Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 އޮކްޓޯބަރ 2020

އަނޫރާގް ބާސޫ ޑައިރެކްޓްކޮށްފައިވާ އެންތޮލޮޖީ ޑާކް ކޮމެޑީ "ލޫޑޯ" އަންނަ މަހުގެ 12 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަނޫރާގް ބާސޫ ޑައިރެކްޓްކޮށްފައިވާ އެންތޮލޮޖީ ޑާކް ކޮމެޑީ "ލޫޑޯ" އަންނަ މަހުގެ 12 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ކުރިން 2007 ގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެންތޮލޮޖީ ފިލްމު "ލައިފް އިން އަ...މެޓްރޯ" ގެނެސްދިން އަނޫރާގްގެ އާ ފިލްމުގެ ކާސްޓުންނަކީ އަބީޝެކް ބައްޗަނާއި ރާޖްކުމާރު ރާއޯ އާއި ފާތިމާ ސަނާ ޝެއިހާއި އަދތިޔާ ރޯއި ކަޕޫރާއި ސާނިއާ މަލްއުތުރާ އާއި ޕަންކަޖް ތުރިޕަތީ އާއި ރޯހިތު ސުރޭޝް ސަރަފާއި ޕާލް މާނީ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "ލޫޑޯ" ގެ ޓްރެއިލާ އިން ފިލްމަކީ ވަރަށް ޝައުގުވެރި އެއްޗަކަށްވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މީގެ އެއް ވާހަކަ އަނެއް ވާހަކައާ ގުޅިގެންދާ ގޮތް ވަރަށް ބަލާހިތްވާ ކަހަލަ ގޮތަކަށް ގެނެސްދޭނެ އެވެ.

"މާޑާ" އާއި "ބަރްފީ" ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގައި ރަންބީރް ކަޕޫރާއި ކެޓްރީނާ ކެއިފް ކުޅުނު "ޖައްގާ ޖާސޫސް" އެވެ.

ރާޖާއި ކްރިތީ އާ ފިލްމަށް ތައްޔާރު

ކުރިން "ރާބްތާ" އާއި "ބެރިލީ ކީ ބަރްފީ" ގައި މަސައްކަތްކޮށްފައިވާ ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަން ސޮއިކޮށްފައިވާ އާ ފިލްމުގެ ޝޫޓިން މި މަހުގެ 30 ގައު ފަށާ ގޮތަށް ނިންމައިފި އެވެ.

މި އަހަރު "އަނގްރޭޒީ މީޑިއަމް" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން ހަދާ އަދި ރަސްމީކޮށް ނަން އިއުލާންނުކުރާ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ ޗަންދީގަޅުގަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޑިމްޕަލް ކަޕާޑިއާ އާއި ޕަރޭޝް ރާވަލާއި އަޕަރްޝަކްތީ ކްރާނާގެ އިތުރުން ރަތުނާ ޕަތަކް ޝާހް ވެސް ހިމެނެ އެވެ. މި ކޮމެޑީ ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ޖެއިން އެވެ.

ކްރިތީގެ އަތުގައި މި ވަގުތު މެޑޮކްގެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ ޝޫޓިން ނިމި އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ "މިމީ" އެވެ. އެ ސްޓޫޑިއޯގެ "އިސްތިރީ" އާއި "މޭޑް އިން ޗައިނާ" ވެސް ކުޅުނު ރާޖްގެ އަތުގައި ވެސް ދިނޭޝްގެ އިތުރު ފިލްމެއް އެބައޮތެވެ. އެއީ "ރޫހީ އަފްޒާނާ" އެވެ.

ވިޝާލަށް އިތުރު ޓްރިލޮޖީއެއް

ޝޭކްސްޕިއާގެ ވާހަކަތަކަށް ޓްރިލޮޖީއެއް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އަނެއްކާ ވެސް ޓްރިލޮޖީއެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

އޭނާ މި ފަހަރު ހަދާ ތިން ފިލްމު ގެނެސްދޭން ނިންމާފައި ވަނީ ކުރީގެ ކުޅަދާނަ ލިޔުންތެރިޔާ އަގާތާ ކްރިސްޓީގެ ވާހަތަކަކަށެވެ. އެގޮތުން އެ ފިލްމު ހަދާނީ އަގާތާ ކްރިސްޓީ ލިމިޓެޑާ ގުޅިގެންނެވެ. ޓްރިލޮޖީގެ ތެރެއިން ހަދާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށާނެ އެވެ. އެކަމަކު އެއީ ކޮން ވާހަކައަކަށް ކޮން ކާސްޓަކާ އެކު ކޮން ނަމެއްގައި ހަދާ ފިލްމެއްކަން އަދި އިއުލާނެއްނުކުރެ އެވެ.

އަގާތާ އަކީ އިނގިރޭސި ލިޔުންތެރިއެކެވެ. އޭނާ ވަނީ 1976 ގައި މަރުވެފަ އެވެ.

ޝޭކްސްޕެއާގެ ވާހަކަތަކަށް ވިޝާލް ހެދި ފިލްމުތަކަކީ "މެކްބެތު" އަށް ހެދި "މަގުބޫލް" އާއި "އޯތެއްލޯ" އަށް ހެދި "އޯމްކާރާ" ގެ އިތުރުން "ހެމްލެޓް" އަށް ހެދި "ހައިދަރް" އެވެ. ވިޝާލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ޕަޓާޚާ" އެވެ.

އޭނާގެ ކުރިއަށް އޮތް އެއް ޕްރޮޖެކްޓަކީ ސަލްމާން ރުޝްދީގެ "މިޑްނައިޓްސް ޗިލްޑްރެން" އަށް ބިނާކޮށް ނެޓްފްލިކްސް އަށް ހަދާ ވެބް ސީރީޒެކެވެ.

ޝާހްރުކާއި ކާޖޮލްގެ ސްޓެޗޫއެއް ލަންޑަނަށް

ހިންދީ ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ރިލީޒްކުރިތާ އަންގާރަ ދުވަހަށް 25 އަހަރު ފުރިފައިވާ އިރު، އެ ފިލްމުގެ މަންޒަރުތަކެއް ނެގި އިނގިރޭސިވިލާތުގެ ލަންޑަންގައި ޝާހްރުކް ޚާނާއި ކާޖޮލްގެ ސްޓެޗޫއެއް ބަހައްޓަން ނިންމައިފި އެވެ.

އަންނަ އަހަރުގެ ބަހާރު މޫސުމުގައި ރަސްމީކޮށް ދައްކައިލަން ހަމަޖެހިފައިވާ ރަންވަންލޯ އިން ތައްޔާރުކުރާ ސްޓެޗޫ ބަހައްޓާނީ ލަންޑަންގެ ލިސެސްޓާ ސްކެއާގަ އެވެ. މި ވާހަކަ ވައިއާރްފްގެ މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ. ލިސެސްޓާގައި ޑީޑީއެލްޖޭ ލަވައެއްގެ މަންޒަރުތައް ނަގާފައިވެ އެވެ.

މި ފިލްމަކީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާ ލިޔެ، ޑައިރެކްޓޮށް 1995 ގައި ގެނެސްދިން ފިލްމެކެވެ. ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް އަދި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ "ޑީޑީއެލްޖޭ" އަކީ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.