Roadha Mihaaru
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް

ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް

25 ނޮވެމްބަރ 2021

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ރިލީޒްކުރުން ފަސްކޮށްފައި އޮތް ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ފަސް ވަނަ ފިލްމު "އަތުރަންގީ ރޭ" ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ރިލީޒްކުރުން ފަސްކޮށްފައި އޮތް ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ފަސް ވަނަ ފިލްމު "އަތުރަންގީ ރޭ" ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރަން ނިންމި ފިލްމުގެ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މި ފިލްމަކީ "ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އާނަންދު އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާންގެ 2018 ގެ "ޒީރޯ" އެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ "އަތުރަންގީ ރޭ" ގެ ބަތަލުންނަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާނާ އެކު ވެސް ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާއި މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ދަނބިދަރި ދަނޫޝް އެވެ.

މި ފިލްމު ސިނަމާތަކުގައި ނާޅުވައި، ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމި އިރު، ސާރާގެ އެންމެ ފަހުގެ ފިލްމު "ކޫލީ ނަމްބަރު 1" އަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން މިދިޔަ ޑިސެމްބަރު 25 ގައި ޕްރީމިއާކުރި ފިލްމެކެވެ.

"އަތުރަންގީ ރޭ" އަކީ ޑިޖިޓަލްކޮށް ޕްރީމިއާކުރާ އަކްޝޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ހޮރޯ-ކޮމެޑީ "ލަކްޝްމީ" އެވެ.

"އަތުރަންގީ ރޭ" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން ރިލީޒްކުރި އޭނަގެ ފިލްމަކީ މި މަހުގެ 5 ގައި ސިނަމާތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސޫރިޔަވަންޝީ" އެވެ. މި އަހަރު އޭނާ ފުރަތަމަ ފިލްމަކީ އޮގަސްޓް 19 ގައި ސިނަމާތަކުގައި އެޅުވި "ބެލް ބޮޓަމް" އެވެ.