23 މާޗް 2021
ތެލުގެ މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރީގެ ތެރެއަށް ވަރަށް ނުރައްކާތެރި ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ހިންގާ އެސްޓީއޯ އިން ބުނަނީ ރާއްޖެ އަށް ވަގު ތެޔޮ އެތެރެ ކުރާ ކަމަށާއި ކަސްޓަމަށް ވެސް އޮޅުވާލަމުން އަންނަ ކަމަށެވެ.
ތެލުގެ މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރީގެ ތެރެއަށް ވަރަށް ނުރައްކާތެރި ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ހިންގާ އެސްޓީއޯ އިން ބުނަނީ ރާއްޖެ އަށް ވަގު ތެޔޮ އެތެރެ ކުރާ ކަމަށާއި ކަސްޓަމަށް ވެސް އޮޅުވާލަމުން އަންނަ ކަމަށެވެ.
ރާއްޖެ އަށް ތެޔޮ އިމްޕޯޓް ކުރަނީ ހަތަރު ފަރާތަކުންނެވެ. އެއީ އެސްޓީއޯގެ އިތުރުން ވިލާ ޝިޕިން އާއި ސީޕްރިޔާ އަދި ދަ ހޯކްސް އާއި މޯލްޑިވިސް ޕެޓްރޯލިއަމް ލިންކް އެވެ.
އެސްޓީއޯ އިން ތުހުމަތުކުރާ ގޮތުގައި، ރާއްޖެ އަށް ކޮލިޓީ ދަށް ތެޔޮ އެތެރެކޮށްގެން އެބަ ވިއްކަ އެވެ. އަދި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު "މިހާރު" އަށް އާދިއްތަ ދުވަހު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ތެޔޮ ގަނެ، ރާއްޖެ އަށް އެ ތެޔޮ އެތެރެކުރާ ކަމުގެ ބައެއް ހެކިތައް ވެސް އެބަ ހުއްޓެވެ.
"ބައެއް ވެސްލްތަކުގެ ޓްރެކިން އެބަ ބަލަން. ބަލާއިރު އިންޑޮނޭޝިޔާއާ ދިމާ ބޭރަށް ނުކުމެލައިފައި އެބަ އާދޭ ތިން ހަތަރު ދުވަސް ތެރޭގައި ތެޔޮ ހިފައިގެން [ރާއްޖެ އަށް]،" އަމްރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އެއީ ރަނގަޅު ތެލެއް ނޫންކަން. ބޭރުގެ ނޫސްތަކުގައި ވެސް ހުންނާނެ އިންޑޮނޭޝިޔާގެ ބޭރުގައި ވަގު ތެޔޮ ވިއްކާ ވާހަކަ. ޝިޕް ޓު ޝިޕް ޓްރާންސްްފާކޮށްގެން ބީއެލް ބަދަލުކޮށްގެން އެކަން އެ ކުރަނީ. އަޅުގަނޑުމެންނަށް ވެސް އެޕްރޯޗްކުރޭ އެހެން ގެންނަން. ދުބާއީގެ ބޭރުން ވެސް އެހެން ތެޔޮ ލިބެން އެބަހުރި. އެކަމަކު އެއީ ކޮށްގެން ވާނެ ކަމެއް ނޫން. އެ ގަނެގެން ވިއްކާ މީހާ އެ އަގުގައި [ހެޔޮ އަގުގައި] ތެޔޮ ވިއްކައިފާނެ."
އަމްރު: އޭނާ ވިދާޅުވަނީ ރާއްޖެއާ އެކަށީގެން ނުވާ ތެޔޮ އެތެރެކޮށްގެން ބައެއް ފަރާތްްތަކުން ވިއްކާ ކަމަށް -- ފައިލް ފޮޓޯ: މިހާރު
އޭނާ އެ ވާހަކަތައް މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ބުދަ ދުވަހު ވެސް ދެއްކެވި އެވެ. ހުވަދު އަތޮޅުގައި އަމިއްލަ ފަރާތަކުން މިފްކޯ އަށް ވުރެ ހެޔޮ އަގުގައި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުށަހެޅި މައްސަލައާ ގުޅިގެން، މެމްބަރުން ވަނީ ވަރުގަދަ ސުވާލުތަކެއް އޭނާއާ ކުރިމަތިކޮށްފަ އެވެ. މިފްކޯ އަށް ތެޔޮ ވިއްކަނީ ފިއުލް ސަޕްލައި އިންނެވެ. ފިއުލް ސަޕްލައި އިން ވިއްކަނީ އެސްޓީއޯގެ ތެލެވެ. އެ ދެ ކުންފުންޏަކީ ވެސް އެސްޓީއޯގެ ބެލެނިވެރި ދެ ކުންފުންޏެވެ.
އޭގެ ތަފުސީލުތަކަށް ވަޑައިގަންނަވަމުން އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ތެލުގެ ވިޔަފާރިއަށް ގާނޫނީ އިމެއް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ، އޭނާ ސިފަ ކުރެއްވި ގޮތުގައި، ތެލުގެ ވިޔަފާރި އޮތީ "ގަޑުބަޑުވެފަ" އެވެ.
"އަޅުގަނޑުމެން އެކަންޏެއް ނޫން ރާއްޖެ އަށް ތެޔޮ އެތެރެކުރަނީ. ތެޔޮ ޝިޕްމަންޓްތައް އަންނަ ގޮތަށް ބަލާއިރު ބައެއް ފަހަރު އާންމު އެހެން ފަރާތްތަކުން ހުރެދާނެ އަޅުގަނޑުމެންނަށް ވުރެ ހެޔޮ އަގުގައި ތެޔޮ އެތެރެކޮށްފައި. ރެގިއުލޭޓް ކުރެވިފައި އޮތް ދާއިރާއެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި، އެސްޓީއޯ އަކީ ޒިންމާތަކެއް އޮތްް، އަދި އިތުބާރާ އެކު ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ކުންފުންޏަކަށް ވާތީ އަމިއްލަ ވިޔަފާރިތަކެކޭ އެއްގޮތަކަށް އެ ކުންފުންޏަށް އެގޮތަކަށް ކަންތަކެއް ނުކުރެވޭނެ އެވެ.
"އަޅުގަނޑުމެންނަށް ވެސް އިރާގު ކައިރިއަށް ޖެހިލައިފައި ތެޔޮކޮޅެއް ގެނެވިދާނެ. އެކަން މާ ބޮޑަށް ވެސް ކުރެވިދާނެ. އެކަމަކު އެހެން އެކަން އަޅުގަނޑުމެން ނުކުރާ ތިން ސަބަބެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
"އެއް ސަބަބަކީ އަޅުގަނޑުމެން ބޭނުންވޭ ކޮންޓިޓީ [ލިބެން]. ދެވަނަ ފަހަރު ވެސް ލިބޭނެ ކަމުގެ ޔަގީންކަން އޮންނަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ސްޓޯރޭޖްގައި މި ހުންނަނީ ހައެއްކަ މަހަށް ބޭނުންވާ ތެޔޮ. އެ ތެޔޮ ހުސްވީމަ އެ މީހުންގެ އަތުން ނުލިބިއްޖިއްޔާ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ. އެހެންވެ ރިލަޔަބަލް، ބޭނުން އިރަކުން ބޭނުން އަދަދަކަށް ލިބޭ ކުންފުންޏަކުން އެ ގެނައުމަކީ މުހިންމު ކަމެއް. އެހެންވެ އަޅުގަނޑުމެން މި ގެންނަނީ ތެޔޮ އުފައްދާ ސަރުކާރުގެ ކުންފުނިތަކުގެ އަތުން."
ދެވަނަ ކަމަކީ، ތެލުގެ ކޮލިޓީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ތެލުގެ ތެރޭގައި ތަފާތު ކޮލިޓީތައް ހުންނަ އިރު، ރާއްޖެ އެތެރެކުރާ ތެޔޮ ވާން ޖެހެނީ ތިމާވެއްޓާ ވެސް ރައްޓެހި ތެލަކަށެވެ.
"ތިން ވަނަ ކަމަކީ ރާއްޖެ އަށް ޖެޓް ފިއުލް ވެސް މި ގެންނަނީ އަޅުގަނޑުމެން. އެމްއޭސީއެލުން އެ ޓެސްޓްކޮށްފައި ބޯޓަކަށް މިއަޅަނީ. އެހެންވެ އެ ބޭނުން ނުކުރެވޭ ތެލަކަށް ވެއްޖިއްޔާ ބޯޓުތައް ގްރައުންޑް ކުރުމުގެ ފުރުސަތު އެބަ އޮތް،" އަމްރު ވިދާޅުވި އެވެ.
އެކަމަކު ރާއްޖެ އަށް ބައެއް ފަރާތްތަކުން ކޮލިޓީ ދަށް ތެޔޮ އެތެރެކޮށްގެން ވިއްކާ ކަމުގެ ތުހުމަތުތަކާއި އެ ތެޔޮ އަޅައިގެން ދިމާވެފައި ހުރި ބައެއް ކަންކަން އޭނާ ވިދާޅުވެ ދެއްވި އެވެ.
"އެނގޭ އެއްޗަކީ އަޅުގަނޑުމެންނާ ހިސާބަށް ވެސް އާދޭ ޝަކުވާތައް. ރިސޯޓްތަކުގެ އިންޖީނުތަކަށް ވެސް މައްސަލަ ދިމާވެފައި އެބަހުރި. ސަފަރީތަކަށް ވެސް އަދި ދޯނިފަހަރަށް ވެސް މައްސަލަ ދިމާވެގެން އަޅުގަނޑުމެންގެ ތެލަށް ބަދަލުކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ އަޅުގަނޑުމެން ވާނީ ކަސްޓަމްސްގެ ސަމާލުކަމަށް ވެސް ގެނެސްފައި."
އަޅުގަނޑުމެންނަށް އެނގިފައި ހުންނަ ވާހަކަތައް އެއީ ކަސްޓަމްސް އަށް މި ކަންކަން ނޭނގޭ ވާހަކަ. ކޮންޓިޓީ އަށް ބަލައިފައި ޑިއުޓީ މި ދައްކަނީ. ޑޮކިއުމެންޓްތައް ބަދަލުކޮށްފައި އެއްބައި ދައްކައިފައި އަނެއް ބައެއް ނުއެއް ދައްކާ -- އަމްރު
އަމްރު ވިދާޅުވީ ރާއްޖެ އެތެރެކުރާ އިރު ކަސްޓަމަށް ވެސް އެނގެން އޮންނާނީ "އެއީ ތެޔޮ" ކަމަށެވެ. އެކަމަކު އޭގެ ކޮލިޓީ އެ މީހުންނަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ތެލުގެ ކޮލިޓީ ބެލޭނެ ގޮތެއް ރާއްޖޭގައި ނެތުމެވެ.
"އަޅުގަނޑުމެންނަށް އެނގިފައި ހުންނަ ވާހަކަތައް އެއީ ކަސްޓަމްސް އަށް މި ކަންކަން ނޭނގޭ ވާހަކަ. ކޮންޓިޓީ އަށް ބަލައިފައި ޑިއުޓީ މި ދައްކަނީ. ޑޮކިއުމެންޓްތައް ބަދަލުކޮށްފައި އެއްބައި ދައްކައިފައި އަނެއް ބައެއް ނުއެއް ދައްކާ."
އަމްރު ކުރެއްވި އަނެއް ތުހުމަތަކީ، ކަސްޓަމާ ހަމައަށް ނުގޮސް ބޯޓުގައި ބަހައްޓައިގެން ބައެއް ފަހަރު ތެޔޮ ވިއްކާ ކަމުގެ ތުހުމަތެވެ.
"އެކަމަކު އެކަން އަބަދު ހިނގާ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑަށް އެނގިފައި ހުރި އެއްޗެހިތަކެއް މަޖިލީހަށް އަޅުގަނޑު މި ކިޔައިދިނީ. ބައެއް ފަހަރު އަޅުގަނޑުމެންނަށް ވުރެ އެހެން ބަޔަކު އަގު ހެޔޮކޮށް ވިއްކާ ނަމަ މިހިރީ މިކަން މިގޮތަށް ހިނގައިފާނެ، ހިނގާ، އަދި ހިނގުމުގެ ފުރުސަތު އޮތް ކަންކަން،" އޭނާ ވިދާޅުވި އެވެ.
އަމްރު އެ ކުރެއްވީ ވަރަށް ބޮޑެތި ތުހުމަތުތަކެކެވެ. އެކަން ތެޔޮ ވިއްކާ ކުންފުނިތަކުން ވެސް ގަބޫލުކުރެ އެވެ. އަދި އެ ވިދާޅުވި ގޮތަށް ކަންތައްތައް ވާ ނަމަ، އެއީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމެއް ކަމަށް، ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އެކަމަކު އަމްރު އެ ވިދާޅުވި ގޮތަށް އެކަން އެގޮތަށް އަމިއްލަ ބަޔަކަށް ކުރެވިދާނެ ކަމަކަށް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ އިސް ބޭފުޅަކު ގަބޫލެއް ނުކުރައްވަ އެވެ. މަސްލަހަތަށް ޓަކައި ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން އޭނާ ދެއްވީ ކުރު ޖަވާބެކެވެ.
"ސަރުކާރަށް ނޫނީ ރާއްޖެ އަށް ވަގަށް ތެޔޮ އެތެރެކޮށްގެނެއް ނުވިއްކޭނެ،" އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ވަގަށް ތެޔޮ އެތެރެކުރަންޏާ އިމިގްރޭޝަން، ކަސްޓަމްސް، ސިފައިން، އެމްޕީއެލް، ފުލުހުން މިހެން ގޮސް އެތައް ދާއިރާއެއްގެ މުވައްޒަފުންނަށް ރިޝްވަތު ދީގެން ނޫނީ ތިކަމެއް ނުވާނެ. އެ އެންމެންނަށް ބައި އަޅައިގެން މިކަން ކުރަން ވެއްޖިއްޔާ ތެޔޮ ވިއްކައިގެން ވާނެ ފައިދާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ތެލަކީ، ރާއްޖޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް ވިޔަފާރިއެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި، ތެލުގެ ވިޔަފާރިއަށް ކުންފުނިތަކުން މި ލަނީ އެންމެ ބޮޑުވެގެން ވެސް ހަތް ޕަސެންޓްގެ ފައިދާއެކެވެ.
މަސް ދޯންޏަކުން ފެލިވަރު ފެކްޓަރީއަށް ގެނައި މަސްތައް ދޯނިން ބާލަނީ: މިފްކޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކަމުގެ ޝަކުވާ އޮވޭ -- ފައިލް ފޮޓޯ: މިހާރު
"ވަރަށް ވާދަވެރިކަން ބޮޑު. އޭގައި މި ވާ ގޮތަކީ އެސްޓީއޯ އަށް މި ވާދަވެރިކަމުގެ ތެރޭގައި ނުހިފެހެއްޓެނީ. އެސްޓީއޯ އެ ހިންގަނީ ހަމައެކަނި ތެލުން ލިބޭ އެއްޗަކުން. އެ ނޫން ވިޔަފާރިއެއް ނެތް. ދެން ތެޔޮ އަގުބޮޑުކޮށްގެން ނޫނީ އެ މީހުންނަކަށް ކުންފުނި ހިންގޭނެ ގޮތެއް ނެތް،" މަޖިލީހުގައި އަމްރު ދެއްކެވި ވާހަކަތަކަށް ހިތްހަމަނުޖެހުމާ އެކު އެ ވިޔަފާރިވެރިޔާ ރައްދު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެވަރުގެ ބޭފުޅަކު، އެ ދެއްކެވި ވާހަކަތަކަކީ ހަގީގަތެއްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ އަށް ވަގަށް ނުވަތަ ވަގު ތެޔޮ އެތެރެކޮށްގެން ވިއްކާ ނަމަ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.
"ކީއްވެގެންތޯ މަޖިލީހަށް އެ މައްސަލަ ނުބެލެންވީ. މަޖިލީހުގައި އެ ވާހަކަ އަމްރު ދެއްކެވީ. ވިދާޅުވި ވެސެލްތަކުގެ ޓްރެކިން ރެކޯޑް ހުރި ވާހަކަ. އެހެންވިއްޔާ އެއީ ކާކުގެ، ކޮން ބަައެއްގެ ބޯޓުތަކެއްތޯ ބަަލައި ތަހުގީގު ހިންގަވަންވީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.
ކީއްވެގެންތޯ މަޖިލީހަށް އެ މައްސަލަ ނުބެލެންވީ. މަޖިލީހުގައި އެ ވާހަކަ އަމްރު ދެއްކެވީ. ވިދާޅުވި ވެސެލްތަކުގެ ޓްރެކިން ރެކޯޑް ހުރި ވާހަކަ. އެހެންވިއްޔާ އެއީ ކާކުގެ ކޮން ބަައެއްގެ ބޯޓުތަކެއްތޯ ބަަލައި ތަހުގީގު ހިންގަވަންވީ ނޫންތޯ؟
ތެޔޮ އެތެރެކުރާއިރު، ޑޮކިއުމެންޓް ބަދަލުކުރުމަކީ ވެސް ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއިން ޑޮކިއުމެންޓެއް ބަދަލުކޮށް މަކަރު ހެދުމުގެ ފުރުސަތެއް ކުންފުނިތަކަކަށް ނޯންނާނެ އެވެ.
"ސަބަބު އަޅުގަނޑު ދަންނަވައިފާނަން. ތެޔޮ ޝިޕްމަންޓަކީ އެއީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އެއްޗެއް. އަޅުގަނޑުމެން ޝިޕްމަންޓަކަށް މި ދައްކަނީ ތިން ހަތަރު މިލިއަން ޑޮލަރު. މިއީ ބޭންކުތައް، މިސާލަކަށް އެމެރިކާގެ ބޭންކުތައް ވެސް މެދުވެރިވެގެން ދާ ފައިސާ. އެލްސީ އެބަ ހުޅުވަން ޖެހޭ. ކިހިނެއްތޯ އެއަށް މަކަރު ހެދޭނީ؟ އަނެއްކޮޅުން ޑޮކިއުމެންޓެއް އެޑިޓް ކުރިޔަސް ކަސްޓަމަށް ގުޅާލައިފައި އެހެން އޮންނާނެ އެ ތެޔޮ ވިއްކި ކުންފުންޏެއް ކައިރީގައި އޭގެ އަގު،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ތެލުގެ ވިޔަފާރި ރެގިއުލޭޓް ކުރަން ޖެހޭ ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.
އަމްރު ދެއްކެވި މުޅި ވާހަކައިގެ ޖުމްލަ އަކީ، ހަމައެކަނި ކޮލިޓީ ދަށް ތެޔޮ އެތެރެކުރުމުގެ ވާހަކަތަކެއް ނޫނެވެ. އަދި އެއީ ހަމައެކަނި މިއަދު އެކަން ހިނގާ ވާހަކައެއް ވެސް ނޫނެވެ. އޭނާ ބޮޑަށް ބާރުއެޅުއްވީ، ތެލުގެ ވިޔަފާރި މިހާ ވާދަވެރި އިރު، އެ ވިޔަފާރި އަށް އެއްވެސް ގާނޫނެއް/ ގަވައިދެއް ހެދުމަށެވެ.
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް
އަމްރު އެސްޓީއޯ އިން ވަކިކޮށްފި
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!
"ރޭޑިއޯގްރަފީ ކޯސް: ސިއްހީ ދާއިރާއަށް ކުރިއެރުމެއް"
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
ދާއިމަށް ބޭސްކާންޖެހޭ 8،000 މީހުން ދެކުނުގައި!
ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ފަށާނެ: އެސްޓީއޯ
ރިސޯޓްތަކަށް ތެޔޮ ވިއްކަނީ ޑޮލަރުން: އެސްޓީއޯ
އެމްއެސްއެސް އިން ގަތް އާ ބޯޓު ރާއްޖެ ގެނެސްފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރު ފްލޯތައް ދޫކުރަނީ