Roadha Mihaaru
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

22 މާޗް 2021

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ފަސް އަހަރަށް އައްޔަންކުރާ މަގާމަށް ކުރިމަތިލުމަށް ފޯމު ބަލައިގަންނާނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 1:30 އަށް ކަމަށެވެ.

އެކަމަށް އެދޭ ފޯމު ރައީސް އޮފީހުން އަދި ،www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެގޮތަށް ނިންމެވީ އޮންލައިން ނޫހެއް އުފެއްދުމަށެވެ. ފިޔާޒު އިސްވެ ހުންނަވައިގެން އެ ނޫސް އުފެއްދުމުގެ މަސައްކަތް ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މީގެ 21 އަހަރު ކުރިން ނޫސްވެރިކަން ފެއްޓެވި ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އޮކްޓޯބަރު 31، 2019 ގަ އެވެ. އޭނާ ވަނީ އާފަތިސް ނޫހާއި "ހަވީރު"ގެ އިތުރުން ރާއްޖެ ޓީވީގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ.