Roadha Mihaaru
ފައުޗީގެ ވާހަކަ ކިޔައިދޭ ކުޑަކުދިންގެ ފޮތެއް

އެންތަނީ ފައުޗީގެ ވާހަކަ ކިޔައިދޭ ކުޑަކުދިންގެ ފޮތެއް ނެރެނީ

23 މާޗް 2021

މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވޭ އެމެރިކާގެ ޑރ. އެންތަނީ ފައުޗީއާ ބެހޭ ގޮތުން ކުޑަކުދިންގެ ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވޭ އެމެރިކާގެ ޑރ. އެންތަނީ ފައުޗީއާ ބެހޭ ގޮތުން ކުޑަކުދިންގެ ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް (އެންއައިއޭއައިޑީ) ގެ ޑިރެކްޓަރު ފައުޗީ، 80، ގެ ހަޔާތް ތަސްވީރުން ކިޔައިދޭ ފޮތް ނެރެނީ އެމެރިކާގެ ޕަބްލިިޝިން ހައުސް ސައިމަން އެންޑް ޝޫޒްޓާއިންނެވެ. ފޮތުގެ މުސައްނިފަކީ ކޭޓް މެޒްނާ އެވެ.

"ޑރ. ފައުޗީ: ހައު އަ ބޯއި ފްރޮމް ބްރޫކްލީން ބިކޭމް އެމެރިކާޒް ޑޮކްޓަ" ގެ ނަން ދީފައިވާ ފޮތް ގެނެސްދޭނީ ކުޑަކުދިން ގަޔާވާ ގޮތަށް ކުލަ ގަދަ ކުރެހުންތަކާ އެކީގަ އެވެ. އެގޮތުން ފޮތުގެ އިލަސްޓްރޭޝަން ހަދާފައި ވަނީ އެލެގްޒެންޑްރާ ބީ އެވެ.

މި ފޮތުގެ ވާހަކަ ހިއްސާކުރަމުން ސައިމަން އެންޑް ޝޫޒްޓާ އިން ފޮތް ނެރޭނީ މި އަހަރުގެ ޖޫން މަހުގެ 29 ގައި ކަމަށެވެ. "ޑރ. ފައުޗީ: ހައު އަ ބޯއި ފްރޮމް ބްރޫކްލީން ބިކޭމް އެމެރިކާޒް ޑޮކްޓާ" އާ ބެހޭ ގޮތުން އެތަނުން ބުނީ މިއީ އެއްވެސް ގޮތަކަށް ފައުޗީގެ ބައިވެރިވުމެއް ހިއްސާއެއް އޮވެގެން ނެރޭ ފޮތެއް ނޫން ކަމަށެވެ. އެކަމަކު ކުޑަކުދިންނަށް ހާއްސަ ފޮތް ނެރެނީ ފައުޗީގެ ރުހުން ހޯދައިގެން ކަމަށް ބުންޏެވެ.

މިހާރު ވެސް ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ ފޮތާ ބެހޭ ގޮތުން ލިޔުންތެރިޔާ ކޭޓް ބުނިގޮތުގައި ފައުޗީގެ ހަޔާތުގެ ހިތްގައިމު ދަތުރު ކުޑަކުދިންގެ ޝައުގުވެރިކަން ލިބޭ ގޮތަށް ގެނެސްދިނުމަކީ ފައުޗީ ފަދަ ކާމިޔާބު މީހަކަށްވާން ކޮންމެ ކުއްޖަކަށް ވެސް އިންސްޕިރޭޝަނަކަށް ވާނެ އެވެ.

"އެހެންވެ ފައުޗީގެ ވާހަކަ ކުޑަކުދިންނަށް ކިޔާލަދެވޭތީ ވަރަށް އުފާވޭ. މި ފޮތުގެ ސަބަބުން މުޖުތައަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރަން." އޭނާ ބުންޏެވެ.

އެމެރިކާގެ ހަތް ރައީސެއްގެ ދައުރުގައި ހިދުމަތްކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެން ހުންނެވި ޑރ. ފައުޗީ އަކީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ވަބާއާ ގުޅިގެން އެމެރިކާގައި އެންމެ ބޮޑަށް އެ ބައްޔާ ދެކޮޅަށް މަސައްކަތްކުރެއްވި އެކެކެވެ. އެ މަސައްކަތުގެ އަގުވަޒަންކޮށް މިދިޔަ މަހު އޭނާ އަށް މި އަހަރުގެ ޑޭން ޑޭވިޑް ޕްރައިޒް އެވޯޑް ވެސް ލިބިފައިވެ އެވެ.

އެންއައިއޭއައިޑީގެ ޑިރެކްޓަރުގެ މަގާމު ފައުޗީ އަދާކުރައްވަމުން ގެންދަވަނީ 1984 އިން ފެށިގެންނެވެ. އޭނާ އަކީ އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ރިސާޗާއި އެއިޑްސް ރިލީފަށް ވެސް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ފައުޗީ އަކީ ތިން ކުދިންގެ ބައްޕައެކެވެ.