Roadha Mihaaru
ޔޫކޭގެ އަސްކަރީ ކޯހަކުން ރާއްޖޭގެ އޮފިސަރަކަށް އެއްވަނަ

އިނގިރޭސި ވިލާތުގެ އަސްކަރީ ކޯހަކުން ރާއްޖޭގެ އަންހެން އޮފިސަރަކަށް އެއްވަނަ

20 މާޗް 2021

އިނގިރޭސި ވިލާތުގައި ބޭއްވި އަސްކަރީ ތަމްރީނު ކޯހަކުން ދިވެހި ސިފައިންގެ އަންހެން އޮފިސަރަކު އެއްވަނަ ހޯދައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިނގިރޭސި ވިލާތުގައި ބޭއްވި އަސްކަރީ ތަމްރީނު ކޯހަކުން ދިވެހި ސިފައިންގެ އަންހެން އޮފިސަރަކު އެއްވަނަ ހޯދައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ގައުމުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓްގައި ކުރިއަށް ގެންދިޔަ އޮފިސާ ކެޑޭޓް ކޯހުގައި ބައިވެރިވި ސާޖަންޓް ފިރުޝާނާ ތައުފީގު، ބެސްޓް އިންޓަނޭޝަނަލް ދަރިވަރުގެ މަގާމު ހޯދާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އަންހެން އޮފިސަރަކު އެ ކޯހުގައި ބައިވެރިވި ފުރަަމަ ފަހަރު ވެސް މެ އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން ފިރުޝާނާގެ ކާމިޔާބީގެ އުފާފާޅުކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާލުވީ، އެކިއެކި ސަރުކާރު ތަކުގައި ރާއްޖޭގެ އަންހެން ސިފައިންނަށް އެ މީހުންނަށް ހައްގުވާ ފުރުސަތު ނުލިބި އޮތް ކަމީ ހިތާއެއް ކަމަށެވެ. ފިރުޝާނާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މިއީ އެމްއެންޑީއެފަށާއި ރާއްޖެއަށް ވެސް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށެވެ. ފިރުޝާނާއަކީ ޝަރަފްވެރި ސޭންޑްހާސްޓް ގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ފުރަަތަމަ އަންހެން އޮފިސަރުކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.