Roadha Mihaaru
ބޭރު ސިފައިންގެ އަދަދު ނުދިން ނިންމުން ދަމަހައްޓައިފި

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސުން ނިންމީ ރަނގަޅަށް: އިންފޮމޭޝަން ކޮމިޝަނަރު

28 އޮކްޓޯބަރ 2020

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކޮށްގެން ޑިފެންސް މިނިސްޓްރީއާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަ، އެ މިނިސްޓްރީއާ އެއްކޮޅަށް އިއްޔެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކޮށްގެން ޑިފެންސް މިނިސްޓްރީއާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަ، އެ މިނިސްޓްރީއާ އެއްކޮޅަށް އިއްޔެ ނިންމައިފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައުލޫމާތު ހޯދަން، މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓްރީ އަށް ހުށަހަޅައި އެ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތެއް ކަމަށް ނިންމައި ހާމަނުކުރަން ނިންމުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ އެވެ. އެކަމާ ގުޅިގެން ހަތަރު ބައްދަލުވުމެއް ބޭއްވުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ މައްސަލަ ނިންމެވީ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހާމަނުކުރަން ނިންމި ސަބަބު ރަނގަޅު ކަމަށެވެ.

ފިޔާޒު ވިދާޅުވީ، އިންޑިއާ ސިފައިންނާ ގުޅޭ މައުލޫމާތު ދެވެން ނެތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، ހޯދަން އެދުނު މައުލޫމާތު ދީފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީކަމަށް ޑިފެންސް މިނިސްޓްރީން ޖަވާބުދީފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 2 ވަނަ މާއްދާގެ ހ. ގައި ދައުލަތުގެ އިދާރާއެއްގައި ހުންނަ މައުލޫމާތު ހޯދައި ލިބިގަތުމަކީ އާއްމު ގޮތެއްގައި ހުޅުވާލާފައިވާ ހައްގެއް ކަމަށް ބަޔާންކޮށްފައިވުމާއެކު، ހަމަ މި މާއްދާގެ ށ. ގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނުހިނގާނީ ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވާ ހާލަތްތަކުގައި އެކަނިކަމަށް ބަޔާންކޮށްފައިވާ ކަމަށް ފިޔާޒު ވިދާޅުވި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމަކީ އާއްމުކޮށް ހުޅުވާލެވިފައިވާ ހައްގަކަށް ވިޔަސް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ހުރި ސަބަބުތަކުން ސަބަބެއް އޮތް ނަމަ، އެ މައުލޫމާތެއް ނުދީ ހިފެހެއްޓުމުގެ ހައްގު ދައުލަތުގެ އިދާރާއަށް ލިބިގެންވާ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ގާނޫނުގެ 61 ވަނަ މާއްދާގެ ހ، ގައި އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާއެއް ބެލުމަށްފަހު ނިންމިދާނެ ނިންމުންތައް ބަޔާންކޮށްފައިވާއިރު ވަކި މައުލޫމާތަކަށް އެދޭ މީހަކު، އެ މައުލޫމާތަކަށް އެދޭ ގޮތަށް، އެ މައުލޫމާތެއް ދޫކުރުމަށް އިންކާރުކުރުމުގެ ބާރު ނުވަތަ ނިންމާފައިވާ ގޮތް ރަނގަޅަށް ކަނޑައެޅުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ދީފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިންނާ ގުޅޭ މައުލޫމާތު ނުދޭން ނިންމީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ލަފާގެ މަތިންކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ސިފައިންގެ އަދަދުގެ އިތުރުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިންނަށް ކުރާ ހަރަދުގެ ތަފްސީލު ހިއްސާކޮށްދިނުމަށް ވެސް މައްސަލަ ހުށަހެޅި "ދިޔަރެސް" ނޫހުން އެދިފައިވިޔަސް އެ މައުލޫމާތުން ވެސް ނުސީދާ ގޮތެއްގައި ސިފައިންގެ އަދަދު ހާމަވާނެ ކަމަށާއި އެހެންވެ އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ނުދިނުމަށް ނިންމި ސަބަބަށް ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެ އަދަދު ހާމަކުރުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާނެ ފަދަ ކަމެއްގެ ގޮތުގައި ޑިފެންސުން ވަނީ ފާހަގަކޮށްފަ އެވެ.

"މިކަންކަމަށް ރިއާޔަތްްކޮށް މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިނިސްޓްރީ އޮފް ޑިފެންސްގެ މުރާޖައާ ކޮމިޓީން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ނުފެންނާތީ އެ ނިންމުން ރަނގަޅުކަމަށް އަޅުގަނޑު ކަނޑައަޅައިފިން،" ފިޔާޒު ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ބަލައިނުގަންނަ ނަމަ އެކަން ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ލިބޭނެ އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓްކުރުމުގައި އިސްކޮށް އުޅެނީ އިންޑިއާ ސިފައިންނެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.