Roadha Mihaaru
އިޑްރިސްގެ ދެމަފިރިންގެ ޕޮޑްކާސްޓް ޝޯއެއް

އިޑްރިސްގެ ދެމަފިރިންގެ ޕޮޑްކާސްޓް ޝޯއެއް

12 ޖޫން 2021

އިނގިރޭސިވިލާތަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާ އާއި އަންހެނުން ސަބްރީނާ އެލްބާ ޕޮޑްކާސްޓް ޝޯއެއް ހޯސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާ އާއި އަންހެނުން ސަބްރީނާ އެލްބާ ޕޮޑްކާސްޓް ޝޯއެއް ހޯސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

ވެރައިޓީ އިން ބުނި ގޮތުގައި ދެމަފިރިންގެ އެކީގައި ހޯސްޓްކުރާ ޝޯގެ ނަމަކީ "ކަލްޕްޑަން" އެވެ. ހަ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ މި ޝޯ އަކީ ދެމަފިރިން އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކުރާ އެއްޗެކެވެ.

ވެރައިޓީން ބުނީ އެމެޒޯންގެ ދަށުން ހިންގާ އޯޑިބަލް ޕޮޑްކާސްޓްއާ ގުޅިގެން ގެނެސްދޭ ޝޯގެ މެހުމާނުންގެ ގޮތުގައި މަޝްހޫރު ސެލެބްރިޓީންތަކެއް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ކިމް ކާޑޭޝަނާއި މަންމަ ކްރިސް ޖެނާ އާއި ބެން އެންޑް ޖެރީ އާއި ކްރިސްޓިއަން ލޮބޯޓިން އާއި މިކާ، ނާދިއާ އާއި އަބްދުލް ހުސައިން، ޓޮމީ އާއި ކޯޑީ ލިވާ މޭރީ ޝެރޯން ބިޝޮޕް ބޯލްޑްވިން ހިމެނެ އެވެ.

މި މަހުގެ 24 ގައި ގެނެސްދޭން ފަށާ "ކަޕްލްޑަން" އާ ބެހޭ ގޮތުން ސަބްރީނާ ބުނީ މި ޝޯގެ ތެރެއިން ދައްކަން ބޭނުން ވަނީ ގުޅުންތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން ޝޯގައި ޖޯޑުތަކެއްގެ ގޮތުގައި ބައިވެރިވާ އެންމެން ވެސް އެ މީހުންގެ ދިރިއުޅުމުގެ އަމިއްކަ ވާހަކަތަކާއި ގުޅުންތައް ދަމަހައްޓަން ކުރާ މަސައްކަތްތަކާއި ގުޅުމެއްގެ މުހިއްމުކަން ވަރަށް ބޮޑަށް ކިޔައިދޭނެ ކަމަށެވެ.

"މީގެ ތެރެއިން ސީދާ އަހަންނާއި އިޑްރިސްގެ ގުޅުން ވެސް ވަރަށް ބޮޑަށް އެނގިގެން ދާނެ،" ސަބްރީނާ ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިޑްރިސް އާއި ސަބްރީނާ ކައިވެނިކުރީ 2019 ގަ އެވެ. އެކަމަކު މި ކައިވެނީގެ ކުރިން ދެ ކައިވެންޏެއްކޮށް، އިޑްރިސް އަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ. އެއީ އިސާން އެލްބާ، 19، އާއި ވިސްޓަން އެލްބާ، 7، އެވެ.

އިޑްރިސް، 48، އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކޮންކްރީޓް ކައުބޯއި" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ސުއިސައިޑް ސްކޮޑް"، "ދަ ހާޑޭ ދޭ ފޯލް" އާއި "ތުރީ ތައުޒަންޑް އިޔާސް އޮފް ލޯންގިން" އަދި "ބީސްޓް" ހިމެނެ އެވެ.

އިޑްރިސް ޕޮޑްކާސްޓް ޝޯއެއް ގެނެސްދޭ އިރު އަންނަ އަހަރު ކުޑަކުދިންގެ ވާހަކަ ސީރީޒެއް ވެސް ނެރެން ނިންމާފައިވެ އެވެ.