މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ އަކަށް އެދިފައި ވަނިކޮށް، އަންނަ މަހު ހަތް ވަނަ ދުވަހު އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް އިން ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗު ކުރިއަށްގެންދަން އެޗްޕީއޭ އިން ހުއްދަދީފި އެވެ.
25 މާޗް 2021
މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ އަކަށް އެދިފައި ވަނިކޮށް، އަންނަ މަހު ހަތް ވަނަ ދުވަހު އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް އިން ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗު ކުރިއަށްގެންދަން އެޗްޕީއޭ އިން ހުއްދަދީފި އެވެ.
އާންމު އުސޫލުން ބަލާއިރު އޭއެފްސީ ކަޕްގެ މެޗުތައް ކުޅެވޭނީ ރާއްޖޭގެ ލޯކަލް ސީޒަން ވެސް ކުރިއަށް ގޮސްގެންނެވެ. މާނަ އަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުން އަލުން ނުފަށައި އޭއެފްސީ ކަޕްގެ މެޗު ކުޅޭނަމަ އެއީ އީގަލްސް އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެއީ ވާދަވެރި މެޗެއް ނުކުޅެ ސީދާ އޭއެފްސީ ކަޕް މެޗަށް ނުކުމެ ނަތީޖާ ނުނެރެވޭނެތީ އެވެ. އެކަމުގައި ހުރި އުނދަގޫތަކުގެ ވާހަކަތައް ފުޓްބޯޅަ ކޯޗުން އަންނަނީ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.
މި މަހު 23 ވަނަ ދުވަހު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ފޮނުއްވި ސިޓީގައިވަނީ އަންނަ މަހު ހަތް ވަނަ ދުވަހު ތިމްޕޫއާ ދެކޮޅަށް އީގަލްސް މެޗު ކުޅެން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަމަކު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށް، ސަޕޯޓަރުން ނުވައްދައި އެ މެޗު ކުރިއަށްގެންދިއުމަށެވެ.
"އަދި މި މެޗު ކުޅުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ އަށް އައުމުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމަ އަށް އަމަލުކުރަންވާނެ އެވެ." މިނިސްޓަރު މަހުލޫފަށް މައިމޫނާ ފޮނުއްވި ސިޓީގައިވެ އެވެ.
އެ އުސޫލުގެ މަތިން ބަލާނަމަ ބޫޓާން ޓީމު ރާއްޖެ އައިސް 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހޭނެ އެެވެ. އެކަމަކު އެއީ އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމުގައި އޭއެފްސީން ވިސްނުން ހުރި ގޮތާ ތަފާތު ނިންމުމެކެވެ. އެ އަށް ހައްލެއް ގެންނަން ޖެހޭނެ އެވެ.
އެޗްޕީއޭ އިން ވަނީ އީގަލްސް މެޗު ކުޅުމަށް ބޭނުންވާ ހާއްސަ އުސޫލެއް އެކުލަވާލައި އެ އުސޫލެއް އެޗްޕީއޭ އަށް ފޮނުވަން އަންގައިފަ އެވެ. އެކަމަކު އެފްއޭއެމުން މިހާތަނަށް ވަނީ ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އަމަލުކުރާނެ ގޮތުގެ އެތައް އުސޫލެއް މީގެ ކުރިން ވެސް އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ފޮނުވައިފަ އެވެ. މިދިޔަ އޮކްޓޫބަރު މަހު އެންމެ ފުރަތަމަ ކްލަބްތަކުން ޕްރީ ސީޒަން ފެށީ ވެސް އެޗްޕީއޭއާ އެކު މަޝްވަރާކުރެވިގެން ހެދި ގައިޑްލައިނެއްގެ ދަށުންނެވެ. މިދިޔަ މަހު ތިން ވަނަ ދުވަހު ލީގު ހުއްޓާލުމަށް ފަހު މިދިޔަ މަހު 28 ވަނަ ދުވަހު އަލުން ކްލަބްތަކުގެ ޕްރެކްޓިސް ފެށީ އެޗްޕީއޭގެ އެންގުމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ޖެހި ފަހުން އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިންތަކެއްގެ ތެރެެއިންނެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އީގަލްސް ކުޅޭ އޭއެފްސީ ކަޕް މެޗު ބާއްވަންޖެހޭ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު އެފްއޭއެމުން މި މަހު 10 ވަނަ ދުވަހު އޭއެފްސީ ކަޕްގެ މެޗުތަކުގެ މައުލޫމާތު އެޗްއީއޯސީ އަށް ފޮނުވާފައިވާކަން ފަހުން އެނގުމާ އެކު ނާސިރު ވަނީ ކުރިން އެ މެޗުގެ މައުލޫމާތު ލިބިފައި ނެތްކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ ކުށް އިސްލާހުކޮށްފަ އެވެ.
މި މަހު 30 ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ރާއްޖެ އާއި ސީރިއާ މެޗު ކުޅެވޭގޮތް ނުވީ އެ މެޗުތަކާ މެދު ގޮތެއް ނިންމަން އޭއެފްސީން ބައްދަލުވުންތައް ބޭއްވިއިރު، ރާއްޖޭގައި ކޮވިޑް-19ގެ ހާލަތާ ހެދި ދިވެހި ލީގު ހުއްޓާލާފައި އޮތުމުންނެވެ. އެހެންވެ ރާއްޖޭގެ މެޗުތައް ހިމެނޭގޮތަށް ވޯލްޑް ކަޕް ކޮލިފައިން ވަނީ ޖޫން މަހު ޗައިނާގައި ބާއްވާ ގޮތަށް ބަދަލުކޮށްފަ އެވެ.
ދިވެހި ލީގު ހުއްޓާލާފައި ބޭއްވުމަށް ފަހު އޭއެފްސީ ކަޕްގައި އީގަލްސް އާއި ތިމްޕޫ މެޗު ކުޅެން ހުއްދަ ދިނަސް އެކަން ނުކުރެވުމުގެ ފުރުސަތު އެބައޮތެވެ. އެއީ ލީގު ހުއްޓިފައި އޮތްތަނެއްގައި ބައިނަލްއަގުވާމީ މެޗެއް ކުޅުމުގެ ފުރުސަތު ދޭގޮތަށް އުސޫލު އޮތުމަކީ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކަށް ވެސް ބަލައިގަންނަން ފަސޭހަކަމަކަށް ނުވާނެތީ އެވެ. އަނެއްކޮޅުން މިއީ ކޮވިޑް-19ގެ މި އުނދަގޫ ހާލަތުގައި ފުޓްބޯޅަ އަލުން ފެށިއިރު، ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލުކޮށްފައިވާ އުސޫލެއް ނޫނެވެ.
ލީގު ފެށުން ލަސްވުމާ އޭއެފްސީ ކަޕްގެ ތައްޔާރީތަކަށް ބުރޫއަރާތީ މީގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަތަކަށް ދާދި ފަހުން ޕީއެސްއެމްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ވަރަށް ތަފްސީލްކޮށް ދައްކަވައިފަ އެވެ. އަދި ކުޅިވަރު ހުއްޓާލާފައި އޮތުމުން އެންމެ ބޮޑު ގެއްލުމެއްވާނީ ފުޓްބޯޅަ އަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ވަކިވަކި ކްލަބްތަކަށް ބެލިޔަސް ފުޓްބޯޅަ އިން ކުރާ ވަރުގެ ހަރަދުތަކެއް ކުރާ އެހެން ކުޅިވަރެއް ރާއްޖޭގައި ނެތުމުންކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ފާއިތުވި ދުވަސްތަކުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ އެކު ޔޫތު މިނިސްޓްރީން ވަނީ ލީގު ފެށޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. މިއީ އެތައް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ކަމެއް ކަމަށްވާތީ ވީ އެންމެ އަވަަސް ހައްލެއް ގެނެސްދީ ލީގު ފެށޭނެ ގޮތެއް ހަދައިދޭން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެޗްޕީއޭ އިން އެންގިގޮތަށް ގައިޑްލައިންތަކެއް ކަނޑައައެޅުމަށް ފަހު އެފްއޭއެމާއި މިނިސްޓްރީގެ ވިސްނުން ހުރީ ލީގު ފެށުމަށެވެ. އެ ގޮތުން މާދަމާ ލީގު މެޗު ކުޅެން އޮތް ޓީމުތައް އަންނަނީ މެޗަށް ތައްޔާރުވަމުންނެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށްދިއުމުގެ ގޮތުން އެފްއޭއެމުން މެޗު ޝެޑިއުލް ރާވާނެ ގޮތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ. އެކަން ކުރާނީ ރަސްމީކޮށް ހުއްދަ ލިބުމުން ކަމަށް ބެލެވެ އެވެ. މިދިޔަ މަހު ލީގު ހުއްޓާލުމުގެ ކުރިން އެފްއޭއެމުން ނެރެފައިވާ ލީގު ޝެޑިއުލްގައިވާގޮތުން މެޗު ހަފްތާގައި ދުވާލަކު ދެ މެޗު ކުޅެ އެވެ. އެކަމަކު އެޗްޕީއޭގެ ލަފާގެ މަތިން ދުވާލަކު އެއް މެޗު ކުޅެން ހުއްދަ ދިނަސް އެގޮތަށް ކުރިއަށްދާން ވެސް އެފްއޭއެމް ތައްޔާރުކަން އެނގިފައިވެ އެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖޭން ހޯދީ އިންޑިއާ ފަހަތަށް ޖައްސާލައިފަ އެވެ. މާޒިޔާ މި ވަގުތު ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައި އޮތްއިރު، ދެން ގްރޫޕްގައި އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އަންނަ މެއި މަހު ރާއްޖޭގައި ހޯސްޓްކުރާ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. އެ ޖާގަ ހޯދުމަކީ އީގަލްސްގެ އުއްމީދެކެވެ.
ރަސްމީ ކުޅިވަރުވ އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ފެށުމަށް ޔޫތު މިނިސްޓްރީން އަންނަނީ އެޗްޕީއޭއާ މަޝްވަރާކޮށް ގޮތްތަކެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން މި މަހު ބާއްވަން ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަދި މިސްޓަ މޯލްޑިވްސް ކުރިއަށްގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އެޗްޕީއޭގެ ހުއްދަ ހޯދައިފަ އެވެ. އެ ކަމުގެ ސިޓީ އެޗްޕީއޭ އިން ވަނީ އަންގާރަ ދުވަހު ވަނީ މިނިސްޓްރީ އަށް ފޮނުވައިފަ އެވެ.
ފުޓްބޯޅަ ލީގު ނުފެށި ދިގުލުމުން ބޮޑެތި މައްސަލަތަކެއް
އީގަލްސް އިން ވެެލެންސިއާ ހިފަހައްޓާލައިފި
ޓީސީ ބަލިކޮށް އީގަލްސް ހަތަރު ވަނައަށް
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް
އީގަލްސް އާއި އަބަހާނީ މެޗު ގޮތެއް ނުނިމި ދިގުލަނީ
އީގަލްސް އާއި ގްރީން އެއްވަރު
އަޔާގެ ގޯލުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް
ބޭނުމީ މޮޅަކުން އަލުން ފަށަން: އިންމަ
ލީގާއި އޭއެފްސީ ކަޕަށް ޓާގެޓްތަކެއް އެބަހުރި: ޝާޒް
ސަސް ބަލިކޮށް އީގަލްސް ފަސް ވަނަ އަށް