މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށަން ކުރާ މަސައްކަތުގައި އަލިމަގެއް ނުފެނި ކުރިއަށް އޮތް އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލްކުރާ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި އީގަލްސްގެ ތައްޔާރީތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ.
23 މާޗް 2021
މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށަން ކުރާ މަސައްކަތުގައި އަލިމަގެއް ނުފެނި ކުރިއަށް އޮތް އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލްކުރާ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި އީގަލްސްގެ ތައްޔާރީތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ.
އޭއެފްސީ ކަޕްގައި އެންމެ އަވަހަށް ކުޅޭނީ ކްލަބް އީގަލްސް އެވެ. އެއީ ކޮލިފައިން ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އީގަލްސް ކުޅޭ އޭއެފްސީ ކަޕް މެޗު ބާއްވަންޖެހޭ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެކަމަކު އެފްއޭއެމުން މި މަހު 10 ވަނަ ދުވަހު އޭއެފްސީ ކަޕްގެ މެޗުތަކުގެ މައުލޫމާތު އެޗްއީއޯސީ އަށް ފޮނުވާފައިވާކަން ފަހުން އެނގުމާ އެކު ނާސިރު ވަނީ ކުރިން އެ މެޗުގެ މައުލޫމާތު ލިބިފައި ނެތްކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ ކުށް އިސްލާހުކޮށްފަ އެވެ.
ލީގު ފެށުން ލަސްވާތީ އާއި އަލުން ލީގުފަށަން ކުރާ މަސައްކަތުގައި އެޗްޕީއޭ އިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާތީ ކްލަބްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަމުން ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކުން ކުރިއަށް އޮތް ހަފްތާ ތެރޭގައި ވެސް ބައިނަލްއަގުވާމީ މެޗުތަކާއި އެ ގައުމުތަކުގެ ލީގު ކުޅޭއިރު ރާއްޖޭގެ ފުޓްބޯޅަ އަށް ވާނެ ގޮތެއް ނޭނގިފައި އޮންނަން ޖެހުމުން ކަންބޮޑުވާ ކަމަށެވެ. އަދި މިހެން ލީގު ފެށުން ލަސްވާ ކޮންމެ ދުވަހަކީ އޭއެފްސީ ކަޕްގައި ކުޅޭ މާޒިޔާ އާއި އީގަލްސް އަށް ލިބޭ ގެއްލުމެއް ކަން މުފާ ފާހަގަކުރެއްވި އެވެ.
"އަންނަ މަހު ހަތެއްގައި މި އޮތީ މެޗު (އޭއެފްސީ ކަޕް މެޗު). ގާތްގަނޑަކަށް މީނީ 12 ވަރަކަށް ދުވަސް އެ މެޗު ކުޅެން. އަދިވެސް ނޭނގޭ ރާއްޖޭގައި އެ މެޗު ކުޅެވޭނެ ކަމެއް. ގައިމުވެސް އޭއެފްސީ އެއް މަޑެއް ނުކުރާނެ އެޗްޕީއޭ ކީކޭތޯ ބުނަނީ ބަލަން. މީގެ ވާނެ ގެއްލުން ވެސް ނޭނގެ،" މުފާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކައިރީގައި ބުނީ ވެކްސިން ޖަހާށޭ ވެކްސިން ޖެހީމަ ހުއްދަދޭނަމޭ. ވެކްސިން ޖަހައިގެން ދިޔައިމަ ބުނީ ވެކްސިން އެހާ ރައްކާތެރިއެއް ނޫނޭ. ކޮންމެ ހަފްތާއެއްގައި އާ އެއްޗެއް ކިޔާފައި އަނެއް ހަފްތާގައި މި ކިޔަނީ އާ އެއްޗެއް. ވަގުތު މި ދަނީ ކިހިނެއް ކަމެއް މި ބޭފުޅުންނަށް ނޭނގެ. ވަގުތަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު އެއްޗެއް. މި ބޭފުޅުންނަށް ވަގުތު މި އިނގެނީ އެ ބޭފުޅުންގެ ރިސްކް އެލަވަންސްގެ ވަގުތު ޖެހުމުން،"
އީގަލްސްގެ މުފާ (ކ) އާއި މާޒިޔާގެ ވައްހާބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮލިފައިން ފުރަތަމަ މެޗުން ތިމްޕޫ އަތުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ. ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައި ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފްގައި އީގަލްސް ކުޅެންޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. މިއީ ނިސްބަތުން ވަރުގަދަ މެޗުތަކެއް ކަމަށްވާއިރު، ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ބޭނުންނަމަ އީގަލްސް އަށް ރަނގަޅު ތައްޔާރީއެއް މުހިއްމެވެ. އެކަމަކު މިވަގުތު ލީގު ހުއްޓިފައި އޮތުމުން އެކަން ވާކަށް ނެތެވެ.
ދާދި ފަހުން ނިމުނު ޓްރާންސްފާ މާކެޓްގައި މާޒިޔާ އާއި އީގަލްސް އިން ވަނީ އެ ޓީމުތަކަށް ކުޅޭ ބިދޭސީ ބައެއް ކުޅުންތެރިން ވެކްސިން ޖަހަން ދެކޮޅު ހެދުމުން ކޮންޓްރެކްޓް އުވާލުމަށް ފަހު ފޮނުވާލައިފަ އެވެ. ފޮނުވާލި ކުޅުންތެރިންގެ ބާކީ މުސާރަ ދިނުމާއި އާ ކުޅުންތެރިން ހޯދައި އެ ކުޅުންތެރިން ގެންނަން ހަރަދުކުރަން ވެސް މާޒިޔާ އާއި އީގަލްސް އަތުން ވަނީ ބޮޑު ހަރަދެއް ގޮސްފަ އެވެ. އޭއެފްސީ ކަޕްގައި ނަތީޖާ އެއް ނުނެރެވިއްޖެނަމަ ކުރާ ބޮޑު ހަރަދުތައް ބޭކާރުވެ ގެއްލުން ބޮޑުވީ އެވެ.
"އެޗްޕީއޭ ބުނީ (ހުރިހާ ކުޅުންތެރިން) ވެކްސިން ޖަހައިގެނޭ ކުޅެވޭނީ. (ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް) ކެންސަލްކޮށްފައި ރަށަށް ފޮނުވާއިރު ފުލް ސެލަރީ އަޅުގަނޑުމެން ދޭން އެބަޖެހޭ އެ މީހުންނަށް. މި ދައްކަނީ މަހެއްގެ މައްޗަށް 5000 ޑޮލަރަށް ވުރެން މަތީގައި މި ތިން މީހުންގެ މުސާރަ އުޅެނީ އީގަލްސްގެ. މިސާލަކަށް ބަލާނަމަ ހަ މަހަށް ހިސާބު ހަދާއިރު ވާނެ ގެއްލުން ތިބޭފުޅުން ހިސާބު ހައްދަވާ. ކޮންމެ ގޮތެއް ވިޔަސް ކްލަބުން ދޭން ޖެހޭ. އަޅުގަނޑުމެންނަކީ މި ޕެންޑަމިކް ގައި ވެސް އެލަވަންސެއް ލިބުނު ބައެއް ނޫން،" މުފާ ވިދާޅުވި އެވެ.
"(ލީގު ލަސްވާ) ލަސްވާ ކޮންމެ މަހަކީ ކޮންމެ ކްލަބެއް އަތުން އިތުރަށް ހަރަދުވާ ތިން ލައްކަ ނޫނީ ހަ ލައްކަ އެއްހާ ރުފިޔާ . އެއީ ކޮންމެ ކްލަބެއްގައި މި އުޅެނީ ތިން ލައްކަ އާއި ހަ ލައްކައާ ދެމެދުގެ ރޭންޖެއްގައި ކޮންމެ މަހެއްގެ މުސާރަ ހަރަދުތައް. މިހާރު މި އިނީ އިތުރު ދެ މަސް ވެފައި ސީޒަނަށް އެހެންވީމަ މި ވަގުތަށް ވެސް މި ތިބީ އިތުރު ދެ މަހު މުސާރަ ދޭން ޖެހިފައި. މުބާރާތް ނުކުޅޭތީ އޭ ހަމައެކަނި ޕްރެކްޓިހޭ ކުރާނީ ކިޔާފައި (މުސާރަ) ނުދީ ނުތިބެވޭނެ،"
މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު (ވައްކޭ) ވިދާޅުވީ ފުޓްބޯޅަ ދަންނަ ކޮންމެ ބަޔަކަށް ވެސް އެނގޭނެ ކަމަކީ ވާދަވެރި މެޗުތަކެއް ނުކުޅޭ ޓީމަކާއި ގަވާއިދުން މެޗުތަކެއް ކުޅެގެން އަންނަ ޓީމަކާ ތަފާތުތަކެއް ހުންނާނެކަން ކަމަށެވެ. އެ ގޮތުން ވިސްނާއިރު ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގައި ސަރަހައްދުގެ އެހެން ގައުމުތަކުން ލީގާއި ގައުމީ ޓީމުތަކުގެ މެޗުތައް ކުޅޭއިރު، އެ މީހުން ތިބޭނީ ފިޓްނަސް އާއި ކުޅުމަށް ބަލާއިރު ރަނގަޅު ލެވަލެއްގައި ކަމަށާއި އެހެންކަމުން ގްރޫޕް ސްޓޭޖުގައި މާޒިޔާ އަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މާޒިޔާ މި ވަގުތު ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައި އޮތްއިރު، ދެން ގްރޫޕްގައި އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އަންނަ މެއި މަހު ރާއްޖޭގައި ހޯސްޓްކުރާ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. އެ ޖާގަ ހޯދުމަކީ އީގަލްސްގެ އުއްމީދެކެވެ.
ފުޓްބޯޅަ ލީގު ނުފެށި ދިގުލުމުން ބޮޑެތި މައްސަލަތަކެއް
14 އަހަރަށްފަހު މާޒިޔާއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި
ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ