Roadha Mihaaru
ކުއާޓާ ފައިނަލުގައި ލިވަޕޫލާއި ރެއާލްގެ ކުރިމަތިލުމެއް

ކުއާޓާ ފައިނަލުގައި ލިވަޕޫލާއި ރެއާލްގެ ކުރިމަތިލުމެއް

19 މާޗް 2021

ޒިއުރިކް (މާޗް 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ ތަށި 13 ފަހަރު އުފުލާލާފައިވާ ރެއާލް މެޑްރިޑާއި 2019 ވަނަ އަހަރުގެ ޗެމްޕިއަން ލިވަޕޫލް ވާދަކުރަން ޖެހިއްޖެ އެވެ.

ޒިއުރިކް (މާޗް 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ ތަށި 13 ފަހަރު އުފުލާލާފައިވާ ރެއާލް މެޑްރިޑާއި 2019 ވަނަ އަހަރުގެ ޗެމްޕިއަން ލިވަޕޫލް ވާދަކުރަން ޖެހިއްޖެ އެވެ.

ލިވަޕޫލާއި ރެއާލް ވަނީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ރެއާލް ވަނީ 3-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ދެކެވުނެވެ. އެ ވާހަކަތަކުގެ ތެރެއިން ރެއާލާއި ލިވަޕޫލްގެ ކުރީގެ ކުޅުންތެރިންނާއި ކޯޗުން ވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާ ބަދަލުކުރި އެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލާއި ލިވަޕޫލް ވަނީ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ލިވަޕޫލާއި ރެއާލް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅުނު ހަމައެކަނި މެޗަކީ 2009 ވަނަ އަހަރުގެ ގަދަ 16 ޓީމުގެ ބުރުގަ އެވެ. އެ ފަހަރު ލިވަޕޫލް ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުއާޓާ ފައިނަލުގައި ނުކުންނާނީ އެ ޓީމު އަތުން މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީ މިދިޔަ އަހަރުގެ ފައިނަލުގައި ބަޔާން އަތުން ބަލިވީ 1-0 އިންނެވެ. ޕީއެސްޖީ މި ފަހަރުގެ ކުއާޓާ އިން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ބާސެލޯނާ ކަޓުވާލުމަށް ފަހު އެވެ.

ޗެމްޕިއަންސް ލީގުގެ ޑްރޯގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގެ ޑްރޯގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ކުއާޓާގައި ބައްދަލުކުރާނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. ޔުވެންޓަސް ކަޓުވާލި ޕޯޓޯ ކުއާޓާ ފައިނަލުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑްްގެ މައްޗަށް ދެ ވަނަ ބުރުގެ ދެ ލެގުން ވެސް ކުރިހޯދި ޗެލްސީ ކުއާޓާގައި ކުޅެނީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ސެމީގައި ކުޅޭނީ ޕީއެސްޖީ އާއި ބަޔާން ތެރެއިން މޮޅުވާ ޓީމަކާ ސިޓީ އާއި ޑޯޓްމަންޑް ކުޅެގެން މޮޅުވާ ޓީމެކެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ލިވަޕޫލާއި ރެއާލް ކުޅެގެން މޮޅުވާ ޓީމަކާއި ޗެލްސީ އާއި ޕޯޓޯ ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް އޮންނާނީ އަންނަ މަހު 6-7 އާއި 13-14 ގަ އެވެ. އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހު 27-28 އާއި މެއި 4-5 ގަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭނީ ސްޕެއިނުގެ ގްރަނާޑާއާ އެވެ. އާސެނަލް ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގްއާ އެވެ. އަޔަކްސް ކުޅޭނީ ޔޫރަޕްގެ މުބާރާތްތަކުގައި މި ވަގުތު އޮތް ހަމައެކަނި އިޓަލީގެ ޓީމު ކަމަށްވާ ރޯމާއާ އެވެ. އަދި ވިޔަރެއާލް ބައްދަލުކުރާނީ ޓޮޓެންހަމް ކަޓުވާލި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބްއާ އެވެ.

ފުރަތަމަ ސެމީގައި ކުޅޭނީ ޔުނައިޓެޑާއި ގްރަނާޑާ ކުޅެގެން މޮޅުވާ ޓީމަކާއި އަޔަކްސް އާއި ރޯމާ ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ. ޔުނައިޓެޑުން 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރީ ފައިނަލުގައި އަޔަކްސް ބަލިކުރުމަށް ފަހު އެވެ. މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ސެމީގައި ވިޔަރެއާލް އާއި ޒަގްރެބް ކުޅެގެން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އާސެނަލް އާއި ސްލާވިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އާސެނަލް ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން ބަލިވެފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހާއި 15 ވަނަ ދުވަހު އެވެ. އަދި ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހު 29 އާއި މެއި މަހުގެ 5 ވަނަ ދުވަހު އެވެ.