Roadha Mihaaru
ކޮވިޑް-19 ރިލީފް ފަންޑަށް ރާއްޖެއިން 2ލައްކަ ޑޮލަރު

ކޮވިޑް-19: އިމަޖެންސީ ރިލީފް ފަންޑަށް ރާއްޖެ އިން ދެ ލައްކަ ޑޮލަރު

21 މާޗް 2020

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ކޮވިޑް-19 އިމަޖެންސީ ރިލީފް ފަންޑަށް ރާއްޖެ އިން ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަދިޔާކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ކޮވިޑް-19 އިމަޖެންސީ ރިލީފް ފަންޑަށް ރާއްޖެ އިން ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަދިޔާކުރަން ނިންމައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19ގެ ސަބަބުން ސާކްގެ ގައުމުތަކަށް ދިމާވަމުންދާ އެކި ކަންކަމުގައި އެހީތެރިވާން އުފެއްދި ފަންޑުގައި ރާއްޖެ އިން ބައިވެރިވާން ނިންމިކަން އިއުލާނުކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެ ފަންޑަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

އެ ފަންޑަށް އިންޑިއާ އިން ވަނީ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަދިޔާކުރަން ނިންމައިފަ އެވެ.

މިނިސްޓަރު ޝާހިދުގެ ޓުވީޓް

ޗައިނާގައި މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް ބަލި 185 ގައުމަކުން މިހާރު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ސާކްގެ އަށް ގައުމު ކަމަށްވާ، ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، އަފްޣާނިސްތާނު، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ޕާކިސްތާނު ވެސް ހިމެނެ އެވެ.

ކޮވިޑް-19 ގެ އިމަޖެންސީ ރިލީފް ފަންޑު އުފައްދަން ބޮޑުވަޒީރު މޯދީ ހުށަހެޅުއްވީ، އެ ބައްޔާ ގުޅިގެން ސާކްގެ އަށް ގައުމުގެ ވެރިން މިިދިޔަ އާދިއްތަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގަ އެވެ. ރިލީފް ފަންޑުގެ އިތުރުން ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގުތިސޯދަށް ލިބޭ ހީނަރުކަން ފޫބައްދަން ރީޖަނަލް ރިލީފް ޕެކޭޖެއް ތައާރަފުކުރުމާއި ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވައިލުމާ ބެހޭގޮތުން ވެސް އެ ކޮންފަރެންސްގައި މަޝްވަރާކުރެއްވި އެވެ.

އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19އާ ހެދި ދައުލަތުގެ އާމްދަނީ 446 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަންނަ ކޮންމެ ހީނަރު ކަމަކުން ރާއްޖޭގެ އިގުތިސާދަށް ވަަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ އެވެ. ޓޫރިޒަމުން ލިބޭ އާމްދަނީ އަކީ ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު މިންވަރެއް ކަމަށާއި ރާއްްޖެ އަށް ލިބޭ ބޭރު ފައިސާގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ވެސް އެ އިންޑަސްޓްރީން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު، އެ ބަލިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ. މިހާތަނަށް އެއްވެސް ދިވެއްސަކު އެ ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްއެއް ނުވެ އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހުނު 13 މީހުންގެ ތެރެއިން ރަނގަޅުވީ ބަތަލާ އައިލެންޑް ރިސޯޓުގެ އުމުރުން ދުވަސްވީ އިޓަލީގެ ދެ ޓޫރިސްޓެކެވެ. ކޮވިޑަށް ޕޮޒިޓިވްވެ، ވަރަށް ކުރީކޮޅު ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގައި އެ ދެމަފިރިން އެޑްމިޓްކޮށް ފަރުވާދޭން ފެށި އެވެ. އޭގެ ތެރެއިން ބޮޑަށް ހާލު ގޯސްވީ އުމުރުން 72 އަހަރުގެ ފިރިހެންމީހާ އެވެ.