Roadha Mihaaru
ކޮވިޝީލްޑްގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ

ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ: ޝާހިދު

25 މާޗް 2021

ރާއްޖެއިން ގަންނަ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން ގަންނަ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން ދޭ ވެކްސިން ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ހަފުތާގެ ތެރޭގައި ކޮވިޝީލްޑްގެ 100،000 ޑޯޒް އިންޑިއާ އިން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން މިއަދު ހެނދުނު ދީފައިވާ ކަމަށެވެ.

މިއީ އިންޑިއާއިން ރާއްޖެއަށް ދޭ ހާއްސަ އެހީތެރިކަމެއްގެ ދަށުން ތަނަވަސްވި ފުރުސަތެއް ކަމަށް ބެލެވެ އެވެ. ކޮވިޑްގެ ވެކްސިން އެކްސްޕޯޓްކުރުން މި ވަގުތަށް އިންޑިއާއިން ވަނީ މެދުކަނޑާލައިފަ އެވެ. ދެން އެންމެ އަވަހަށް ވެސް އެ ގައުމުގެ ވެކްސިންތައް އެކްސްޕޯޓްކުރެވޭނީ އެޕްރީލްގެ ފަހުން ކަމަށް، ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ، ބީބީސީން ރޭ ބުންޏެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ އަސްޓްރަޒެނެކާގެ ވެކްސިން ކޮވިޑް ވެކްސިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދަނީ ކޮވިޝީލްޑްގެ ނަމުގަ އެވެ. ރާއްޖެ އިން ވަނީ އޭގެ 300،000 ޑޯޒް ގަތުމަށް ސީރަމްއާ އެކު ސޮއިކޮށްފަ އެވެ. އެކަމަކު ވެކްސިން އުފައްދަން ބޭނުންވާ ބައެެއް ރޯ މެޓީރިއަލްސް އެމެރިކާއިން ލިބުން ދަތިވުމުން، ސީރަމްގެ ޝިޕްމަންޓްތައް ލަސްވާނެކަން، ދުނިޔޭގެ ބައެއް ގައުމުތަކަށް އެ ކުންފުނިން ވަނީ އަންގައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ޕްރޮގްރާމް ފުރަތަމަ ފެށީ ވެސް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނުންނެވެ. އޭގެ ފަހުން އެ ގައުމުން އިތުރު 100،000 ޑޯޒް ދީފައި ވެ އެވެ.