Roadha Mihaaru
ދާކަޑްގެ ޓްރެއިލާ ޕޯސްޓްކުރުމުން އަމީތާބަށް އިންޒާރެއް

ކަންގަނާގެ އާ ފިލްމުގެ ޓްރެއިލާ ޕޯސްޓްކުރުމުން ސަރުކާރުން އަމީތާބަށް އިންޒާރު ދީފި

17 މެއި 2022

ބޮލީވުޑްގެ ތަރި ކަންގަނާ ރަނާއުތުގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ދާކަޑް"ގެ ޓްރެއިލާ، އަމީތާބު ބައްޗަން އިންސްޓަގްރާމްގައި ރީ-ޕޯސްޓްކުރުމުން ސަރުކާރުން އޭނާ އަށް އެކަން ނުކުރެވޭނެ ކަމަށް އަންގާ އިންޒާރުގެ ނޯޓިސްއެއް ފޮނުވައިފި އެވެ.

ބޮލީވުޑްގެ ތަރި ކަންގަނާ ރަނާއުތުގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ދާކަޑް"ގެ ޓްރެއިލާ، އަމީތާބު ބައްޗަން އިންސްޓަގްރާމްގައި ރީ-ޕޯސްޓްކުރުމުން ސަރުކާރުން އޭނާ އަށް އެކަން ނުކުރެވޭނެ ކަމަށް އަންގާ އިންޒާރުގެ ނޯޓިސްއެއް ފޮނުވައިފި އެވެ.

އަމީތާބު "ދާކަޑް"ގެ ޓްރެއިލާ ޕޯސްޓް ކުރުމަށް ފަހު، އެ ޑިލިޓްކޮށްލުމުން ކަންގަނާ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔެ އެވެ. ކަންގަނާ ތުހުމަތުކުރީ ބޮލީވުޑުން އަމީތާބު ބޮއިކޮޓްކޮށްފާނެތީ އެކަމާ ބިރުން، އޭނާ ޕޯސްޓް ޑިލީޓްކޮށްލީ ކަމަށެވެ.

ކަންގަނާގެ ފާޑުކިޔުން ކުރިމަތިވުމުން ވެސް އަމީތާބު ވަނީ އަސްލު އެކަން ވީގޮތް އޮޅުންފިލުވައިދީފަ އެވެ.

އަމީތާބު އޭނާގެ ބްލޮގް ޕޯސްޓެއްގައި ބުނީ އިންޑިއާ ސަރުކާރާއި އެ ގައުމުގެ އެޑްވަޓައިޒިން ސްޓޭންޑާޑްސް ކައުންސިލްގެ އާ ގައިޑްލައިންތަކުގެ ސަބަބުން، އޭނާގެ ބައެއް ޕޯސްޓުތައް ޑިލީޓްކުރަން މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ. އެއީ މަނާކަމެއް ކަމަށް ބުނެ، އޭނާ އަށް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށާއި، އެ ޓްރެއިލާ ޑިލިޓްކުރީ އެހެންވެ ކަމަށް ބުންޏެވެ.

އަމީތާބު ބުނި ގޮތުގައި އެ ޓްރެއިލާ ޑިލިޓްކޮށްނުލި ނަމަ، އޭނާ އަށް އަދަބެއް ވެސް ލިބޭނެ އެވެ.

އާ ގައިޑްލައިންގައި، އެހާ ގިނަ އަދަދެއްގެ ފޮލޮވާސް ތިބޭ އެކައުންޓުތަކުން އެހެން މީހުންގެ ސްޕޮންސާޑް ޕޯސްޓުތަކާއި ޕާޓްނާޝިޕް ޕޯސްޓުތައް ލާ ނަމަ، އެއާ އެކު "ޑިސްކްލެއިމާ" ނުވަތަ އެ ޕޯސްޓަށް ޒިންމާނުވާނެ ކަމުގެ ބަޔާނެއް ހިމަނަން ޖެހޭނެ އެވެ.

ރަޒްނީޝް ގާއީ ޑައިރެކްޓްކޮށްފައިވާ "ދާކަޑް" އަކީ އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ކަންގަނާ ފެންނާނީ ސްޕައި އޭޖެންޓް، އަގްނީގެ ރޯލުންނެވެ. އެ ފިލްމު ޕްރޮޑިއުސްކުރަނީ ދީޕަކް މުކުތާއި ސޮހޭލް މަކްލައި އެވެ.

އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހު 20 ގަ އެވެ.