Roadha Mihaaru
ހަވަޑް ޔުނިވަސިޓީން ބޯޒްމަންގެ ހަނދާނުގައި ޝަރަފެއް

"ބްލެން ޕެންތާ" ކުޅުނު ބޯޒްމަންގެ ހަނދާނުގައި ހަވަޑް ޔުނިވަސިޓީން ހާއްސަ ޝަރަފެއް

28 މެއި 2021

މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ހޮލީވުޑްގެ އެކްޓަރު ޗާޑް ބޯޒްމަން ތައުލީމު ހާސިލުކުރި ހަވަޑް ޔުނިވަސިޓީން އޭނާގެ ހަނދާނުގައި ހާއްސަ ޝަރަފެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ހޮލީވުޑްގެ އެކްޓަރު ޗާޑް ބޯޒްމަން ތައުލީމު ހާސިލުކުރި ހަވަޑް ޔުނިވަސިޓީން އޭނާގެ ހަނދާނުގައި ހާއްސަ ޝަރަފެއް ދީފި އެވެ.

ފައިން އާޓްސްގެ ދާއިރާ އިން 2000 ވަނަ އަހަރު އެ ޔުނިވަސިޓީން ގްރެޖުއޭޓްވި އެކްޓަރު ހަނދާނުގައި ކުރި ކަމަކީ ހަވަޑް ޔުނިވަސިޓީގެ ކޮލެޖް އޮފް ފައިން އާޓްސް އަށް ބޯޒްމަންގެ ނަން ދިނުމެވެ. މިހާރު އެ ތަނުގެ ނަމަކަށް ހަމަޖައްސާފައި ވަނީ ޗާޑްވިކް އޭ ބޯޒްމަން ކޮލެޖް އޮފް ފައިން އާޓްސް އެވެ.

ޔުނިވަސިޓީގެ ރައީސް ވޭން އޭ އައި ފްރެޑްރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "ބްލެކް ޕެންތާ" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅުނު އެކްޓަރަކީ އެތަނުން ކިޔެވި ދަރިވަރުންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވުނު އަލިގަދަ ތަރިއެއް ކަމަށާއި އޭނާ އަކީ ޔުނިވަސިޓީއާ އަބަދު ވެސް ވަރަށް ބޮޑު ގާތް ކަމެއް ބޭއްވި ދަރިވަރެއް ކަމަށެވެ.

"އެއީ މިތަނުން ފައްކާވި މޭވައެއް. ބޯޒްމަން އަކީ ކިޔެވި ދުވަސްވަރު ވަރަށް ފާހަގަކޮށްލެވުނު އަދި ކިޔެވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބެހެއްޓި ދަރިވަރެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ އޭނަގެ ޝަރަފުގައި ހަވަޑް ޔުނިވަސިިޓީގެ ކޮލެޖް އޮފް ފައިން އާޓްސް އަށް ނަން ދިނުމަކީ ލިބޭ ފަހުރެއް. އަދި މިއީ އެތައް ބަޔަކަށް އިންސްޕިރޭޝަނަކަށް ވާނެ."

ވޭން ވިދާޅުވި ގޮތުގައި އޭނާގެ ލެގަސީ ދަމަހައްޓައި ޗާޑްވިކް އޭ ބޯޒްމަން ކޮލެޖް އޮފް ފައިން އާޓްސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޯޒްމަންގެ ހުވަފަތް އަންހެނުން ޓޭލާ ސައިމަން ލެޑްވާޑާއި އެކްޓަރުގެ ފައުންޑޭޝަނުން ޔުނިވަސިޓީއާ ގުޅިގެން މަސައްކަތްކުރާނެ އެވެ.

ބޯޒްމަން އަށް ދިން ޝަރަފާ ގުޅިގެން 2018 ގައި އޭނާ ސުޕަހީރޯ ކެރެކްޓާއެއް ކުޅުނު ފިލްމު "ބްލެކް ޕެންތާ" ގައި ހިއްސާވި ސްޓޫޑިއޯ ޑިޒްނީގެ އެކްޒެކެޓިވް ޗެއާމަން ބޮބް އައިގާ ވިދާޅުވީ އެ ތަނުން ވެސް ޗާޑްވިކް އޭ ބޯޒްމަން ކޮލެޖް އޮފް ފައިން އާޓްސް ކުރިއަރުވައި، ތަރައްގީކޮށް ދޭން މަސައްކަތްތައް ކުރާނެ ކަމަށެވެ. އެގޮތުން ކޮލެޖްގެ އާ އިމާރާތް ހަދަން މާލީ އެހީ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ހަވަޑް ޔުނިވަސުޓީން ދިން ޝަރަފަށް ބޯޒްމަންގެ އާއިލާ އިން ޝުކުރު އަދާކޮށް ބުނީ އޭނާ މީހަކަށްވުމުގައި ޔުނިވަސީޓީ އަކީ މުހިއްމު ދައުރެއް އަދާކުރި ތަނެއް ކަމަށެވެ. އެހެންވެ އެއީ އަބަދު ވެސް ފާހަގަކުރާނެ ކަމެއް ކަމަށް ބުންޏެވެ.

އުމުރުން އެންމެ 44 އަހަރުގައި ކޮލޯން ކެންސަރުގައި ބޯޒްމަން މަރުވީ އޮގަސްޓް 28، 2020 ގަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ބައޮގްރަފިކަލް މިއުޒިކަލް ޑްރާމާ "މާ ރެއިނީޒް ބްލެކް ބޮޓަމް" އެވެ.