Roadha Mihaaru
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި

ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި: ކޮމިޝަން

14 ފެބުރުއަރީ 2023

ނިޔޯން (ފެބްރުއަރީ 14) - މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލީ ޔޫއެފާއިން ކަމަށް މައްސަލަ ތަހުގީގު ކުރި މިނިވަން ކޮމިޝަނުން ބުނެފި އެވެ.

ނިޔޯން (ފެބްރުއަރީ 14) - މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލީ ޔޫއެފާއިން ކަމަށް މައްސަލަ ތަހުގީގު ކުރި މިނިވަން ކޮމިޝަނުން ބުނެފި އެވެ.

ރަޝިއާގައި ކުޅެން އޮތް މެޗު ފްރާންސަށް ބަދަލު ކުރުމަށް ފަހު ކުޅުނު މެޗުގެ ކުރިން ލިވަޕޫލްގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވި ހަމަނުޖެހުންތަކެއް ހިނގި އެވެ. ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފްރާންސްގެ ފުލުހުން ވަނީ ލިވަޕޫލްގެ ސަޕޯޓަރުންގެ މޫނަށް ޕެޕާ ސްޕޭރޭ ވެސް ޖަހައިފަ އެވެ.

ދަނޑަށް ވަނުމުގައި ހުރަސްތައް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި ބޮޑު ހާދިސާ އަކަށް ބަދަލު ނުވީ ކިރިޔާ ކަމަށް އެ ރިޕޯޓްގައި ވެއެވެ. އެކަން އެހެން މެދުވެރިވީ ޔޫއެފާއިން ފުރުހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވުމުން ކަމަށް ވެސް ކޮމިޝަނުގެ ރިޕޯޓްގައި ބުނެ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ފައިނަލު މެޗަށް ސްޓޭޑިއަމަށް ވަނުމުގައި މައްސަލަ ދިމާވި ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުންނަކީ، ހިލްސްބޮރާގައި 1989 ގައި ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ސަލާމަތްވި މީހުން ކަމަށެވެ. އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ހިލްސްބްރާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސަޕޯޓަރުން ގިނަ ވެގެން ލިވަޕޫލްގެ ސަޕޯޓަރުން ތިބި ފަޅި ބިންދައިގެން ވެއްޓުނެވެ. އެ ހާދިސާގައި 97 މީހުން މަރުވެ 700 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ،

ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ އޭޕްރީލް 1989ގައި ހިނގި އެ ހާދިސާ ވެސް ދިމާވާން މެދުވެރިވީ ސަޕޯޓަރުންގެ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައި ނުވުމުން ކަމަށެވެ. ހަމަ އެގޮތަށް ޕެރިހިުގައި 2022 ގައި ހިނގި ކަންކަން ވެސް ހިނގީ ސަޕޯޓަރުންގެ ރައްކާތެރި ކަމާއި ސަލާމަތަށް ފިޔަވަޅު އެޅިފައި ނުވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

"މި އިވެންޓް [ޗެމްޕިއަންސް ލީގު ފައިނަލް] އިންތިޒާމު ކުރުމުގެ އިސް ފަރާތަކީ ޔޫއެފާ. ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް މޮނިޓާކޮށް ސުޕަވައިޒްކޮށް. އެހީތެރިވެދީ، އެކަން ކަށްވަރު ކުރުމަކީ ޔޫއެފާގެ ޒިންމާއެއް،" ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފައި ވެއެވެ.