ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު އީގަލްސް އިން ހާސިލްކުރަން ބޭނުންވާ ޓާގެޓްތަކެއް ދިރާގު ދިވެހި ޕްރިމިއާ ލީގާއި އޭއެފްސީ ކަޕްގައި ވެސް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
28 މާޗް 2021
ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު އީގަލްސް އިން ހާސިލްކުރަން ބޭނުންވާ ޓާގެޓްތަކެއް ދިރާގު ދިވެހި ޕްރިމިއާ ލީގާއި އޭއެފްސީ ކަޕްގައި ވެސް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ކޮވިޑް ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުން ފަންސާސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިދިޔަ ހުކުރު ދުވަހު ހަވީރު އެވެ. އެ ދުވަހު ކުޅުނު މެޗުން އީގަލްސް ވަނީ 2-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.
ސަސް އަތުން މޮޅުވެ އީގަލްސް އިން ލީގުގެ ފަސް ވަނަ އަށް ޖެހިލިއިރު، މި މެޗަކީ އެ ޓީމުގެ ކޯޗުކަމާ ޝާޒް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި މި ފެށޭ މަހު ހަތް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އީގަލްސް އިން ދިވެހި ލީގުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.
ޝާޒް ބުނީ ހަމައެކަނި ޓާގެޓަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެ އެ މުބާރާތުން ކުރިއަށްދިއުން އެކަންޏެއް ނޫން ކަމަށާއި ދިވެހި ލީގަށް ވެސް ޓާގެޓެއް އެބައޮތް ކަމަށެވެ.
"ދެ ކަމެއް އެއްކޮށް މި ކުރެވެނީ. ލީގުގެ ގަދަ ހައެއްގެ ތެރެއަށް ވަނުން ވެސް އެއީ ޓާގެޓެއް. ދެން އަނެއްކާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ވަނުން ވެސް ޓާގެޓެއް. މިހާރު މި އޮތީ ދެ މެޗު ލީގުގައި ލިބިފައި. އެހެންވީމަ މިއީ ހަމަ ވަރަށް ރަނގަޅު މެޗެއް (ސަސް މެޗު) މިިދިޔައީ. ދެން މޮޅަކާ އެކީވީމަ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ. ދެން އިންނަ މެޗު (ދަ ގްރާންޑޭ މެޗު) ނިމޭއިރު އޭއެފްސީ ކަޕަށް ގާތްގަނޑަކަށް ޓީމު ތައްޔާރުވެވޭނެ ކަމަށް މި ބަލަނީ. ވަރަށް އުއްމީދު އެބައޮތް،" ސަސް ބަލިކުރި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުންޏެވެ.
އީގަލްސް އިން މި ސީޒަނުގައި މޮޅުވި މެޗުތަކުގައި ވެސް އެ ޓީމަށް ފަހު ވަގުތު ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ސަސް މެޗުގައި ވެސް އީގަލްސް އިން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގިއިރު، ފަހު ހާފުުގައި ސަސް އިން އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ.
ޝާޒް ބުނީ އެއްވަރެއްގެ ޓީމުތަކެއް ކުޅޭ ލީގެއްގެ މެޗުތަކުގެ އޮއެވަރު ދާނީ އެގޮތަށް ކަމަށާއި އޭނާ ހަވާލުވި ފަހުން ބައެއް ކަންތައްތަކަށް ކުރިއެރުން ފެނިފައިވާ ކަމަށެވެ.
އީގަލްސްގެ ކޯޗުކަމާ ޝާޒް ހަވާލުވިއިރު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ހުކުރު ދުވަހު ހޯދި މޮޅާ އެކު އެ ޓީމަށް ފަސް ވަނަ ލިބިފަ އެވެ. އީގަލްސް ފަސް ވަނައިގައި އޮތީ ނުވަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ ނުވަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް އީގަލްސް ތިން މެޗުން މޮޅުވާން ޖެހެ އެވެ. ކޮލިފައިން ފުރަތަމަ މެޗުން ތިމްޕޫ އަތުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ. ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައި ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފްގައި އީގަލްސް ކުޅެންޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕުން ޖާގަ ލިބޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަަކަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބުކުރީ ރާއްޖޭންނެވެ. އަންނަ މެއި މަހު ރާއްޖޭގައި ކުރިއަށްދާ އެ ގްރޫޕްގެ މެޗުތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައިވަނީ މި ވަގުތު ތިން ޓީމަކުންނެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިިންގްސް އަދި އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.
އީގަލްސް އާއި އަބަހާނީ މެޗު ގޮތެއް ނުނިމި ދިގުލަނީ
ހުއްދަދިނީ އޭއެފްސީ ކަޕަށް، ލީގު ފަށަން ހުރަހެއްނެތް؟
މާޒިޔާ އާއި އީގަލްސްގެ ތައްޔާރީތަކަށް ހިޔަނި
ފުޓްބޯޅަ ލީގު ނުފެށި ދިގުލުމުން ބޮޑެތި މައްސަލަތަކެއް
އޭއެފްސީ ކަޕް ހޯސްޓްކުރަން ލިބުމަކީ ކާމިޔާބެއް: ޝާޒްލީ
އީގަލްސް އިން ތިމްޕޫއާ ދެކޮޅަށް ކުޅޭ މެޗު މާލޭގައި
ކޮލިފައިންގައި އީގަލްސް ނުކުންނާނީ ތިމްޕޫއާ ދެކޮޅަށް
14 އަހަރަށްފަހު މާޒިޔާއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި
ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސް
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ