Roadha Mihaaru
ރިސޯޓްތަކަށް ތެޔޮ ވިއްކަނީ ޑޮލަރުން: އެސްޓީއޯ

ރިސޯޓްތަކަށް ތެޔޮ ވިއްކަނީ ޑޮލަރުން، އެހެން ނޫނީ ޑޮލަރު ލިބޭނެ ގޮތެއް ނެތް: އަމްރު

06 ޖުލައި 2022

ރިސޯޓުތަކަށް ތެޔޮ ވިއްކަނީ ޑޮލަރުން ކަމަށާއި އެގޮތަށް ނިންމީ، ތެޔޮ އިމްޕޯޓު ކުރަން ޑޮލަރު ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓުތަކަށް ތެޔޮ ވިއްކަނީ ޑޮލަރުން ކަމަށާއި އެގޮތަށް ނިންމީ، ތެޔޮ އިމްޕޯޓު ކުރަން ޑޮލަރު ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ، 2018 އާ އަޅާ ބަލާއިރު، ރިސޯޓުތަކަށް ތެޔޮ ވިއްކާ ވަރު މިހާރު ދެ ގުނަ އިތުރުވެއްޖެ ކަމަށެވެ. އެހާ ބޮޑަށް އިތުރުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ އެކު، އެކަން ކުރަމުން އައި އަމިއްލަ ވަރަށް ގިނަ ބަޔަކު ހުއްޓާލައިފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެޔޮ ރައްކާކުރާ ކެޕޭސިޓީ އަށް ބަދަލުތަކެއް ނުގެނެސް، ތެޔޮ އިތުރަށް ވިއްކަން ޖެހުމަކީ އެ ކުންފުންޏަށް ވެސް އޮތް ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ތެޔޮ އެތެރެ ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހެ އެވެ. އަދި ކުރިއަށް ވުރެ އަވަސް އަވަހަށް ތެޔޮ އެތެރެ ކުރުމުގެ ކަންކަން ވެސް ކުރަން ޖެހެ އެވެ.

އަމްރު ވިދާޅުވީ، ތެޔޮ އެތެރެ ކުރުމަށް އެމްއެމްއޭއިން ޑޮލަރު ފޯރުކޮށްދޭ ނަމަވެސް، އެމްއެމްއޭގެ ރިޒާވަށް ބަރޯސާވެގެން އެކަނި ތެޔޮ އެތެރެ ކުރުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އިތުރު އެހެން ދިމާލަކުން ޑޮލަރު ނުލިބޭ ނަމަ އަޅުގަނޑުމެން ޖެހޭނީ މާކެޓަށް ނުކުމެ ޑޮލަރު ގަންނަން. އެހެންވެއްޖެ ނަމަ ރައްޔިތުންނަށް ބޭރަށް ފުރަން ޑޮލަރު ޖެހޭނީ އަގު ބޮޑުކޮށް. އެހެންވެ ތެލަށް ރިސޯޓުތަކުން ޑޮލަރު ހޯދަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ރިސޯޓުތަކުން ޑޮލަރުން ޕޭމަންޓް ނަގާތީ، ޑޮލަރު އެތެރެ ކުރުމުގެ ކަންކަން އެބަ މެނޭޖްކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެތެރޭގެ އެއްވެސް މުއާމަލާތެއްގައި ދިވެހި ރުފިޔާ ނޫން ފައިސާއެއް ބޭނުންކުރުން ގާނޫނުން މަނާކޮށްފައި އޮތް ނަމަވެސް އެ މަނާކުރުން ތަންފީޒެއް ނުކުރެވެ އެވެ.

"ރިސޯޓުތަކުން ޑޮލަރު ނުހޯދާ ނަމަ އަޅުގަނޑުމެން ވެސް ދާން ޖެހޭނީ ބްލެކް މާކެޓަށް. އޭރުން އެ މީހުން ވިއްކާނީ ބޮޑު އަގުގައި. އެހެންވީމަ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އަނެއްކާ ވެސް އުފުލޭނެ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ޑޮލަރު ހޯދަން އެސްޓީއޯއިން ކަޅު ބާޒާރަށް ހިނގައްޖެ ނަމަ، އޭގެ ގެއްލުން އެންމެންނަށް ވެސް ކުރާނެ ކަމަށެވެ.