Roadha Mihaaru
ކުއްލިއަކަށް ލީގު ހުއްޓާލުމުން ކޯޗުންނަށް ޗެެލެންޖް ބޮޑު

ކުއްލިއަކަށް ލީގު ހުއްޓާލުމުން ކޯޗުންނަށް ބޮޑު ޗެެލެންޖެއް

10 ފެބުރުއަރީ 2021

ނުވަ މަސް ދުވަހު ފުޓްބޯޅަ ހަރަކާތްތަކާ ދުރުގައި ތިބެފައި ފުޓްބޯޅަ ސީޒަން ފަށައިގެން މިވީ ހަތަރު މަހެވެ. ފުޓްބޯޅަ ފެށުމުގެ ހުއްދަ ލިބުމާ އެކު ފުރަތަމަ ދުވަހުން ފެށިގެން އެންމެ އިސް ކަމެއްގެ ގޮތުގައި މަސައްކަތްކުރީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރަން ކަމަށް ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވަނީ ބުނެފަ އެވެ. މި ވަގުތު ލީގު ހުއްޓާލުމާ އެކު ދެން އަލުން ފަށާއިރު ވެސް އެ ފަދަ އުނދަގޫތަކާ ކޯޗުންނަށް ކުރިމަތިލާން ޖެހޭނެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނުވަ މަސް ދުވަހު ފުޓްބޯޅަ ހަރަކާތްތަކާ ދުރުގައި ތިބެފައި ފުޓްބޯޅަ ސީޒަން ފަށައިގެން މިވީ ހަތަރު މަހެވެ. ފުޓްބޯޅަ ފެށުމުގެ ހުއްދަ ލިބުމާ އެކު ފުރަތަމަ ދުވަހުން ފެށިގެން އެންމެ އިސް ކަމެއްގެ ގޮތުގައި މަސައްކަތްކުރީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރަން ކަމަށް ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވަނީ ބުނެފަ އެވެ. މި ވަގުތު ލީގު ހުއްޓާލުމާ އެކު ދެން އަލުން ފަށާއިރު ވެސް އެ ފަދަ އުނދަގޫތަކާ ކޯޗުންނަށް ކުރިމަތިލާން ޖެހޭނެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާތާ ހަފްތާއެއްހާ ދުވަސް މިހާރުވެފައިވާއިރު، ދެން އަލުން ފަށާނެ ދުވަހެއް ވެސް ޔަގީންނުވެ ކޯޗުންނަށް މިހާރު މި އޮތީ އަނެއްކާ ވެސް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މާޒިޔާ، އީގަލްސް، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ވެލެންސިއާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗުން އިއްޔެ ވަނީ ކުއްލިއަކަށް ލީގު ހުއްޓާލުމުން ދިމާވާ އުނދަގޫތައް ފާހަގަކޮށްފަ އެވެ.

ކްލަބްތަކުން އިސްވެ އިއްޔެ މަޒާޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ކޯޗުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުން ހުއްޓާލާފައި އޮތުން ދިގު ދެމިގެންދާނެ މުއްދަތެއް ނޭނގޭއިރު، ހާއްސަ ހުއްދައެއްގެ ދަށުން ކުޅެމުން އަންނަ ލީގެއް ހުއްޓާލަން ޖެހުނު ސަބަބެއް ކަމާބެހޭ ފަރާތްތަކުން ވެސް ސާފުކޮށްދީފައިނުވާތީ އެވެ. އަދި އެކަމާ މަޝްވަރާއެއް ކޮށްލުމެއް ވެސް ނެތުމުންނެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސްތައް ފެށިގެން ގޮސް ވަރަށް ރަނގަޅަށް ކުރިށް ގޮސްފައި އޮއްވައި މުބާރާތް މެދުކަނޑާލަން ޖެހުނީ ކީއްވެ ކަމެއް ސާފުނުވާ ކަމަށެވެ. ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި އަބަދުވެސް އެޗްޕީއޭ އަށް ނުވިސްނޭ ކަމަކީ ފުޓްބޯޅަ އަކީ ކުޅިވަރަކަށް ވުރެން ބޮޑަށް ވަރަށް ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތެއްކަން ކަމުގައި ޝާޒް ބުންޏެވެ.

"ލީގު ފަށަން ހުއްދަ ދިނުމުގައި ވެސް ދަތިތައް ދިމާވި ވަރަށް ލަހުން ފުޓްބޯޅަ އަށް ހަމަޖެހިގެންދިޔައީ. މިއީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކުރާ ކަމެއް މިއީ. ހަގީގަތުގައި އޮފީސްތަކުގައި އުޅޭ ގިނަ މުވައްޒަފުންނަށް ވުރެ ބޮޑު މުސާރަ ދީގެން ކުރާ ކަމެއް މިއީ. އެކަން އެއް ގޮތަށް ވެސް އެޗްޕީއޭ އަށް ފާހަގަނުކުރެވޭ،" ޝާޒް ބުންޏެވެ.

"ފުޓްބޯޅަ ކުޅިވަރެއްގެ ތެރެއިން ނުކުމެ ވިޔަފާރި އަކަށް ބަދަލުވެގެން ހިނގައްޖެ. މިހާރު އަލަށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިއެއްގެ މުސާރަ ވެސް ބޮޑު. ދެން ނެޝަނަލް ޓީމުގެ ކުޅުންތެރިންގެ މުސާރަ ވެސް ބޮޑު. މިހާރު ސެމީ ޕްރޮފެޝަނަލޭ ނުބުނެވޭނެ. ސީދާ ޕްރޮފެޝަނަލް އެއީ 20،000 ރުފިޔާ އިން މަތީގައި ގިނަ ކުޅުންތެރިންގެ މުސާރަ މި ހުރީ. ހިއެއްނުވޭ މި ކަަހަލަ ކަންކަން ވެސް މާ ބޮޑަށް އާންމުންނަށް ސާފުވެފައި އޮންނަހެނެއް. ކަމެއް ހުއްޓާލާއިރު އޭގެއިން ވާނެ ގެއްލުމަށް ބަލަންޖެހޭނެ،"

ޝާޒް ބުނީ ކޮވިޑް-19 ކަހަލަަ ބަލިމަޑުކަމެއްގެ ތެރޭގައި ލީގު ހުއްޓާލަން ޖެހޭ ފަހަރު ވެސް އަންނާނެ ކަމަށާއި އެކަމަކު އެންމެ ފުރަތަމަ ކަމެއް ހުއްޓާލާއިރު ވެސް ޕްރޮފެޝަަނަލްކޮށް އެކަން ކުރާ ބަޔަކު ހުއްޓުވުން ރަނގަޅެއް ނޫން ކަމަށެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ލީގު ހުއްޓާލީ އަންގާރަ ދުވަހުގެރޭ 14 ދުވަހަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އެޗްޕީއޭ އިން އެންގި އެންގުމަށް ތަބާވުމުގެ ގޮތުންނެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މީގެ އެންމެ މުހިއްމު ކަމަކީ ކަމާބެެހޭ ފަރާތްތަކުން މީގެ ވާހަަކަ ދައްކައިގެން ހައްލެއް ހޯދުމަށް ކަމަށެވެ. އަދި ޕްރެކްޓިސް މިހެން ހުއްޓާލާފައި ހުންނައިރު ދެން އެންމެ ކަންބޮޑުވާ ކަމަކީ އަލުން ފެށޭނެ ދުވަހެއް ވެސް ނޭނގުން ކަމަށް ސާންތީ ބުންޏެވެ.

"މީގެ ތެރެއިން 95 ދުވަހު ޓީމާ އެކު އުޅެފައި ކުއްލިއަކަށް މެދުކަނޑާލަން ޖެހުނީމަ ވަރަށް އުނދަގޫ ކޮށް މި އުޅެނީ. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނުނު ކްލަބްތަކާއި އެފްއޭއެމް ގުޅިގެން ގައިޑްލައިނާ އެއްގޮތަށް މި ކަންތައްތަކަށް އަމަލުކުރިތަން. (ލީގު ހުއްޓާލުން) މީތި މިނޫން ގޮތަކަށް ވާން ޖެހޭ. ގައިޑްލައިންތައް ރިވައިސްކޮށްގެން ވިޔަސް. ވަރުގަދަ ކޮށްގެން ވިޔަސް ޕްރެކްޓިސް ފަށަން ވެސް ފުރުސަތު ލިބުން މުހިއްމު،" ސާންތީ ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކޮށްގެން ސީޒަން ފެށީ ވަރަށް ވަރުގަދަ ގައިޑްލައިނެއްގެ ތެރެއިން ކަމަށެވެ. އަދި ފުޓްބޯޅަ ކޮމިއުނިޓީތެރޭގައި ކްލަސްޓާއެއް ނެތި ލީގު ކުއްލިއަކަށް ހުއްޓާލަން ޖެހުމަކީ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އިންމަ ބުންޏެވެ.

ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ދިވެހިން ބޭނުންވަނީ ބަލައިލަން ހިތްފަސޭހަ ރީތި ފުޓްބޯޅައެއް ކަމަށާއި ނަމަވެސް އެކަން ކުރެވޭނެ މަގުތައް ތަނަވަސްވެފައި ނެތް ކަމަށެވެ. ފުޓްބޯޅައިގެ ކޮންޓްރޯލުން ބޭރުން ނިންމާ ނިންމުންތަކުގެ ސަބަބުން ލީގު ކުޅުން ހުއްޓާލާފައި އޮންނައިރު، މިކަމުގެ ސަބަބުން ގެއްލުންވަނީ ފުރަތަމަ ޑިިވިޝަނުގެ އަށް ކްލަބްގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމަށް ކަމަށް ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓަކަށް ހުރި މޯހަން ބުންޏެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރާނަން ދެ ހަފްތާ ދޫކޮށްފައި. ނޭނގެ ދެ ހަފްތާ ނޫނީ ތިން ހަފްތާ ދޫކޮށްފައި މި (ލީގު މެދުކަނޑާލުން) އެ ހިސާބަށް ގޮސްފިއްޔާ މާޗް މަހު މި އޮތް ވޯލްޑް ކަޕް ކޮލިފައިން ބޮޑު މެޗުތަކަށް ގައުމީ ޓީމު ކުޅުންތެރިން ފިޓެއް ނުވާނެ. ނަތީޖާ ނެރުމަކީ ގައުމީ ކޯޗަށް ވެސް ކުޅުންތެރިންނަށް ވެސް ވަރަށް އުނދަގޫ ކަމަކަށްވާނީ. އޭއެފްސީ ކަޕަށް ތައްޔާރުވާ ދެ ޓީމަށް ވެސް އެ ޗެލެންޖް ވަރަށް ބޮޑުވާނެ،" މޯހަން ބުންޏެވެ.

މިދިޔަ ދެ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ބިދޭސީ ކޯޗުންނަށް މަސައްކަތްކުރީ މާޒިޔާގެ ދެ ހެޑް ކޯޗުންނެވެ. އެއީ މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ އާއި މިހާރު އެ ޓީމާ ހަވާލުވެހުރި ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އެވެ. ފުޓްބޯޅައިގެ މި އަންނަ ބްރޭކްތަކުގެ ސަބަބުން ކުޅުންތެރިންނަށް ހުރި ގެއްލުއްތަކުގެ ވާހަކަ ސެކުލޮސްކީ ވަނީ މީގެ ކުރިން ފާހަގަކޮށްފަ އެވެ.

މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނީ ބިދޭސީ ކޯޗުން އެ ބޭނުންވާ ސްޓައިލަށް ކުޅެން ކުޅުންތެރިން ދަސްކުރާތަނުން ކޮންމެ ވެސް ކަހަލަ ބްރޭކެއް މީގެ ކުރިން އައިސްފައިވާ ކަމަށެވެ. ދާދި ފަހުން މާޒިޔާގެ ކޯޗަކަށް ގެނައި ވިޑަކޮވިޗް ޓީމު ރަނގަޅަށް އެކުލަވާލިތަނުން މި ގޮތަށް ލީގު ހުއްޓާލަން ޖެހުމުން އޭނާ ވެސް ހުރީ ކަންބޮޑުވެފައިކަމަށް ކޮއްކޮ ބުންޏެވެ.

"ކުރި މަސައްކަތް އަލުން ކުރަން މި ޖެހެނީ މިހެން ބްރޭކް އައީމަ. މެޗު ފިޓްނަސް ކަހަލަ އެއްޗެހި ސުމަކަށް މި ވެއްޓެނީ. ހަގީގަތުގައި މިހެންވާތީ ވަރަށް އުނދަގޫ،" ކޮއްކޮ ބުންޏެވެ.

ކްލަބް ގްރީން ސްޓްރީޓްސް އަކީ ނިސްބަތުން ބަލާއިރު ޒުވާން ކުޅުންތެރިން ގިނަ ސްކޮޑެކެވެ. އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ކަމާބެހޭ ފަރާތްތަކުން ލީގު ހުއްޓާލުން ކަހަލަ ނިންމުންތައް ނިންމާއިރު، މިކަމުން ލިބޭނެ ގެއްލުން ބެލުމެއްނެތި ފިޔަވަޅު އަޅާތީ މީހުންގެ ކުރިމަތީގައި ފުޓްބޯޅަ އަކީ ޕްރޮފެޝަން އެއް ގޮތަށް ބަލައިގަންނަން އުނދަގޫވާ ކަމަށެވެ.

"އެހެން ވީމަ މި ވާގޮތަކީ ސްކޫލް ނިންމާފައި މި ކުޅެން ފަށަނީ އެހެންވީމަ މުސާރަ ކަންތަކާ އެއްޗެހި ރަނގަޅަށް ނުދަންޏާ މިއީ ސީރިއަސް ޕްރޮފެޝަންއެއް ކަމަށް އަޅުގަނޑުމެންނަށް ޕްރެޒެންޓެއް ނުކުރެވޭ އެ ގޮތަށް ބަލާއިރު. މިއީ ދިވެހި ރާއްޖެ އަށް ލިބޭ ގެއްލުމެއް. ވަރަށް ގިނަ ޕްލޭޔަރުން ދާނެ އެހެން ޕްރޮފެޝަންސް އަށް،" ނިސްތާރު ބުންޏެވެ.

ވެލެންސިއާގެ އިސް އޮފިޝަލް އަދި އެސިސްޓަންޓް ކޯޗު އިލްމާއު ހުސެއިން (މައު) ބުނީ ޕްރެކްޓިހާއި ލީގު އަލުން ފަށަން ސިއްހީ ދާއިރާތަކުން ބޭނުންވާ ކޮންމެ ގައިޑްލައިނަކާ އެއްގޮތަށް އަމަލުކުރަން ފުޓްބޯޅަ ކްލަބްތައް ތައްޔާރަށް ތިބި ކަމަށެވެ. އަދި މީގެ އޮތް ހައްލަކީ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައިގެން މެޗުތައް ފެށުން ކަމުގައި ވިޔަސް އެ ގޮތަކަށް ވެސް ކުރިއަށްދާން ތައްޔާރަށް ތިބި ކަމަސް މައު ބުންޏެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސް ފަށަން ހުއްދަ ދޭން ނިންމީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންތަކެއް އިސްނަގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވަން ނިންމަވާފައިވަނިކޮށެވެ. ކްލަބްތަކުގެ ސީނިއާ މެނޭޖްމަންޓުން އިއްޔެ ބުނީ ކްލަބްތަކުން މި އެދޭ ކަންތައްތަކަށް ހައްލެއް ހޯދުމަށް ފުރުސަތެއް ލިބިއްޖެނަަމަ ރައީސްއާ ބައްދަލުކުރަން ވެސް ތައްޔާރަށް ތިބި ކަމަށެވެ.