Roadha Mihaaru
އިސްލާމީ މަރުކަޒުގައި ހުތުބާ ދޭން މެންކަށް ހުއްދަ ދީފި

އިސްލާމީ މަރުކަޒުގައި ހުތުބާ ދޭން މެންކަށް ހުއްދަ ދީފި

17 ނޮވެމްބަރ 2016

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މާދަމާ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް އެކަމަށް ހުއްދަ ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މާދަމާ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް އެކަމަށް ހުއްދަ ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމީ މަރުކަޒުގައި މުފްތީ މެންކު ހުތުބާ ދެއްވާގޮތަށް ބަަދަލު ކުރީ އެގޮތަށް މިނިސްޓްރީގައި ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ބުނީ ހުކުރު ހުތުބާ އަކީ ގައުމީ ޓީވީން ވަގުތުން ދައްކާ، މުޅި ރާއްޖެއަށް ފޮނުވާ އެއްޗަކަށް ވުމުން، އެ ހުތުބާ ވާން ޖެހޭނީ އުމުރުން އެންމެ ދުވަސްވީ މީހާއަށް ވެސް އެނގޭ އެއްޗަކަށް ކަމަށެވެ. އެހެންވެ، އިސްލާމީ މަރުކަޒުގައި ދިވެހި ބަހުން ހުތުބާ ދިނުމަށް މިދިޔަ އަހަރު އުސޫލެއް އެކުލަވާލާފައިވާއިރު، މެންކަށް ހުއްދަ ނުދިނީ އެ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިހާރު ވަނީ އެގޮތް ބަދަލުކޮށް، އިސްލާމީ މަރުކަޒުގައި ހުތުބާ ދެވޭގޮތަށް ހަމަޖައްސައި އަދި އެ ހުތުބާ ޓީވީއެމުން ލައިވް ކުރުމަށް ވެސް ހުއްދަ ދީފަ އެވެ.

އިސްލާމީ މަރުކަޒުގެ ބަދަލުގައި މެންކު ހުތުބާ ދެއްވުމަށް މިނިސްޓްރީން އެންމެ ފުރަތަމަ ދިނީ ފުރުގާން މިސްކިތުގަ އެވެ. އެކަމަކު އިސްލާމީ މަރުކަޒުގައި މާދަމާ ރޭ ދަރުސް ދިނުމަށް މިނިސްޓްރީއަކުން ދެކޮޅެއް ނުހަދަ އެވެ.

ދުނިޔޭގެ ބޮޑު އިލްމުވެރިއަކު އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވުމަށް މިނިސްޓްރީން ހުއްދަ ނުދިނުމުން ބައެއް މީހުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔެ އެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީއަށް ބަޔަކު ވެސް ދިޔަ އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ އިބްރާހިމް އަންގާރަ ދުވަހު ވިދާޅުވީ ހުކުރު ހުތުބާއަކީ ހަފުތާއަކު އެއް ފަހަރު، ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ މެސެޖެއް ކަމުން އެ ވާން ޖެހޭނީ އެންމެންނަށް ވެސް އެނގޭ އެއްޗަކަށް ކަމަށެވެ. އަދި ކުރިން އިނގިރޭސި ބަހުން ހުތުބާ ދިނުމުން އެކަމާ ގިނަ ބަޔަކު ޝަކުވާ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.