Roadha Mihaaru
"ފާސްޓް 9" ގައި ވިން ޑީޒެލްގެ ފިރިހެން ދަރިފުޅު

"ފާސްޓް 9" އިން ވިން ޑީޒެލްގެ 10 އަހަރުގެ ފިރިހެން ދަރިފުޅު ފެންނާނެ

25 މާޗް 2021

މި އަހަރު ރިލީޒްކުރާ ފާސްޓް އެންޑް ފިއުރިއަސް ސީރީޒްގެ ނުވަ ވަނަ ފިލްމު "އެފް9" ގެ ކާސްޓްގައި ފިލްމުގެ ލީޑް އެކްޓަރު ވިން ޑީޒެލްގެ ދަރިފުޅު ވިންސެންޓް ސިންކްލެއާ ހިމެނޭކަން ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ރިލީޒްކުރާ ފާސްޓް އެންޑް ފިއުރިއަސް ސީރީޒްގެ ނުވަ ވަނަ ފިލްމު "އެފް9" ގެ ކާސްޓްގައި ފިލްމުގެ ލީޑް އެކްޓަރު ވިން ޑީޒެލްގެ ދަރިފުޅު ވިންސެންޓް ސިންކްލެއާ ހިމެނޭކަން ކަށަވަރުވެއްޖެ އެވެ.

ވެރައިޓީން ބުނިގޮތުގައި 10 އަހަރުގެ ވިންސެންޓް ފިލްމުން ފެނިގެންދާނީ ބައްޕަ ޑީޒެލްގެ ކުޑައިރުގެ ކެރެކްޓާ ޑޮމިނިކް ޓޮރެޓޯގެ ގޮތުގައި ފްލޭޝްބެކް މަންޒަރުތަކަކުންނެވެ. މިއީ ފިލްމެއްގައި ޑީޒެލްގެ ދަރިޔަކު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މިކަމާ ބެހޭ އެއްވެސް ވާހަކައެެއް ޑީޒެލް ނުދައްކަ އެވެ.

ވިންސެންޓަކީ އޭނާގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ. ޑީޒެލް، 53، ގެ ދެން ތިބެނީ ހާނިއާ ރައިލީ ސިންކްލެއާ، 12، އާއި ޕައުލީން ސިންކްލެއާ، 6، އެވެ.

މީގެ ކުރިން ގެނެސްދިން ފާސްޓް އެންޑް ފިއުރިއަސް ސީރީޒްގެ ފިލްމުތަކުގެ ތެރެއިން 2015 ގެ "ފާސްޓް 7" ގައި ޑީޒެލްގެ ކުޑައިރުގެ ރޯލު އެލެކްސް މެކްގީ ކުޅެފައިވެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން އޮއްވައި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މި އަހަރަށް ފަސްކުރި "އެފް9" ސިނަމާތަކަށް އަންނާނީ ޖޫން 25 ގަ އެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގައި ޑީޒެލްއާ އެކު ފެންނާނެ މަޝްހޫރު ތަރިންގެ ތެރޭގައި ޝާލިޒް ތެރޯން، ޖޯން ސީނާ، މިޝެލް ރޮޑްރިގޭޒް، ޓައިރީޒް ގިބްސަން، ކްރިސް ބްރިޖެސް އަދި ހެލެން މިރިން ހިމެނެ އެވެ.

"އެފް9 " ގެ ޑައިރެކްޓަރަކީ މި ސީރީޒްގެ ހަތަރު ފިލްމެއް ކުރިން ވެސް ޑައިރެކްޓްކޮށްފައިވާ ޖަސްޓިން ލިން އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ގެ 10 އަދި 11 ވަނަ ފިލްމާ އެކު މި ސީރީޒް ނިންމައިލަން ހަމަޖެހިފައިވާ އިރު، އެ ދެ ފިލްމު ވެސް ޑައިރެކްޓްކުރާ ޖަސްޓިން އެވެ.