Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 މާޗް 2021

މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "99 ސޯންގްސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "99 ސޯންގްސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މިއުޒިކަލް ރޮމޭންސް ފިލްމަކީ ލީޑް ރޯލުން އާ ބަޔަކު ފެންނާނެ ވިޝްވޭޝް ކްރިޝްނަމުރުތީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "99 ސޯންގްސް" ގެ ލީޑް ތަރިންނަކީ އެހާން ބަޓާއި އެޑިލްސީ ވަރްގަސް އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަދިތިޔާ ސީލް، ލީޒާ ރޭ އަދި މަނީޝާ ކޮއިރަލާ ހިމެނެ އެވެ.

"99 ސޯންގްސް" ގައި ރަހްމާން ހިއްސާވަނީ ހަމައެކަނި ޕްރޮޑިއުސަރެއްގެ ގޮތުގައެއް ނޫނެވެ. މި ފިލްމުގެ ވާހަކައިގައި ވެސް އޭނާ ހިއްސާވާ އިރު މިއުޒިކް ޑައިރެކްޓަރަކީ ވެސް ރަހުމާނެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 16 ގަ އެވެ.

ކަންގަނާގެ "ތޭޖާސް" ނިމުމަކާ ގާތަށް

ބަތަލާ ކަންގަނާ ރަނާވަތު މިހާރު ކުޅެމުން އަންނަ ވަތަނީ ފިލްމު "ތޭޖާސް" ގެ ޝޫޓިން ނިމުމަކާ ގާތަށް އަތުވެއްޖެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ ދެ ޝެޑިއުލެއް އިންޑިއާގެ މުމްބާއީ އާއި ނިއު ދިއްލީގައި ނިންމާލާފައިވާ އިރު، އެންމެ ފަހުން ކާސްޓާއި ކްރޫ ޝޫޓްކުރީ ރާޖަސްތާންގަ އެވެ. އަދި ޝޫޓިންގެ ތެރޭގައިވާ ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް ކަންގަނާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. މި ފިލްމަކީ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ކަންގަނާ ފެންނާނެ ފިލްމެކެވެ.

"ތޭޖާސް" އަކީ ކަންގަނާ އަށް ފުރަތަމަ ނެޝަނަލް އެވޯޑް ލިބުނު 2008 ގެ "ފެޝަން" ގެ ޕްރޮޑިއުސަރު ރޯނޫ ސްކްރޫވާލާގެ ފިލްމު ކުންފުނި އާރްއެސްވީޕީ އަށް ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހަތަރު ވަނަ ނެޝަނަލް އެވޯޑް ހޯމަ ދުވަހު ކަށަވަރުވި ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 23 ގައި ގެނެސްދޭ "ތަލައިވީ" އެވެ. އަދި އޮކްޓޯބަރު 1 ގައި "ދާކަޅް" ރިލީޒްކުރާނެ އެވެ.

"ހެލޯ ޗާލީ" ގެ ޓްރެއިލާ ދައްކާލައިފި

އާދާރު ޖެއިންގެ ފިލްމު "ހެލޯ ޗާލީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 9 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ޕަންޖަކް ސަރަސްވަތު ޑައިރެކްޓްކޮށްފައިވާ ހެއްވާ މަޖާ ފިލްމެކެވެ.

"ހެލޯ ޗާލީ" ގައި ކިޔައިދޭނީ ވައިގެ މަގުން ޒޫއަކަށް ގޮރިއްލާއެއް އުފުލަނިކޮށް ދިމާވާ ހާދިސާއެއްގައި ބޯޓް ވެއްޓި އޭގެ ތެރެއިން ގޮރިއްލާ ފިލުމުން އެ ހޯދައި ބަންދުކުރަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތަކެކެވެ. ފިލްމުގެ ކާސްޓްގައި ޖެކީ ޝްރޮފާއި އަލަށް ތައާރަފުކުރާ ޝްލޮކާ ޕަންޑިތާއި ރާޖްޕަލް ޔާދާވް އާއި އެލްނާޒް ނޮރޯޒީ ހިމެނެ އެވެ.

"ހެލޯ ޗާލީ" އަކީ ކަޕޫރް ޚާންދާނަށް ނިސްބަތްވާ އާދަރުގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 2017 ގެ "ގައިދީ ބޭންޑް" އެވެ.

ކާތިކް ކޮވިޑަށް ފަރުވާ ހޯދަނީ

ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމު "ބޫލް ބުލައްޔާ 2" ގެ ޝޫޓިންގައި އުޅެނިކޮށް އޭގެ ބަތަލު ކާތިކް އާރިޔަން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މަސައްކަތް ހުއްޓާލައި ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ އަށް ބަލި ޖެހުމާ ގުޅިގެން ފިލްމުގެ ކާސްޓްގައި ހިމެނޭ ކިއާރާ އަދުވާނީ އާއި ތައްބޫ ވެސް މިހާރު ތިބީ ސެލްފް އައިސޮލޭޝަންގަ އެވެ. ކާތިކް ޕޮޒިޓިވްވި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ ހޯމަ ދުވަހު އެވެ.

އޭނާ އަށް ކޮވިޑް ޖެހުނީ އެ ބައްޔާ ގުޅިގެން "ބޫލް ބުލައްޔާ 2" ގެ ޝޫޓިން މިދިޔަ އަހަރު ހުއްޓުނު ގޮތަށް ފިލްމުގެ މަސައްކަތް މަޑުޖެހިފައި އޮތްވައި މި މަހުގެ ކުރީކޮޅު ޝޫޓިން ފަށާފައި ވަނިކޮށެވެ. ޑައިރެކްޓަރު ބުނިގޮތުގައި ކާތިކަށް ކޮވިޑް ޖެހުމަކީ ބޮޑު ޝޮކެކެވެ. ސަބަބަކީ ސެޓްގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުރުމެވެ.

"ބޫލް ބުލައްޔާ 2" އަކީ މި އަހަރުގެ ނޮވެމްބަރު 13 ގައި ރިލީޒްކުރާނެ ފިލްމެކެވެ.

މި ފިލްމުގެ ކުރިން ކާތިކް ވަނީ އެންމެ 10 ދުވަހުން ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ގެ ޝޫޓިން ނިންމައިފަ އެވެ. އެ ފިލްމު ގެނެސްދޭނީ ނެޓްފްލިކްސްއިންނެވެ.