ ހައުސް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ނިކިލް އަދުވާނީ ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ މި ސީރީޒްގެ ނަމަކީ "މުމްބާއީ ޑައިރީޒް 26/11" އެވެ. މިހާރު ޓީޒާ ޓްރެއިލާ ވެސް ދައްކާލާފައިވާ މި ސީރަކީ 2008 ގައި މުމްބާއީގެ ތާޖް ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

"މުމްބާއީ ޑައިރީޒް 26/11" ގެ ކާސްޓުންގެ ތެރޭގައި މޯހިތު ރައިނާ އާއި ކޮންކޮނާ ސެން ޝަރުމާ އާއި ޓީނާ ދެސާއީ ހިމެނެ އެވެ.

ނިކިލް މިހާރު އަންނަނީ ހޮޓްސްޓާ އަށް "މުގާލްސް" ކިޔާ ސީރީޒެއް ވެސް ހެދުމުގެ މަސައްކަތްކުރަމުންނެވެ. މިއީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ކާސްޓްގައި ރޯނިތު ރޯއި އާއި ދިއާ މިރްޒާގެ އިތުރުން ޝަބާނާ އަޒްމީ ހިމެނެ އެވެ.